މިއީ ނޮވެލް ކޮރޯނާ ވައިރަސް ބަލި (ކޮވިޑް-19) އިން ރައްކާތެރިވުމުގެ ގޮތުން "ބެލެނިވެރިންނަށް މުހިއްމު މަޢުލޫމާތު - ތިބާއާއި ތިބާގެ ދަރިފުޅު ރައްކާތެރިކަން ހޯދާނެ ގޮތް" މިމަޢުލޫއަށް ޔުނިސެފް އިން ނެރެފައިވާ އިރުޝާދުތައް ހިމަނައިގެން އެކުލަވާލެވިފައިވާ ރިޕޯޓެކެވެ.
ކޯވިޑް - 19 ވައިރަސް ފެތުރެނީ ކިހިނެތް ؟
މިވައިރަސް ފެތުރެނީ ވައިރަސް ޖެހިފައިވާ މީހެއްގެ ނޭވާލާ ނިޒާމުން ބޭރުވާ ތިއްކެއް ނުވަތަ ކުޅު (ކެއްސައި ނުވަތަ ކިނބިހި އެޅުމުން ބޭރުވާ ތިކި) އެހެން މީހެއްގެ ގަޔަށް އެރުމުން، ނުވަތަ ވައިރަސް ހަރުލާފައިވާ ތަނެއްގައި ނުވަތަ އެއްޗެއްގައި އަތް ހޭކިއްޖެނަމައެވެ. ކޯވިޑް-19 ވައިރަސް އަކީ ތަންތަނުގައި އެތައް ގަޑި އިރެއް ވަންދެން ހަރުލާފައި ހުންނަ އެއްޗެއް ނަމަވެސް، ވައިރަސްގެ އަސަރު ހުންނަ ތަނެއް ޑިސްއިންފެކްޓް ކުރުމުން ވައިރަސް ފަނާވެގެންދެއެވެ.
ކޮރޯނާވައިރަސްގެ ޢަލާމާތްތަކަކީ ކޮބާ ؟
ބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ހުން އައިސް، ކެއްސުން އަދި ނޭވާ ކުރުވުން ހިމެނެއެވެ. އަދި ބައެއް ނުރައްކާތެރި ކޭސްތަކުގައި އިންފެކްޝަންގެ ސަބަބުން ނިއުމޯނިއާ ޖެހި، ނުވަތަ ނޭވާލާން އުނދަގޫވާ ދަރަޖައަކަށް ހިނގައިދާނެއެވެ. އަދި މަދު ހާލަތެއްގައި، މި ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވާ ދަރަޖައަކަށްވެސް ހިނގައިދާނެއެވެ. ބަލީގެ ޢަލާމާތްތަކަށް ޢާންމުކޮށް ހުންނަނީ އިންފްލުއެންޒާ ނުވަތަ ޢާންމު ރޯގާގެ ނިޝާންތައް ފަދަ ނިޝާންތަކެވެ. ޢާންމު ރޯގާތަކަކީ ކޯވިޑް-19 އަށްވުރެ ޢާންމު ބަލިތަކެވެ. އެހެންކަމުން، ޓެސްޓެއް ހަދައިގެން ނޫނީ މީހަކަށް ޖެހިފައިވަނީ ކޯވިޑް-19 ތޯ ޔަޤީން ނުކުރެވޭނެއެވެ. ރޯގާ ބަލިތައް ފެތުރުން ކޮންޓްރޯލް ކުރަން އަޅަން ޖެހެނީ އެއްކަހަލަ ފިޔަވަޅުތަކެކެވެ. އޭގެ ތެރޭގައި ގިނަ ގިނައިން އަތް ދޮވުން، އަދި ސާފުތާހިރުކަމުގެ އާދަތައް ހިމެނެއެވެ. މިސާލަކަށް ކެއްސައި، ކިނބިހި އަޅާއިރު އުޅަނބޮށީގެ އެތެރެއަށް ނުވަތަ ޓިޝޫއަކަށް ކިނބިހި އެޅުމަށްފަހު، ބަންދު ކުރެވޭ ވަށިގަނޑަކަށް ޓިޝޫ ލުން ހިމެނެއެވެ. އަދި ފްލޫ ގެ ފަރުވާއަށް ވެކްސިން ވާހިނދު، ތިބާއާއި ދަރިފުޅު ފްލޫގެ ވެކްސިން ޑޯޒްތައް ހަމައަށް ނަގައިގެން ތިބުމަށް ހަނދާންކުރާށެވެ.
