ރިސޯޓުގައި ބަންދުވެފައި ތިބި ތިބުން އެޗްޕީއޭއިން ނިމުމަކަށް ގެނައިކަމަށް ރިސޯޓު މެނޭޖުމަންޓުން މުވައްޒަފުންނަށް އެންގުމުން އަބުދުއްރަޙްމާން (އެދުމުގެ މަތިން ލިޔުމުގައި ނަން ބަދަލުކުރެވިފައި) ވެސް ދަބަސް ހިފައިގެން އަންގާފައިވާ ގަޑިއަށް ޖެޓީއަށް ނުކުތުމަށް ހިނގައިގަތެވެ.
ރިސޯޓު މެނޭޖުމަންޓާއި ކުރެވުނު އެންމެ ފަހު ބައްދަލުވުމުގައި ރަހުމާނު މޮޅިން ޖެހި އިސް އަދި ނުނަގަނީސް، މިއޮތީ ރަށަށް ދާން ޖެހިފައެވެ. މިވާހަކައިގެ ތަފުސީލަށް ދެވުމުގެ ކުރިން ރަހުމާނާއި ގުޅޭ ދެތިން ވާހަކައެއް ދަންނަވާލާނަމެވެ.
އަބުދުއްރަޙްމާނަކީ ހދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ، 20 އަހަރަށް ވުރެ ގިނަ ދުވަހު ފަތުރުވެރިކަމުގެ ސިނާއަތަށް ޚިދުމަތްކޮށްފައިވާ ޚިދުމަތްތެރިއެކެވެ. އޭނާގެ ފަސް ކުދިންނާއި އަނބި މީހާ ތިބީ ރަށުގައެވެ. ކޮވިޑް-19 ގެ ސަބަބުން ރިސޯޓު ބަންދުގައި ހުރިއިރު އެންމެ ބޮޑަށް ދެކޭ ހިތުން ކެތްމަދުވެފައި ހުރީވެސް އަނބިދަރީންނެވެ.
ދޮށީދަރިފުޅު ސަރުކާރުގެ ވަޒީފާއެއްގައި އުޅޭތީ ރަހްމާނަށް ނޯޕޭ ލީވަށް ދާންޖެހުނަސް ދަރިފުޅަށް ލިބޭ ހައެއްކަ ހާސް ރުފިޔާއިން ޢާއިލާގެ ކަންކަން ކޮންމެވެސް ވަރަކަށް ފަރުޖައްސާނެ ގޮތް ދެމަފިރިން ތިބީ ފޯނުން ހިނގި މަޝްވަރާތަކުގައި ނިންމައިގެންނެވެ. އެކަމަށް އޮތް ނުތަނަވަސް ކަމަކީ ދަރިފުޅުވެސް އަތްބަކާއި ދަރިއެއް ތިބީތީ ލިބޭ އާމްދަނީން ފަރުޖައްސަން ދަތިވާނެތީއެވެ.
ރަޙުމާނު ނިންމައިގެން ހުރީ ރަށަށް ދެވުމާއި އެކު އަންހެނުން ގޮވައިގެން ދަނޑު ހައްދަށް ނުކުންނާށެވެ. އެރަށަކީ ކުރިން ވަރަށް ދަނޑުވެރި ރަށެކެވެ. މިހާރު ދަނޑު ހައްދަނީ ހައެއްކަ މީހުންނެއްކަމަކު، ރަށުގެ ބިންގަނޑު ދަނޑުވެރިކަމަށް ފައްކާވުމުން ވިޔަފާރި އުސޫލުން ރަށުން ބޭރު މީހަކު ދަނީ ބޮޑު ސަރަޙައްދެއްގައި ދަނޑުވެރިކަން ކުރަމުންނެވެ. މީގެ ހައެއްކަ އަހަރު ކުރިއަށް ޖެހިލާނަމަ ހދ. އަތޮޅުން އެންމެ ރަނގަޅަށް ކަރާ ހައްދާ ރަށަކީ ރަޙްމާނުގެ ރަށް ކަމަށް ބުނުން ދޮގަކަށް ނުވާނެއެވެ.
މިހިސާބުން ޖެޓީއަށް އާދެވިއްޖެއެވެ. އެއިރު ޖެޓީމަތީގައި އެ ރިސޯޓުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން ފުރަން ނުކުމެ ތިއްބެވެ.
ކޮވިޑް-19ގެ ސަބަބުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ފަތުރުވެރިން އެެތެރެވުން މަނާކޮށްފައިވާތީ، މުޅި ފަތުރުވެރި ކަމުގެ ސިނާއަތު ހުއްޓި އެ ދާއިރާ ކޮޅަށް ޖެހި މަސައްކަތްތެރީންނަށް ކުރުވީ ފުން އަސަރެކެވެ. ކޮވިޑް-19ގެ ހިތި ރަހަ އަރުބުޑުގައި ނުލާ ސިނާއަތެއް ނެތްމެއެވެ.
އެހިތް ދަތިކަމުގައި ރަޙްމާނުވެސް ފުރަން ނުކުމެ ހުއްޓަސް މާދަމާވެސް ރަށަށް ދެވޭނެ ކަމެއް ނޭނގެއެވެ. މާދަމާ ކުޅުދުއްފުށްޓަށް ފުރަން އޮތް ބޯޓު އޮތީ ފުލް ވެފައެވެ. މާދަމާ ކުޅުދުއްފުއްޓަށް ފްލައިޓެއް ނެތެވެ. ދެން އޮތީ ހަނިމާދޫ މަގުން ޖާގައެއް ލިބޭތޯ ބެލުމެވެ. ހަނިމާދޫއަށް ވެސް އަޅަނީ ދުވާލަކު ފްލައިޓެއްކަމަށް އަޑު އަހާފާ އޮތީތީ ހަނިމާދޫ މަގުންވެސް މާދަމާ ދެވޭނެ ކަމެއް ނޭންގެއެވެ.
