ހަލާލެއް ހަރާމެއް ބެލުމެއްނެތި މީހުންގެ ހައްޤު މުދާ ''އޮޅުވާލައިގެން ދިރުވާލާ" ޒަމާނީ ވަގުންގެ ވާހަކަ ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެމީހުން "ނުނިދާނެ" އެވެ! ރޭވުންތައް ރާވަމުންދާނީ އޮޅުވާލައިގެން ނަހަމަ މަންފާއެއް ހޯދުމަށް ކަންކުރާނެ ގޮތަކާއި މެދުގައިއެވެ.
ކާރިސާއެއްގެ ވަގުތުގައިވެސް އެމީހުން ބަލާނީ ކޮންމެސް މޮޅު އުކުޅެއް ބޭނުންކޮށްގެން ނިކަމެތި ރައްޔިތުމީހާ އަތުން "ފޭރެވޭނެ" ގޮތެކެވެ.
ވަގުން ދެނެގަންނަން ޖެހޭ!
މީހުންނަށް އޮޅުވާލައިގެން ރީތި ސްޓޯރީތައް އަތުރާލައިގެން ފޭރި ގަންނަމުންދާ މިދެންނެވި ކަހަލަ ވަގުން، ވައްކަން ކުރަމުންދާ ގޮތްތައް ދެނެގަތުން ވަރަށް މުހިންމެވެ.
މިވަގުންނަކީ ކިޔަވައިގެން ތިބި ލޯ ހުޅުވޭ ވަގުންކަން ދަންނަން ޖެހެއެވެ. އެމީހުން ކުރާ ފޯނު ކޯލުތައް އަޑު އަހާލަމުން އެކަން އެނގޭނެއެވެ. އަދި އެކޯލުތަކުން އެމީހުން ބޭނުން ނަތީޖާ ލިބިއްޖެނަމަ މީހުންގެ އެކައުންޓްތައް "ދޮވެލާ"ލެއް އަވަސްކަމާއި، އެކަން ގެންދާ ގޮތުން އެ ވަގުންނަކީ، ކިޔަވައިގެންތިބި އެ މަގުން ވައްކަން ކުރާނެ އުކުޅުތައް ދަސްކޮށްގެން ތިބި ބަޔެއްކަން އިތުރަށް އެނގިގެންދެއެވެ.
ކާރިސާގެ ވަގުތުގައި އެފަދަ ވަގުން އެހީދޭ އެކި ޖަމްޢިއްޔާތަކާއި، ކަމާއިބެހޭ އިދާރާތަކުގެ ނަން ބޭނުން ކުރެއެވެ. އެފަދަ ވަގުން ތިބެނީވެސް އެ އިދާރާތަކުގެ މައުލޫމާތު ހޯދައި، ޖަވާބު ދާރީ ވެވޭ ވަރަށް ތައްޔާރުވެގެންނެވެ. ކޮވިޑް-19ގެ މި ހިތްދަތި ވަގުތުގައިވެސް ދިވެހި ރެޑްކްރެސެންޓްގެ ނަމާއި، އޫރިދޫ މޯލްޑިވްސްގެ ނަމާއި އަދި އެނޫންވެސް ނަން ނަމުގައި އެހީ އެއްކުރަން ކަމަށް ބުނެ ފޭރުމުގެ މަސައްކަތްތަކެއް އެފަދަ ވަގުން ކުރަމުންދާކަން މިހާރުވަނީ މީޑިއާއަށް ތިލަ ވެފައިއެވެ. ފުލުހުންވެސްވަނީ މިކަން އާންމުންގެ ސަމާލުކަމަށް ގެންނަވާފައިއެވެ.
ކާރިސާއެއްގެ ވަގުތު ނޫނަސް އެމީހުން ކައިބޮއި، މަޖާކުރުމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތައް ދަނީ ހޯދަމުންނެވެ. މިފަދަ ވަގުން ޓާގެޓް ކުރާ މީހާގެ މަޢުލޫމާތު ވަރަށް ރަނގަޅަށް އެއްކޮށް، ރޭގަނޑު ދުވާލުކަމަށް ދޭހަވާ ވަރަށް އޮމާން، މޮޅު ވާހަކައެއް ދައްކައި، މީހުންގެ ބޮލަށްވަދެ ފޭރެނީއެވެ.
އެކި އުކުޅުތައް ބޭނުންކުރޭ، ވިސްނައިލުމަށް ދެ ހާދިސާއެއް
ސަފާރީން ކޯލެއް!
ކަންމަތީ ފިހާރައެއްގެ ވެރިއަކަށް ސަފާރީއަކުން އައީ ފޯނު ކޯލެކެވެ. އުތުރަށް ދަތުރުފެށިކަމާއި، ކާށިދޫ ކަނޑު ހުރަސް ކުރަނީ ކަމާއި، ރާސްޓަސް ބޭނުން ކަމަށް ބުންޏެވެ. އާދެވުނުހާ އަވަކަށް ފައިސާދޭނެ ކަމުގެ ޔަޤީންކަން ދިނެވެ. ވިޔަފާރިވެރިޔާ އެކަން ކޮށްދިނީ އެ ސަފާރީ އާންމުކޮށް އެރަށު ބޭރުގައި އޮންނާތީ، ސަފާރީ ފަޅުވެރިން އެއްގަމަށް ފައިބައިފިނަމަ އެފިހާރައިން ވިޔަފާރި ކުރާތީ ދެކި ފަރިތަވީމައެވެ.