އިންފެކްޝަނަކުން ރައްކާތެރިވާނީ ކިހިނެތް ؟
ތިރީގައި މިވަނީ ތިބާއާއި ޢާއިލާގެ މީހުން، އިންފެކްޝަނުން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކެވެ.

- ފެނާއި ސައިބޯނި ލައިގެން ނުވަތަ އަލްކަހޯލް ހިމެނޭ ސެނިޓައިޒަރ އެއް ބޭނުންކޮށްގެން، ގިނަ ގިނައިން އަތް ދޮންނާށެވެ.
- ކެއްސައި، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް، ޓިޝޫއިން ނުވަތަ އުޅަނބޮށީގެ އެތެރެއިން ނިވާކުރާށެވެ. އަދި ބޭނުންކޮށްފައިވާ ޓިޝޫ ރައްކާތެރިކަމާއެކު އަވަހަށް ނައްތާލާށެވެ.
- އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި މީހުންނާ ގާތްނުވާށެވެ.
- ތިބާ ނުވަތަ ދަރިފުޅު ހުން އައިސް، ކެއްސައި ނުވަތަ ނޭވާލާން އުނދަގޫވާނަމަ، ޞިއްޙީ ފަރުވާ އަވަހަށް ހޯދާށެވެ.
އަތް ދޮންނަން އެންމެ ރަނގަޅު ގޮތަކީ ކޮބާ ؟
ފިޔަވަޅު 1 :އިސްކުރަކުން އަންނަ ފެނުން ދެ އަތްތިލަ ތެންމާލާ.
ފިޔަވަޅު 2 :މުޅި އަތްތިލައިގައި ހޭކޭ ވަރަށް ސައިބޯނި ލުން.
ފިޔަވަޅު 3 :އަތްތިލައިގެ ހުރިހާ ދިމާލެއް، މަދުވެގެން 20 ސިކުންތު ވަންދެން އުނގުޅާ. ދެ އަތް އުނގުޅާއިރު އަތްތިލައިގެ ފަހަތާއި، އިނގިލިތަކުގެ ދޭތެރެއާއި، ނިޔަފަތިތަކުގެ އަޑި ހިމެނެންވާނެ.
ފިޔަވަޅު 4 :ފެން އިސްކުރު ދޫކޮށްލާފައި ރަނގަޅަށް ފެނުން އަތް ދޮވެލާ.
ފިޔަވަޅު 5 :ސާފު ތުވާއްޔަކުން ނުވަތަ އެއްފަހަރު ބޭނުންކުރާ ތުވާލި ކޮޅަކުން ދެ އަތްތިލަ ހިއްކާލާ. ގިނަ ގިނައިން އަތް ދޮންނަން އާދަކުރާށެވެ. ޚާއްސަ ގޮތެއްގައި، ކެއުމުގެ ކުރިންނާއި، ނޭފަތް ފޮޅައި ނުވަތަ ކެއްސައި، ކިނބިހި އެޅުމަށް ފަހުގައާއި، ފާޚާނާ ބޭނުންކުރުމަށް ފަހުއެވެ. އަތް ދޮވުމަށް ފެނާއި ސައިބޯނި ފަސޭހައިން ލިބެން ނެތްނަމަ، އެންމެ މަދުވެގެން 60 %އަލްކަހޯލް ހިމެނޭ ސެނިޓައިޒަރ އެއް ބޭނުންކުރާށެވެ. އަދި ފެންނަ ފެނުމަށް އަތްތިލަ ހަޑިވެފައި ހުރިނަމަ، އަބަދުވެސް ފެނާއި ސައިބޯނި ލައިގެން އަތް ދޮންނާށެވެ.
