ގޭގައި އެކަހެރިކުރުން ނުވަތަ ހޯމް އައިސޮލޭޝަން / ސެލްފް އައިސޮލޭޝަން ކުރާނަމަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)މިކަމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދުތައް ހިއްސާކޮށްލާނަމެވެ. އެޗްޕީއޭއިން ނެރެފައިވާ މި އިރުޝާދުގައި ހޯމް އައިސޮލޭޝަން އަކީ ކޮބައިކަމާއި ބަލިމީހާއަށް އެހީވާ މީހުން ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި ވައިރަސް ކޮންޓްރޯލް ކުރުމަށް ގޭގައި ކުރެވިދާނެކަންކަން ބަޔާންކޮށްފައިވެއެވެ.

  • ގޭގައި އެކަހެރި ކުރާނީ ކޯވިޑް-19 ފެތުރެމުންދާ ގައުމަކަށް ދަތުރުކޮށްފައިވާ ނުވަތަ ކޯވިޑް-19އަށް ފައްސި )ޕޮޒިޓިވް( ވެފައިވާ ފަރާތަކާއި އެއް ކޮޓަރިއެއްގައި، އެއް ގެއެއް، އެއްތަނެއްގައި ވަގުތު ހޭދަކޮށްފައިވާ ފަރާތެއް އަރުދަފުސް ރޯގާޖެހި، ކެއްސުމާއިއެކު މަޑުހުމެއް އައިސްފައިވާ، ބަލި އިތުރަށް ގޯސްވެދާނެ ފަދަ ޢަލާމާތެއް ފެންނަން ނެތް މީހުންނެވެ.
  • އަދި ފުރާނައަށް ނުރައްކާވާފަދަ ފުއްޕާމޭގެ ނުވަތަ ހިތުގެ ބައްޔެއް ނުވަތަ ނޭވާލާ ނިޡާމުގެ ބައްޔެއް ހުރި މީހަކަށް ވެގެން ނުވާނެއެވެ.
  • ގޭގައި އެކަހެރިވުމަކީ އެއްވެސް ތަނަކަށް ނުގޮސް އަދި ގޭގައި އުޅޭ އެހެން މީހުންނާއި ވަކިން އެކަހެރިކޮށް ހުރުމެވެ. މިގޮތަށް
    އެކަހެރި ކުރެވިފައި ހުންނައިރު ކުޑަދޮރު ނުވަތަ ފެންލައިޓް ހުރިނަމަ ހުޅުވާފައި ބަހައްޓަން ވާނެއެވެ.

އެހެން މީހުންނާއި އެކު އުޅެންޖެހޭނަމަ:

Ad
rt
  • އެހެން މީހުންނާއި 6 ފޫޓު ނުވަތަ މަދުވެގެން 3 ފޫޓު ދުރުގައި އުޅުން
  • ރޯގާޖެހި ކެއްސާނަމަ މާސްކް އެޅުން
  • ތަށި ސަމުސާ ތުވާލިފަދަ ތަކެތި ވަކިން ބޭނުން ކުރުން
  • ފާޚާނާ އަދި ޖަރާސީމު ހުރެދާނެ އެނދު، މޭޒު ފަދަ ތަކެތި ޑިޓާރޖެންޓެއް ބޭނުންކޮށްގެން ސާފުކުރުމަށްފަހު ޑައިލިޔުޓު ކޮށްފައިވާ ލައްފިލުވާ ބޭނުންކޮށްގެން އިތުރަށް ސާފުކުރުން
  • ބަލީގެ އިތުރު ޢަލާމާތެއް ނުވަތަ ގޯސްވާކަމަށް ފެނިއްޖެނަމަ ހޮޓްލައިން ނަންބަރު 1676 ފޯނަށް ގުޅުއްވާށެވެ.

އެކަހެރިކުރެވިފައިވާ މީހާގެ އެހީތެރިޔާ:

  • އެހީތެރިޔާއަކީ ހަކުރުބަލި، ލޭމައްޗަށް ދިޔުން، ނޭވާލާ ނިޒާމު ފަދަ ދިގުމުއްދަތަކަށް ބޭސްކުރާ ބައްޔެއް ހުރި މީހަކަށް ވެގެންނުވާނެއެވެ.
  • ކޮންމެހެން ބޭނުންވާ ޙާލަތްތަކުގައި މެނުވީ އެހީތެރިޔާ އުޅެންވާނީ އެކަހެރި ކުރެވިފައިވާ މީހާއާއި ދުރުގައެވެ. ނުވަތަ ވަކިންނެވެ.
  • ޖަރާސީމުން ރައްކާތެރި ވުމަށް ޢަމަލުކުރަން ޖެހޭ އުސޫލުތަކުގެ މަޢުލޫމާތު ލިބިފައިވާ މީހަކަށް ވާންވާނެއެވެ.
  • އެހީތެރވުމުގެ މަސައްކަތުގައި އެކަހެރިކުރެވޭ މީހާގެ ކުޅު، ލޭ ނަޖިސް އެނޫންވެސް ގައިގެ ދިޔައެއް ޖެހުމުގެ ފުރުޞަތު އޮތް ނަމަ އަންގި އަދި މާސްކު ބޭނުން ކުރަންވާނެއެވެ.
  • ސައިބޯނި ލައިގެން ގިނަ ގިނައިން އަތްދޮވުމަށާއި، ސެނިޓައިޒް ކުރުމަށް އަދި ނޭފަތާއި އަނގަ އަދި ލޮލުގައި އަތް ނުލުމަށް ސަމާލުވާން ވާނެއެވެ.