އެދުވަހާއި، އެރޭ ދެފަހަރެއްގެ މަތިން ރާސްޓަސް ފޮނުވައި ދިނެވެ. މާބޮޑު ޢަދަދެއް ނޫނެވެ. ފަހަރަކު 100 ރުފިޔާއެވެ. ޖެހިގެން އައި ދުވަހު ގުޅާފައިބުނީ ވިއްސާރަވެގެން ނޫނު އަތޮޅަށްވަނީ ކަމަށެވެ. ވިއްސާރާގައި ޖެހި، ހަފުތާއެއް ވަންދެން ރާސްޓަސް ފޮނުވައިދޭން ޖެހުނެވެ.
ސަޕްލައިގަންނަން ފޭބި ރަށުން ފިހާރައިން ތަކެތި ނެގިއްޖެކަމަށާއި، ބޮޑުމީހާއާއި ނުގުޅިގެން ނުފުރިފަ ތިބީމައި، އެ ނެގި ތަކެއްޗަށްވާ 5500 ރުފިޔާ، ތަކެތި ނެގި މީހާގެ އެކައުންޓަށް ފޮނުވާލަ ދޭން އެދުނެވެ. އެކަންވެސް ކޮށްދިނީ ވާހަކަ މޮޅު ކަމުންނެވެ. އާދެވުނީމައި ބޭންކު ރޭޓަށްވުރެ، ރަނގަޅަށް ޔޫރޯ އިން ފައިސާދައްކަން ބުނެ، އޮޅުވާލައިގެން އެކި ފަހަރު މަތިން ރާސްޓަސްވެސް އެޅުވިއެވެ. ހަފުތާއެއް ފަހުން އެނަމްބަރަކަށް ނުގުޅުނެވެ. ސަފާރީ ކެޕްޓަން ނަމްބަރު ހޯދައިގެން ގުޅިއިރު ސަފާރީގައި އެނަމްބަރު ގެންގުޅޭ މީހަކު ނެތެވެ. ސަފާރީ އޮތީވެސް އެއަތޮޅު އަނެއް ބިތުގައިއެވެ.
މަންމާ! 55 އިންޗީގެ ޓީވީއެއް ލިބިއްޖެ!
މުޙައްމަދަކީ، 24 އަހަރު ސަރުކާރުގައި އުޅުމަށްފަހު ޢުމުރުން 55 އަހަރު ވުމުން، ބަލި ހާލު ހުރިގޮތުން އަމިއްލައަށް ވަޒީފާއިން ވަކިވެ، ކައިވެންޏެއްވެސް ނުކޮށް މަންމައާއި ކޮއްކޮއާއި އެއް ގެއެއްގައި ދިރިއުޅެމުންއައި މީހެކެވެ.
އެއްދުވަހަކު މުޙައްމަދަށް އައީ ފޯނު ކޯލެކެވެ. ބޭންކުން ކަމަށް ބުނެ އައީ ފޭކް ފޯނުކޯލެއްކަން މުޙައްމަދަށް ހީވެސް ކޮށްލަން ނޭނގުނީ ވާހަކަ މޮޅުކަމުންނެވެ. ބޭންކުން ހިންގި ޕްރޮމޯޝަނެއްގައި މުޙައްމަދަށް 55 އިންޗީގެ ޓީވީއެއް ލިބުނީއެވެ. ވާހަކަ ފައްކާ ކުރަމުންގޮސް ގުޅިމީހާ ބޭނުންވީ މުޙައްމަދު ކޭޝްކާޑުގެ މަޢުލޫމާތެވެ.
ކޭޝްކާޑު އޮތީ މަންމަ އަތުގައި ކަމުން މުޙައްމަދު އުފަލުން މަންމައަށް ގޮވައި، ކޭޝްކާޑު ހޯދައި، ކާޑު ބަލައިގެން ފުޅިމީހާ ބޭނުންވާ މަޢުލޫމާތު ދޭން އުނދަގޫވުމުން، ގޭ ފަހާތަނުގައި އިންނަ ބަންގުލަދޭޝް މީހާ މެދުވެރިކޮށް ގުޅި މީހާ ބޭނުންވި މަޢުލޫމާތު ފޯރުކޮށްދިނެވެ.
މުޙައްމަދުގެ ކޮއްކޮ ގެޔަށް އައުމުން މާދަމާ ޓީވީ ބަލައި މީހަކު ފޮނުވަން ޖެހޭކަމަށާއި، މުޙައްމަދަށް ޓީވީ ލިބުނު ވާހަކަ ދެމައިން އުފަލުން ތިބެ ކިޔައިދިނެވެ. މުހައްމަދުގެ ކޮއްކޮ ބުނީ ސުބުޙާނަ ﷲއެވެ! އަވަހަށް ކޭޝްކާޑު ހިފައިގެން ސައިކަލް ފަހަތަށް އަރާށެވެ. ދެބެން އޭޓީއެމަށް ގޮސް ބެލެންސް ޗެކް ކުރިއިރު އެކައުންޓް ބެލެންސް ސުމެކެވެ. ޢުމުރު ދުވަހު އެއްކުރި ލައްކައަކަށްވުރެ ގިނަ ރުފިޔާ، ފޭކު ކޯލަކުން "ދިރުވާލާ" ނިމުނީއެވެ.
މިފަދަ އެތައް އެތައް ކަމެއްވަނީ ސްމާޓު ވަގުން ހިންގާފައެވެ. މިހާރުވެސް އެދަނީ ކޮވިޑް-19 ފަންޑަށް ލާރި ހޯދަން ކަމަށްބުނެ ގުޅަމުންނެވެ. ސަމާލުވާށެވެ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!