މޫނުގައި ސާރޖިކަލް މާސްކެއް ބޭނުންކުރަންޖެހޭތަ ؟
މޫނުގައި ސާރޖިކަލް މާސްކެއް އަޅައި ނިވާކުރުމަށް އިލްތިމާސްކުރެވިފައިވަނީ، ރޯގާގެ ޢަލާމާތްތައް (ކެއްސުމާއި ކިނބިހި އެޅުން) ހުރި ނަމައެވެ. އެއީ އެހެން މީހުންގެ ރައްކަލަކަށެވެ. މިފަދަ ޢަލާމާތެއް ނެތް ނަމަ، މާސްކު އަޅާކަށް ނުޖެހޭނެއެވެ. މާސްކު އަޅާނަމަ، ބޭނުންކުރަންޖެހޭ ގޮތަށް މާސްކު އެޅުން މުހިއްމެވެ. އަދި ވައިރަސް ފެތުރުނަ ނުދިނުމަށް، ހެޔޮގޮތުގައި ނައްތާލުންވެސް މުހިއްމެވެ. އިންފެކްޝަނުން ރައްކާތެރިވުމަށް، މާސްކު އެކަނި އެޅުމުންވެސް ނުފުދޭނެއެވެ. ގިނަ ގިނައިން އަތްދޮވުމާއި، ކެއްސައި ކިނބިހި އަޅާއިރު އަނގަ ނިވާކުރުމާއި، ރޯގާ ގެ އަލާމާތްތައް )ކެއްސުން، ކިނބިހި އެޅުން، ހުން އައުމުގެ އަލާމާތްތައް( ފެންނަ އެހެން މީހަކާ ގާތް ނުވުންވެސް މުހިއްމެވެ.
ކޮރޯނާ ވައިރަސްއާއި ގުޅޭ ގޮތުން ބެލެނެވެރިންނަށް އެނގެންޖެހޭ 6 ކަމެއް:
ކޯވިޑް - 19 ކުޑަކުދިންނަށް ޖެހުމުގެ ފުރުސަތު އޮވޭތަ؟
މިވައިރަސްއަކީ އާ ވައިރަހެއްކަމުން، އަދި މާ ގިނަ ހޯދުންތަކެއް ހޯދިފައިނެތުމާއެކު، މި ވައިރަހުން ކުޑަކުދިންނަށާއި މާބަނޑު މީހުންނަށް އަސަރުކުރާ ގޮތާބެހޭ މާ ގިނަ މަޢުލޫމާތެއް އަދި ނެތެވެ. ކޮންމެ އުމުރެއްގެ މީހަކަށްވެސް މިބަލި ޖެހިދާނެކަމުގެ ފުރުސަތު އޮތްކަން ހާމަވެފައިވީ ނަމަވެސް، މިހާތަނަށް ކޯވިޑް-19 ކުޑަކުދިންނަށް ޖެހިފައިވާ މިންވަރު ނިސްބަތުން މަދެވެ. ވަރަށް މަދު ހާލެއްގައި މިވައިރަސްގެ ސަބަބުން ފުރާނައަށްވެސް ގެއްލުންވެއެވެ. މިހާތަނަށް ބެލި ބެލުމުން މައިގަނޑުގޮތެއްގައި މި ބަލި ނުރައްކާތެރި ދަރަޖައަށް ދިޔުމުގެ ފުރަސަތު އޮތީ، ބޮޑެތި ބަލި ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށެވެ.
