ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއަށް ޝައްކުވެގެން ކަރަންޓީނު ކުރި ށ. ފޯކައިދޫއަށް ނިސްބަތްވާ ކުރެއްދޫ މުވައްޒަފާއި، ފަރުކޮޅު ފުށީގައި އައިސޮލޭޓް ކޮށްފައިވާ ޔުނިވަރސަލް ޓިކެޓިންގ އޮފީހުގެ މުވައްޒަފަކާއި އިތުރު މީހެއް ކޮރޯނާއަށް ނެގެޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް 19 އަށް ޝައްކުވެގެން ބައްޔަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގި ތިން މީހަކު ބައްޔަށް ނެގެޓިވް ވެފައިވާކަމަށެވެ. އޭގެ ތެރޭގައި ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ އެމިރޭޓްސްގެ ޓިކެޓިން އޮފީހުގެ މުވައްޒަފަކާއި ށ. ފޯކައިދޫން ފަރުކޮޅުފުއްޓަށް ގެނައި ކުރެއްދޫގެ މުވައްޒަފު ހިމެނޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

Ad
rt

އެމިރޭޓްސްގެ މުވައްޒަފު އެކަހެރިކޮށް ބައްޔަށް ޓެސްޓުކޮށްފައިވަނީ ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ އިޓަލީ ފަތުރުވެރިޔާ މާލެ އައިސް ޓިކެޓް ގަތުމަށް އެމިރޭޓްްސް އޮފީހަށް ދިޔުމުން އޭނާއާ ކޮންޓެކްޓު ކުރި މީހަކަށް ވާތީ އެވެ.

އިޓަލީ ފަތުރުވެރިޔާ މާލެ އައިސް ހުރީ މާގިރި ހޮޓަލުގަ އެވެ. އެ ހޮޓަލުގެ 15 މުވައްޒަފަކު ސެލްފް އައިސޮލޭޝަންއަށް ދާން އަންގާފައިވާކަމަށް އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން އދ. ވިލަމެންދޫ ރިސޯޓުގައި ހުރި ދިވެހި މުވައްޒަފަކު ކޮވިޑް އަށް ޝައްކު ކުރެވިގެން އޭނާގެ ޓެސްތުތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިއަދު ހެނދުނު އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ވަނީ 6 މީހުން ޕޮޒިޓިވް ވެފައެވެ.