ރިސޯޓުން ފުރުން ލަސްވެއްޖެއެވެ. އެޗްޕީއޭއިން މީހުން ފޭބުމުގެ ހުއްދަ ދިން 107 ރިސޯޓުތެރޭ އަދި އެރަށުގެ ނަމެއްނެތެވެ. އެހެންކަމުން ހުއްދަ ލިބެންދެން އެސަރަހައްދުގައި މަޑުކޮށްލަދޭން އެދުނެވެ.
ރަޙުމާނު ފޯނުން އަޅުގަނޑަށް ގުޅާލީ އެހިސާބުންނެވެ.
"މިހިރީ މާލެ ދާން ފުރަން ނުކުމެ، ތިނެއް ޖަހާއިރު ނުކުތް ގޮތަށް މިތިބީ، އެޗްޕީއޭއިން ހުއްދަ ދިން ރިސޯޓުތައް ލިސްޓުގައި މިރިސޯޓުގެ ނަމެއް އަދި ނެތް، ހުއްދަ ލިބެންދެން މަޑުކޮށްލައިގެން މިތިބީ"
ހިތުގައި ޖެހިފައިހުރި ރާގަކަށް ރަޙުމާނު ފޯނުން ވާހަކަ ދެއްކަމުން ކިޔާދިނެވެ.
"ރިސޯޓު ހުސްވުމުން މެނޭޖުމަންޓުން ބައްދަލުކުރި، އެދުވަހު ބުނި ދެމަހުގެ މުސާރައާއި އެއްމަހުގެ ނޯޕޭލީވް ދޭނެ ކަމަށް، ހުއްދަ ލިބުމުން ރަށަށް ފޮނުވާނެ ކަމަށް، މިއަދު ގެންގޮސްފައި ބުނީ އެއްވެސް މަހެއްގެ މުސާރަ ދެވެން ނެތްކަމަށް، ތިން މަހުގެ ނޯޕޭކަމަށް ދެވޭނީ، ރިސޯޓުގައި މަޑު ކުރިއަސް މުސާރަ ދެވެން ނެތްކަމަށްވެސް ބުނި."
އެތައްދުވަހަކު އަމިއްލަ ގެދޮރުކަމަށް ބަލައިގެން އުޅުނު ރިސޯޓުން ދެއްކި ވާހަކަ ތައް ހިއްސާކުރަމުން ބުނެފައި ވެއެވެ.
ރަޙުމާނު ބުނީ، ފަހަކަށް އައިސް ކެއުންވެސް އޮތީ ފާޑަކަށް ކޮންޓްރޯލު ކޮށްފައިކަމަށާއި، މިހާލަތުންވެސް ފުރައިގެން ދެވޭނެ ގޮތް ވެއްޖެ ނަމަ ﷲ އަށް ޝުކުރު ކުރާކަމަށެވެ.
" ރިސޯޓު ހުސްވުމުން މެނޭޖުމަންޓުން ބައްދަލުކުރި، އެދުވަހު ބުނި ދެމަހުގެ މުސާރައާއި އެއްމަހުގެ ނޯޕޭލީވް ދޭނެ ކަމަށް، ހުއްދަ ލިބުމުން ރަށަށް ފޮނުވާނެ ކަމަށް، މިއަދު ގެންގޮސްފައި ބުނީ އެއްވެސް މަހެއްގެ މުސާރަ ދެވެން ނެތްކަމަށް، ތިން މަހުގެ ނޯޕޭކަމަށް ދެވޭނީ، ރިސޯޓުގައި މަޑު ކުރިއަސް މުސާރަ ދެވެން ނެތްކަމަށްވެސް ބުނި."
ފަނަވަރަކަށް މިނެޓަށް ދިގު ދެމުނު ރަޙުމާނު ފޯނުގެކޯލު ނިންމާލާފައި ގަޑި ބަލައިލީމެވެ. ގަޑިން 18:17 އެވެ. ރަހުމާނުމެން ފުރަން ނުކުމެ ތިބޭތާ ތިން ވަރަކަށް ގަޑިއިރު ވީތާއެވެ.
މި އަޑަކީ ހަމައެކަނި ރަޙުމާނުގެ މޮޅިވެރިކަމުގެ އަޑެއް ނޫނެނެވެ. ރަޙުމާނު ފަދައިން ކަށިން ހިތްވަރުލައި، ރިސޯޓުތައް ފައްކާކޮށް ޚިދުމަތް ކުރި އެތައް ދަރިންނެއް މިއަދު ރަށަށް އެފުރަނީ ހުސްއަތާއެވެ. ބައެއް ރިސޯޓުތަކުގެ އަޅާލުން ރަނގަޅު ނަމަވެސް މިތަޖުރިބާ ކުރާ އެތައް ދިވެހިދަރިންނެއް ރޯލާފައި އެފުރަނީ އަނބި ދަރިން ކައިރިއަށް ދާށެވެ! ހާލަތު ރަނގަޅު ވުމުން މާދަމާވެސް ކުޑަ މުސާރައަށް ޚިދުމަތް ކުރަން އަންނާނެ ކަމުގެ ވަޢުދާއެކުއެވެ.
ނޯޓް: މި ރިޕޯޓުގައި ރިސޯޓުގެ ނަން ހިމަނާފައި ނުވަނީ ރަހުމާނުގެ އެދުމުގެ މަތިން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!