ކޯވިޑް - 19 ގެ ޢަލާމާތެއް ކުއްޖާގެ ކިބައިން ފެނިއްޖެނަމަ ކަންތައް ކުރާނީ ކިހިނެތް ؟
ކުއްޖާގެ ކިބައިން ޢަލާމާތެއް ފެނިއްޖެނަމަ ޞިއްޙީ ފަރުވާ ހޯދާށެވެ. ނަމަވެސް، އުތުރު ހެމިސްފިއަރގައި މިދުވަސްވަރަކީ ފްލޫ ސީޒަންކަން ހަނދާން ބަހައްޓައި، ކޯވިޑް-19 ގެ ޢަލާމާތްތަކާއި ޢާންމު ރޯގާއާއި ހުމުގެ ޢަލާމާތްތަކާ (ކެއްސުމާއި ހުން އައުން) އެއްގޮތް ގިނަ ސިފަތަކެއް ހުންނަކަން ހަނދާންކުރާށެވެ. އަދި ޢާންމު ރޯގާގެ ބަލިތަކަކީ ކޯވިޑް-19 އަށް ވުރެ ޢާންމު ބަލިތަކެކެވެ. ވައިރަހާއި ޖަރާސީމުން ޖައްސާ ބަލިތަކުން ކުދިން ރައްކާތެރިކޮށްދިނުމަށް، ވެކްސިން ޖެހުމުގެ ޝެޑިއުލާ އެއްގޮތަށް ކުދިންނަށް ވެކްސިން ދީ، އަދި ގިނަ ގިނައިން އަތް ދޮވުން ފަދަ ސާފުތާހިރުކަމުގެ އާދަތަކުގައި ހިފަހައްޓާށެވެ. ނޭވާލާ ނިޒާމަށް އަސަރުކުރާ ރޯގާއެއްގެ އަސަރު ތިބާގެ ނުވަތަ ކުއްޖާގެ ކިބައިން ފެނިއްޖެނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދާށެވެ. އަދި އެހެން މީހުންގެ ރައްކަލަށްޓަކައި، ޢާންމުން އެއްވެ އުޅޭ ތަންތަނަށް (ޢާންމު ދަތުރުފަތުރު ކޮށް، ނުވަތަ އޮފީހަށް، ނުވަތަ ސްކޫލަށް) ނުދާށެވެ.
ޢާއިލާގެ މީހެއްގެ ކިބައިން ޢަލާމާތެއް ފެނިއްޖެނަމަ ކަންތައް ކުރާނީ ކިހިނެތް؟
ތިބާ ނުވަތަ ދަރިފުޅު ހުން އައިސް، ކެއްސައި، ނުވަތަ ނޭވާލާން އުނދަގޫވާނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދާށެވެ. އަދި ކޯވިޑް-19 ގެ އަސަރު ފެނިފައިވާ ސަރަޙައްދަކަށް ދަތުރުކޮށްފައިވާނަމަ، އެކަން ލަސްނުކޮށް ޞިއްޙީ އެހީތެރިޔަ ކަށް އަންގަންވާނެއެވެ. ނުވަތަ އެފަދަ ސަރަޙައްދަކަށް ދަތުރުކޮށްފައިވާ މީހެއްގެ ކިބައިން ބައްޔަށް ޝައްކުވާ ޢަލާމާތެއް ފެނި، އެމީހަކާ ގާތްވެވިފައިވާނަމަ، އެކަންވެސް ލަސްނުކޮށް އަންގަންވާނެއެވެ.
