ނޯޓް: މި ކޮލަމްގައި އަޅުގަނޑު އެކި ދުވަހު މި ހިމަނާލާ ފޮޓޯ އާއި އެ ފޮޓޯއާއި ގުޅޭ ލިޔުން ތަކަކީ އެއިން ތާރީޚީ ބައެއް މަޢުލޫމާތު ލިއްބައިދޭނެ އަދި މާޒީގައި ކަން ހިނގާފައިވާމަގު އެނގިގެންދާނެ ލިޔުން ތަކެކެވެ.

މި ފޮޓޯފެނުމުން ހަނދާނުގެ ފަތްފުށްތައް އުކާލެވެނީ އޮންވިހިސަތޭކަ އައްޑިހައިގެ ކުރީކޮޅުގެ އަހަރު ތަކަށެވެ. އަހަރެން ކޮމަންޑޫގައި ކިޔަވަން އުޅުނުއިރު ފިރިހެނުން ނަމާދު ކުރަން ކުޑަމިސްކިތަކަށްވެސް އަދި ބޮޑު މިސްކިތަކަށްވެސް ހުންނާނީ މިމިސްކިތް އެކަންޏެވެ.
މިސްކިތު މުދިމަކީ އިބްރާހިމްބެއެވެ. އަހަރެންގެ ރަހްމަތްތެރި އަހުމަދު ޝަރީފާއި، ޢަލީ ޝަރީފުގެ ލޮބުވެތި ބައްޕައެވެ. އޭރަށްބަލާއިރު ވަރަށްރީތިކޮށް ޤުރުއާން ކިޔަވާ އަދި އެހާމެ ރީތިކޮށް ބަންގިގޮވާނެއެވެ. ހިތްހެޔޮ އޯގާތެރިއެކެވެ.( މާތް ﷲ އެމަރްހޫމަށް ރަޙުމަތް ލައްވާށިއެވެ!) އިބްރާހީމްބެގެ އިރުޝާދުގެ ދަށުން ހިންގި ޤުރުއާން ކުލާހެއްގައިވެސް ބައިވެރިވީމެވެ. ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ކުދިން އެކުލާހުން އުފެދުނެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ދަރިވަރަކީ އޭނަގެ ހަގު ފިރިހެން ދަރިފުޅު ޢަލީ ޝަރީފެވެ. ތަރާވީޙް ނަމާދު ތަކުގައި ފޫހިކަމެއްނެތި ޢަލީ ޝަރީފުގެ ފަހަތުގައި ނަމާދު ކުރި އެތައް ރެއެއްގެ ހަނދާންތައް އާވެއެވެ.
ތަޢުލީމީ މަރުކަޒު ހުޅުވިގެން ފުރަތަމަ ހެޑްމާސްޓަރެއްގެ ގޮތުގައި އަހުމަދު އަންވަރު( ވިލާކޮލެޖްގެމިހާރުގެ ރެކްޓަރ) ކޮމަންޑޫގައި މަސައްކަތް ކުރެއްވި ދުވަސްވަރާއި ގުޅުވައިގެންވެސް މިމިސްކިތުގެ ހަނދާންތައް ހިތަށް އާދެއެވެ. އޭރު ކޮމަނޑޫގައި ހުންނާނީ ޖުމްލަ 3 ޓީވީއެވެ. އެއީ ކޮއިގޯތި ޓީވީ އަކާއި، ފަނިގޯތި ޓީވީ އަކާއި ސީދީބޭ ގޯތި ޓީވީ އެކެވެ. ބައެއްރޭރޭ އާއްމުންނަށް ފެންނަގޮތަށް މަގުމަތީގައި ފިލްމު އަޅުވާނެއެވެ. އެފަދަ ރޭރޭ ފިލްމު ބަލަންދާން ބޭނުންނަމަ ހެޑްމާސްޓަރުގެ ކިބައިން ހުއްދައެއް ނަގަން ޖެހެއެވެ. މިގޮތުން އިޝާނަމާދުން ފައިބައިގެން އެންމެންވެސްދާނީ ހެޑްމާސްޓަރު ގެއަށެވެ. ހެޑްމާސްޓަރުގެ ގެ ހުންނާނީ މިސްކިތާއި ޖެހިގެން ހުޅަނގަށް ސްކޫލު ގޯތިތެރޭގައެވެ.
