ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރަށް، މާލެ ސިޓީގައި ހިންގުނު ކާފިއުގެ ދެވަނަ ދުވަހު މަނާގަޑީގައި ބޭރުގައި އުޅުނު މީހުންގެ ޢަދަދު ފުރަތަމަ ދުވަހަށްވުރެ އިތުރު ވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިއްޔެ ކާފިއު ހިންގާފައިވާ ވަގުތުގައި 151 ދިވެހިންނާއި، 32 ބިދޭސީންނަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރާ ޚިލާފަށް ބޭރުގައި އުޅުމުގެ ސަބަބުން ނަސޭހަތްތެރި ވެވިފައިވާކަމަށެވެ.

Ad
rt

ކާފިއުގެ ފުރަތަމަ ދުވަސް، 2 އޭޕްރިލްގައި ކާފިއު ހިންގާފައިވާ ވަގުތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރާ ޚިލާފަށް ބޭރުގައި އުޅުމުގެ ސަބަބުން ފުލުހުން ނަސޭހަތްތެރި ވެވިފައިވަނީ 95 މީހަކަށެވެ. އެއީ 82 ދިވެހިންނާއި، 13 ބިދޭސީންނެވެ.

އެހެން ކަމުން ފުރަތަމަ ދުވަހަށްވުރެ ދެވަނަ ދުވަހު އިތުރަށް 88 މީހުން އެ އަމުރާއި ޚިލާފުވެގެން ފުލުހުން ނަސޭހަތްތެރި ވެވިފައި ވެއެވެ.

އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކާފިއު ހިންގާފައިވާ ވަގުތުގައި، އެ އަމުރާއި ޚިލާފަށް ބޭރުގައި ނޫޅުމަށް ފުލުހުން އިލްތިމާސް ކުރަށްވައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ރެސްޕޮންސް ސެންޓަރު (އެންއީއޯއާރުސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒުވެސް ވަނީ، ކާފިއު ވަގުތުގައި ބޭރަށް ނުކުމެ އުޅުން އިތުރުވެފައިވާތީ އެކަން ފާހަގަ ކުރަށްވައިފައެވެ.

"ފުލުހުން ވިދާޅުވަނީ މާދަމާ އިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް،" ރޭ މަބްރޫކު ވިދާޅުވިއެވެ.

ފުުލުހުން މީގެކުރިން ބުނެފައިވާ ގޮތުގައި، ކާފިއު ވަގުތުގައި މަގުމައްޗަށް ނުކުންނަ ފަރާތްތަކަށް ނަސޭހަތް ދީ އެކަން ތަކުރާރު ވާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ކާފިއު ނޫން ގަޑިތަކުގައި ގުރޫޕު ހަދާފައި ތިން މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅޭ މީހުންވެސް ނަސޭހަތް ދިނުމަށްފަހު ތަކުރާރުވާނަމަ، ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އޭޕްރިލް 2 އިން ފެށިގެން މާލޭ ސިޓީގައި ވަކި މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު ހިންގަން ވަނީ ނިންމާފައެވެ.