ކުއްޖާ ސްކޫލަށް ނުފޮނުވާ މަޑުކުރުވަންވީތަ ؟
ކުއްޖާގެ ކިބައިން ޢަލާމާތެއް ފެންނަ ނަމަ، ޞިއްޙީ ފަރުވާ ހޯދައި، ޞިއްޙީ އެހީތެރިޔާގެ އިރުޝާދުތަކަށް ބޯލަނބަންވާނެއެވެ. ޢަލާމާތްތައް ފެންނަހާ ހިނދަކު، އެހެނިހެން ރޯގާއެކޭ އެއްފަދައިން، ގޭގައި ކުއްޖާ އަރާމުކުރުވާށެވެ. އަދި އެހެން މީހުންގެ ރައްކަލަކަށްޓަކައި، ޢާންމުން އެއްވެ އުޅޭ ތަންތަނަށް ކުއްޖާ ނުގެންދާށެވެ. ޢާންމު ޞިއްޙަތާ ބެހޭ ފަރާތަކުން ކުދިން ސްކޫލަށް ނުފޮނުވުމަށް އިލްތިމާސްކޮށް ރަސްމީ އިރުޝާދެއް ދީފައިނުވާނަމަ، އަދި މިއާއެކު ކުއްޖާގެ ކިބައިން ހުމާއި ކެއްސުން ފަދަ ޢަލާމާތެއް ނުފެންނަ ނަމަ، ކުއްޖާ ސްކޫލަށް ފޮނުވަމުން ގެންދިޔުމަކީ އެންމެ
ރަނގަޅު ކަމެކެވެ. އަދި ސްކޫލަށް ނުފޮނުވުމުގެ ބަދަލުގައި، އެކުދީންނަށް ސްކޫލުތެރޭ ގައި ނުވަތަ އެހެން ތަނެއްގައި ކުރެވިދާނެ ސާފުތާހިރުކަމުގެ އާދަތައް ކިޔައިދޭށެވެ. ގިނަ ގިނައިން އަތްދޮވުމާއި، ކެއްސައި ކިނބިހި އަޅާއިރު އުޅަނބޮށީގެ އެތެރެއިން ނުވަތަ ޓިޝޫއަކުން އަނގަ ނިވާކުރުމާއި، ބޭނުންކޮށްފައިވާ ޓިޝޫ ޓައްޕަކަށް ލައި ބަންދުކުރުމަށާއި އަދި އަތް ނުދޮވެ ލޮލާއި، އަނގައާއި ނޭފަތުގައި އަތްނުލުމަށް ކިޔައިދެވިދާނެއެވެ.
މާބަނޑު މީހާގެ ފަރާތުން ބަނޑުގައި އޮތް ދަރިފުޅަށް ބަލި ޖެހިދާނެތަ؟
މާބަނޑުއިރު މަންމަގެ ފަރާތުން ބަނޑުގައިވާ ދަރިފުޅަށް ވައިރަސް ވާސިލުވުމާ ބެހޭ ގޮތުންނާއި، ދަރިފުޅަށް ކޮށްފާނެ
އަސަރުތަކާގުޅޭ މާގިނަ ހޯދުންތަކާއި ހެކި އަދި ލިބިފައެއް ނެތެވެ. މިއީ އަދި ހޯދާ ބަލަމުންދާ ކަމެކެވެ. ވައިރަހުން ރައްކާތެރިވުމަށް އެޅުން މުހިއްމު އެންމެހައި ފިޔަވަޅުތައް މާބަނޑު އަންހެނާ އަޅަމުން ގެންދިޔުން މުހިއްމެވެ. އަދި ކެއްސައި، ހުން އައިސް، ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ ޢަލާމާތެއް ކުރިމަތިވެއްޖެނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދާށެވެ.
ކޮރޯނާ ވައިރަސް ޖެހިފައިވާނަމަ، ދަރިފުޅަށް ގާތުން ކިރުދިނުމަކީ ރައްކާތެރިކަމެއްތަ؟
ބަލިފެތުރެމުންދާ ނުވަތަ ބަލި ފެތުރިގެންދިޔުން އެކަށީގެންވާ ހިސާބެއްގައި ހުރި އެއްވެސް މަޔަކަށް، ކެއްސައި، ހުން އައިސް، ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ ޢަލާމާތެއް ކުރިމަތިވެއްޖެނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދާށެވެ. އަދި ޞިއްޙީ އެހީތެރިޔާގެ އިރުޝާދުތަކަށް ބޯލަނބާށެވެ. ގާތުން ކިރުދިނުމަކީ ވަރަށް ފައިދާ ގިނަ ކަމަކަށްވާތީ، ސާފުތާހިރުކަމުގެ ހުރިހާ ފިޔަވަޅެއް ނަގައިފިނަމަ، ގާތުން ކިރުދިނުމަކީ އެންމެ ރަނގަޅުކަމެކެވެ. އެއީ ސީދާ މައިމީހާގެ ކިރުން ކުއްޖާއަށް ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރެން ދިމާ ނުވާތީއެވެ. ޢަލާމާތްތައް ފެންނަ ނަމަވެސް ގާތުން ކިރުދިނުމަށް ޞިއްޙީ ހާލަތު ތަންދޭނަމަ ، ކުއްޖާގެ ގާތުގައި ހުންނަ ވަގުތު (ކިރުދެމުންދާ ވަގުތުވެސް) ސާރޖިކަލް މާސްކެއް އަޅަންވާނެއެވެ. އަދި ކުއްޖާ ގައިގައި އަތްލުމުގެ ކުރިންނާއި އަތްލުމުގެ ފަހުން (ކިރުދިނުމަށް ފަހުވެސް) ރަނގަޅަށް އަތް ދޮންނާށެވެ. ބޮޑު މީހެއްވިޔަސް، ކުޑަކުއްޖެއް ނަމަވެސް، ކޯވިޑް-19 އަށް ޝައްކުވާނަމަ ނުވަތަ ބަލިޖެހިފައިވާނަމަ މިފަދަ ސާފުތާހިރުކަމުގެ ފިޔަވަޅުތައް ނަގަންވާނެއެވެ. ގާތުން ކިރުދެވޭ ވަރަށް ވުރެ މައިމީހާ ބަލިނަމަ، ކިރު ނަގައިގެން ސާފު ތަށްތަކާއި ސަމުސަލަކުން ކުއްޖާއަށް ކިރުދޭށެވެ. އަދި މިގޮތަށް ކިރު ނެގުމުގައި އިންފެކްޝަނުން ސަލާމަތްވުމަށް ނަގަންޖެހޭ އެންމެހައި ފިޔަވަޅުތައް ނަގަންވާނެއެވެ.
ހަނގާކުރުމާއި ތަފާތުކުރުމުގެ ޢަމަލުތަކާ ހެދި އަހަރެން ވަރަށް ކަންބޮޑުވެއެވެ. މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން އެންމެ ރަނގަޅީ ކިހިނެތް ހެއްޔެވެ؟
ކޮރޯނާ ވައިރަސްގެ ސަބަބުން ތިބާ ހާސްވެ ކަންބޮޑުވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް، ހާސްކަމާއި ތަފާތުކުރުންތަކުގެ
ސަބަބުން އެދަނޑިވަޅެއް އިތުރަށް ގޯސްވެގެން ހިނގައިދާނެއެވެ. މިސާލަކަށް، އޭޝިޔާ ނަސްލުގެ މީހުންނަށް ދިމާވަމުންދާ ތަފާތުކުރުމުގެ އެކި މައްސަލަތައް މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ ޢާންމުވަމުންނެވެ. މީގެ ތެރޭގައި ޖިސްމާނީ އަދި ބަހުގެ ޙަމަލާތައް ހިމެނެއެވެ. ޞިއްޙީ ނުރައްކަލުގެ ޙާލަތަކީ އެންމެންނަށްވެސް ހާސްވެ ފިކުރުބޮޑުވާ ފަދަ ޙާލަތެކެވެ. ވުމާއެކު، ކޮންމެ މީހަކީވެސް ކަންކަންވާ ގޮތް އޮޅުން ފިލާފައިވާ، އެކަކު އަނެކަކަށް އެއްބާރުލުމާއި އިޙުތިރާމްދޭ ބަޔަކު ކަމުގައި ވާންވާނެއެވެ. ބަހުގެ މުޢާމަލާތަކީ މުހިއްމުކަމަކަށްވެފައި، ބޭނުންކުރެވޭ ބަހުރުވައިގެ ސަބަބުން، ޓެސްޓުކުރަން ހިތްނޭދި، ތިމާ މީހާއާއި މުޖުތަމަޢުގެ އަފްރާދުން ބޭނުންވާ ރައްކާތެރިކަން ހޯދުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމުން ދުރުހެލިކޮށްފާނެއެވެ.
ތިރީގައި މިވަނީ ކޮރޯނާ ވައިރަސްއާ ބެހޭ ގޮތުން ދަރިންނަށާއި، ޢާއިލާގެ މީހުންނަށާއި ރަހުމަތްތެރިންނަށް މުޢާމަލާތް ކުރުމުގައި ގެންގުޅެންވީ ހަމަތަކެވެ.