ހުއްދައަށް އެހުމުން ފުރަތަމަވެސް ސުވާލު ކުރައްވާނީ މަޣުރިބް ނަމާދާއި އިޝާނަމާދު ކުރިންތޯއެވެ. ހުއްދަ ލިބޭނީ ނަމާދު ކުރި ކުދިންނަށެވެ. އެކަން އަންވަރުސަރ ޔަޤީން ކުރައްވާނެއެވެ. ފިލްމު ބަލާހިތުން އެކަމުގެ އެދުމުގައި ބައެއް ރޭރޭ ނަމާދަށް ހުންނައިރުވެސް މިރޭދައްކާނީ ކޮންފިލްމެއް ބާއޭ ހިތަށް އަރައެވެ. އަމީތާބު އުޅޭނެ ބާއޭވެސް ހިތަށް އަރައެވެ. ފިލްމުގައި ވާގޮތް ނޭނގުނަސް ދައްކާވާހަކަ ފަހުމް ނުވިޔަސް އަމީތާބު ފަދަ މަޝްހޫރުމީހަކު އުޅެންޏާ ފިލްމު ކަމުދާނެއެވެ.
ކޮމަންޑޫ ބޮޑުމިސްކިތް އިމާރާތް ކުރެވި މިމިސްކިތަކީ ސްކޫލުކުދިންނަށް ޚާއްޞަ މިސްކިތަކަށްވެސް އެއްދުވަސްވަރަކު ވިއެވެ. އޭރު ޑިއުޓީ ބަހައިގެން ބަންގިގޮވަން ޖެހޭނީ ސްކޫލު ކުދިންނަށެވެ. ރަމަޟާން މަހު ތަރާވީޙް ނަމާދު އިމާމުވެ ކުރާނީ ސްކޫލު ކުދިންނެވެ. މިކަންކަމުން ވަރަށް ގިނަ ފިލާވަޅުތައް ދަސްވިއެވެ. އެހާމެ ގިނަ ތަޖުރިބާވެސް ލިބުނެވެ. ބައެއްފަހަރު ބަންގިގޮވައި އިމާމުވެ ނަމާދު ކުރުމުގެ ޝަރަފުވެސް ލިބުނެވެ.
މިސްކިތާއި ގުޅިގެން ހިނގި އެންމެ ހިތްދަތި އެއް ހާދިސާ މަތިން ވަރަށް ހަނދާން ހުރެއެވެ. އެއްރެއެއްގެ އިޝާނަމާދުގައި ސަކަރާތްޖެހި ކަމުގެ ތުހުމަތު ކުރެވި ، މައްސަލަބެލި އެކަން ސާބިތުވެ ލިބުނު އަދަބެވެ. އަދަބަކީ ލަކުޑިގޮނޑިއެއް ބޯ މައްޗަށް ދަމައިގެން ހުންނަން ޖެހުމެވެ. އެކަމަކު އަހަންނަށް އެގޮނޑި ހިއްލައިލެވުނީ މެއާއި ހަމައަށެވެ. އެއަށްވުރެ މައްޗަކަށް ނުހިއްލެވެއެވެ. ދެން ފެށުނީ ގިސްލާ ރޯށެވެ. އެޒަމާނަކީ ކުދިންނަށް ޖިސްމާނީ އަދަބު ދެވުނު ދުވަސްވަރެކެވެ. އެހެނަސް ކުދިންގެ އަޚުލާޤާއި ސުލޫކަށް ބަލާއިރު މިހާރަށްވުރެ އެތައް ގުނައެއް ރަނގަޅު ދުވަސް ވަރެކެވެ. މުދައްރިސުންނަށް އިޙުތިރާމް ކުރެއެވެ. ހެދިފައިވާ ޤަވާއިދުތަކަށް ބޯލަނބައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!