ޖަރާސީމު ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް:

  • އެކަހެރި ކުރެވިފައިވާ މީހާގެ ފަރާތުން ނުވަތަ އެތާ ނގައި އުފެދޭކުނި، ޚާއްޞަކޮށް ޖަރާސީމު ހުރެދާނެ ފަދަ ތަކެތި ރައްކާތެރި ކަމާއިއެކު ނައްތާލަން ވާނެއެވެ.
  • ފޭސް މާސްކް، އަންގިފަދަ ތަކެތި ވަކިކޮށް އެއީ ކޮންކަހަލަ ކުންޏެއް ކަން އެނގޭ ގޮތަށް
    ލޭބަލް ކޮށްފައިވާ ކޮތަޅަކަށް އަޅަންވާނެއެވެ.
  • ދާއަންނައުނުފަދަ ތަކެތީގައި އަތްލަންވާނީ އަންގި ލައްވައިގެންނެވެ. އަދި މެޝިނަށް ދޮންނަން ލުމުގެ ކުރިން 'ލޯންޑްރީ ބޭގް" އެއް ނުވަތަ ބެޑް ޝީޓް އަކަށް ލާންވާނެއެވެ. އަންނައުނު ދޮވުމަށްފަހު، ސީދާ އަވިލިބޭތަނެއް ގައި ހިއްކަން އަޅާށެވެ. ނޫންނަމަ ހިއްކުމަށްފަހު ރަގަޅަށް އިސްތިރި ކުރާށެވެ.
  • ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮންނާށެވެ. އެއީ އަންގި ބޭނުންކުރިކަމުގައި ވީ ނަމަވެސްއެވެ.
  • އެކަނި އުޅޭނަމަ،ކާނާ އާއި ޒަރޫރީ ބޭނުންތައް ހަމަޖައްސައިދިނުމަށް އާއިލާ ނޫނީ ރަހުމަތްތެރިއެއްގެ އެހީވެސް ހޯދަންވާނެ.

ތަކެއްޗާއި ތަންތަން ސާފުކުރުމަށް ލައްފިލުވާ ބޭނުންކުރާނެ ގޮތް:

  • ޑިސް އިންފެކްޓް ކުރުމުގެ ކުރިން އާންމުކޮށް ތަން ތަން ސާފުކުރާ ދޮންނަ ކުނޑިއެއް ބޭނުންކޮށްގެން ރަގަޅަށް ދޮވެ ސާފުކޮށްލަންވާނެއެވެ.
  • ލައްފިލުވާއިން ޑިސްއިންފެކްޓަންޓް ތައްޔާރު ކުރުމަށްޓަކައި 4 ސައިސަމުސާގެ ލައްފިލުވާ އަށް 1 ލީޓަރު ފެންއެއް ކުރާށެވެ.
  • ދަގަނޑު އެއްޗެހީގައި ލައްފިލުވާ މާގިނައިން ބޭނުންކުރާނަމަ ދަބަރުޖަހާގޮތް ވާނެއެވެ.
  • ލައްފިލުވާ ބޭނުންކުރާއިރު ލޮލުގައި އަތް ލުމުން ދުރުހެލިވާށެވެ. ލޮލަށް ލައްފިލުވާ ބުރައިފިނަމަ 15 މިނެއްޓު ވަންދެން ލޯ ފެނުންދޮންނާށެވެ. އަދި ޑޮކްޓަރެއްގެ ލަފަ ހޯދާށެވެ.
  • ގޭގައި ބޭނުންކުރާ އެހެން ޑިޓާރޖެންޓްސްއާއި ލައްފިލުވާ އެއް ނުކުރާށެވެ. އެހެނީ އޭގެ ސަބަބުން ލައްފިލުވާގެ ބާރުކެނޑޭ ގޮތް ވެދާނެއެވެ. އަދި ޑިޓަރޖެންޓްގައި ހުންނަ ކެމިކަލްއާއި އެކުވެ ނުރައްކަލެއް ހިނގައިދާނެއެވެ.
  • ފާޚާނާ ސާފުކުރަން ބޭނުންކުރާ އެހެން ޑިޓާރޖެންޓްސްއާއި އެކު ލައްފިލުވާ ބޭނުންކޮށްފިނަމަ ވިހަ ގޭސް އުފެދިދާނެއެވެ. އަދި ފުރާނައަށް ނުރައްކާވާފަދަ ޙާލަތެއް މެދުވެރި ވެދާނެއެވެ. އެހެންކަމުން ޑީޓާޖެންޓްއިން ސާފުކުރުމަށްފަހު ރަގަޅަށް ދޮވެފައި ނޫނީ ލައްފިލުވާ ބޭނުން ނުކުރާށެވެ.
  • ޑައިލިޔުޓު ނުކުރާ ލައްފިލުވާ ސީދާ އަވީގައި ހުރެއްޖެނަމަ ވިހަ ގޭސް އުފެދިދާނެއެވެ. ލައްފިލުވާ ރައްކާ ކުރަންވާނީ އަވިން ރައްކަތެރި ފިނި ތަނެއްގައެވެ. އަދި ކުޑަކުދިންނަށް އަތްނުފޯރާ ތަނެއްގައެވެ.
  • ލައްފިލުވާގެ ބާރު ވަރަށް އަވަހަށް ކެނޑޭނެއެވެ. އެހެންކަމުން ލައްފިލުވާ ޑައިލިޔުޓު ކުރާނީ ބޭނުންކުރަން ވީމައެވެ. އަދި ތައްޔާރުކުރި ތާރީޚު ލިޔެ ލޭބަލް ކުރުމަށްފަހު އަނދިރި ހިޔާ ތަނެއްގައި ރައްކާކުރާށެވެ.