ކުރާށެވެ: ކޮރޯނާ ވައިރަސް ބަލި (ކޯވިޑް-19)އާ ބެހޭ ގޮތުން ވާހަކަ ދައްކާށެވެ.
ނުކުރާށެވެ: މީހުންގެ ނަސްލު ނުވަތަ ދުނިޔޭގެ ހިސާބުތަކާ މިބައްޔާ ނުގުޅުވާށެވެ. އަބަދުވެސް ހަނދާންކުރާށެވެ. ވައިރަހެއްގެ ގެ އަސަރު އިންސާނާއަށް ކުރާނީ އެމީހެއްގެ ނަސްލާއި، އުޅޭ ތަނަށް ބެލުމެއް ނެތިއެވެ.
ކުރާށެވެ: "ކޯވިޑް-19 ބަލި ޖެހިފައިވާ މީހުން" ނުވަތަ "ކޯވިޑް-19 ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުން" ނުވަތަ "ކޯވިޑް- 19 ބަލިން ރަނގަޅު ވަމުން އަންނަ މީހުން" ނުވަތަ "ކޯވިޑް-19 ބަލި ޖެހިގެން ނިޔާވެފައިވާ މީހުން" މިފަދަ ގޮތަކަށް ވާހަކަ ގެންގުޅޭށެވެ.
ނުކުރާށެވެ: ބަލި ޖެހިފައިވާ މީހުންނަށް މުޚާތަބު ކުރުމުގައި އެއީ "ކޮވިޑް-19 ކޭސް" އެއް ނުވަތަ "ޝިކާރަ" އެކޭ ނުބުނާށެވެ.
ކުރާށެވެ: ކޯވިޑް-19" ބަލި ޖެހެމު ންދާ މީހުން" ގެ ގޮތުގައި ވާހަކަ ދައްކާށެވެ.
ނުކުރާށެވެ: އެއީ "ކޯވިޑް-19 ބަލި ޖައްސަމުންދާ މީހެކޭ" ނުވަތަ "ވައިރަސް ފަތުރަމުންދާ މީހެކޭ" މިފަދަ ގޮތަކަށް ބަލިޖެހިފައިވާ މީހުންނަށް މުޚާތަބު ނުކުރާށެވެ. އެއީ މިފަދަ ގޮތަކަށް ވާހަކަ ދެއްކުމުން އެމީހުން ސިފަވެގެންދާނީ ގަސްތުގައި ބަލި ޖައްސާ ބައެއްގެ ގޮތުގައެވެ.
ކުރާށެވެ: ކޯވިޑް-19 ބަލީގެ ނުރައްކަލާ ގުޅޭ ގޮތުން ޞިއްޙީ އިދާރާތަކުން ދޭ ފަހުގެ މަޢުލޫމާތު ނުވަތަ ތެދު ސައިންޓިފިކް މަޢުލޫމާތަށް ބިނާކޮށްގެން ވާހަކަ ދައްކާށެވެ.
ނުކުރާށެވެ: މީހުން ދައްކާ ޙަޤީޤަތެއް ނެތް ތޯތޯ ވާހަކަތައް ފެތުރުމުގައި ބައިވެރި ނުވާށެވެ. އަދި "ދުނިޔޭގެ ނިމުން" ނުވަތަ "ވަބާ" ފަދަ މީހުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ފަދަ ބަސްތަކާ ދުރުހެލިވާށެވެ.
ކުރާށެވެ: މީހުން ހިތްހަމަޖެހޭ ގޮތަށް ވާހަކަ ދައްކާށެވެ. އަދި ގިނަ ގިނައިން އަތްދޮވުން ފަދަ ރައްކާތެރިކަމުގެ އާދަތައް
ގެންގުޅުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވާހަކަ ދައްކާށެވެ. ގިނަ މީހުންނަށް، މިއީ އަރައިގަންނަން ފަސޭހަ ބައްޔެކެވެ. ތިބާއާއި، ލޯބިވާ އެންމެހައި ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށްޓަކައި ކުރެވޭ ވަރަށް އާދައިގެ ކަންކަން ހުންނަކަން ހަނދާންކުރާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!