އިނގިރޭސިވިލާތުގެ ސިޓީ އޮފް ލަންޑަން ކޯޕަރޭޝަން (ސީއެލްސީ)އިން މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީއަށް ދިން "ފްރީޑަމް އޮފް ދަ ސިޓީ" ޝަރަފު އަތުލިވާހަކަ އަޑު އަހައިފީމެވެ.
ސީއެލްސީން 2017 ވަނަ އަހަރު ސޫޗީއަށް އެ ޝަރަފު ދިނީ "ޑިމޮކްރެސީގެ ދިފާއުގަ އާއި ރައްޔިތުންނަށް ސުލްހަވެރިކަމާއި ރައްކާތެރިކަމާއި މިނިވަންކަމާއެކު ދިރިއުޅެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް އެތައް އަހަރެއް ވަންދެން އެކަމަނާ ކުރައްވާފައިވާ މަސައްކަތްތައް ފާހަގަ ކުރުމުގެ" ގޮތުންނެވެ.
ސީއެލްސީން، ސޫޗީއަށް ދިން އެ ޝަރަފު އަތުލީ މިޔަންމާގައި ރޮހިންގާ މުސްލިމުންނާ މެދު އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށް ސީއެލްސީ ކޮމިޓީން ވަނީ ބުނެފައެވެ.
"މިއަދުގެ ނިންމުމުން ދައްކުވައި ދެނީ މިިޔަންމާގައި [ރޮހިންގާ މުސްލިމުންނަށް] ކުރާ އަނިޔާތައް ސިޓީ ކޯޕަރޭޝަނުން ކުށްވެރިކުރާކަން،"
ސީއެލްސީގެ އެ ނިންމުމުން ދައްކުވައި ދެނީ މިިޔަންމާގައި [ރޮހިންގާ މުސްލިމުންނަށް] ކުރާ އަނިޔާތައް ސިޓީ ކޯޕަރޭޝަނުން ކުށްވެރިކުރާކަން ކަމަށް ސީއެލްސީ ކޮމިޓީގެ ޗެއާމަން ޑޭވިޑް ވޫޓަން ވިދާޅުވެފައިވެއެވެ.
މިޔަންމާގެ ސަރުކާރުން ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނަށް ރަށްވެހިކަން ދިނުމާއި، މިނިވަންކަމާ އެކު ދަތުރުފަތުރު ކުރުން ފަދަ ހައްގުތައް ނިގުޅައިގަނެ، ގިނަ އަދަދެއްގެ ރޮހިންގާއިން ދިރިއުޅޭ ރާހިން ސްޓޭޓުގައި 2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އެޤައުމުގެ ބައެއް އަވަށްތައް އެއްކޮށް އަންދައި، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކޮށް، މެރި ވާހަކައަކީ މުޅި ދުނިޔެ ދަންނަ، ކޮންމެ މުސްލިމަކުމެ ލޮލުން ކަރުނަ ހިލުވާލި ވާހަކަ ތަކެކެވެ. އެފަދަ އަނިޔާވެެރި، ރަހުމު ކުޑަ އަނިޔާތައް މިޔައްމާގެ އަސްކަރިއްޔާއިން ހިންގާފައި ވާކަމަށް އދ.ގެ އިންވެސްޓިގޭޓަރުންވެސް ވަނީ ބުނެފައެވެ.
އެ ދުވަސްވަރު މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ގަތުލްއާންމެއް ހިންގި ކަމަށް ބުނެ ގެމްބިއާއިން ވަނީ އެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލާގައި ސޫޗީ ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައިސީޖޭއަށް ވަޑައިގެން މިޔަންމާ ދިފާއު ކުރައްވާފަ އެވެ.
މީގެ ކުރިން ޑިމޮކްރެސީގެ ރަމްޒެއްގެ ގޮތުގައި ސިފަކޮށްފައިވާ ސޫޗީގެ ފަރާތުން ރޮހިންގާ މައްސަލައިގައި އިތުރު ޝަރަފުތައްވެސް އަތުލާފައިވެ އެވެ. އޭގެ ތެރޭގައި އެމްނެސްޓީން ދިން އެމްބެސެޑާ އޮފް ކޮންޝަންސް އެވޯޑާއި ކެނެޑާއިން ދިން އޮނަރަރީ ސިޓިޒެންޝިޕާއި އޮކްސްފޯޑުން ދިން ފްރީޑަމް އޮފް ދަ ސިޓީ ޝަރަފު ހިމެނެ އެވެ.
ލަންޑަންގެ ސީއެލްސީއަކީ މުސްލިމް ޖަމާއަތަކަށް ނުވިޔަސް ސޫޗީއަށް ދިން ލަގަބު އަތުލިއެވެ. ކުރީގެ އިނގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗާޗިލް އާއި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އާއި ސައިންޓިސްޓު ސްޓީވެން ހޯކިންވެސް ހާސިލުކޮށްފައިވާ އެ ޝަރަފު، ސޫޗީއަތުން އަތުލުމަކީ ކޮންމެހެންވެސް ކުރާން ޖެހިފައޮލި އޮތްކަމެކެވެ.
ސޫޗީއަށް ދިން "ފްރީޑަމް އޮފް ދަ ސިޓީ" ޝަރަފު އަތުލިވާހަކަ އަޑު އަހާފައި ހިތްމައްޗައްއައި އެހެން ވާހަކައެއް ދަންނަވާލާނަމެވެ. އަވަށްޓެރި އިންޑިއާގައި ދިރިއުޅޭ މުސްލިމުނާއި މެދު އިހާނެތިކޮށް އަމަލުކޮށް އަނިޔާ ކުރެވޭ ވާހަކަ މަދު މަދުން ނަމަވެސް ފުރޭނިގެން ނޫސްތަކަށް އެބައަރައެވެ. އިންޑިއާގެ ނުފޫޒާއި ބާރުން އެ ޚަބަރުތައް ފަނޑުކޮށްލާފައި ވާކަމަށް ބަޔަކު ތުހުމަތު ކުރާއިރު، އިންޑިއާގެ ބީޖޭޕީގެެ ވެރިކަމުގައި ގެންގުޅޭ ސިޔާސަތުގެ ސަބަބުން އެޤައުމުގައި މުސްލިމުންނަށް ކުރިމަތިވާ އަނިޔާތައް ވަނީ އިތުރުވެގެން ގޮސްފައެވެ.
މިއަދު އިންޑިއާގެ ބޮޑުވަޒީރަކަށް ހުންނެވީ ދިވެހި ދައުލަތުން ބޭރު ފަރާތަކަށް އެރުވޭނެ އެންމެ މަތީ ޢިއްޒަތުގެ ލަޤަބު، ނިޝާން ޢިއްޒުއްދީން ޢިއްޒަތުގުވެރިޔާގެ ލަޤަބު އަރުވާފައިވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
ބީޖޭޕީ ތަމްސީލްކުރާ، މޯދީގެ ތާއީދާއިއެކު އިންޑިއާގައި ފާސްކުރެވިފައިވާ ރަށްވެހި ކަމުގެ ޤާނޫނުގެ ސަބަބުން އިންޑިއާގެ މުސްލިމުންގެ އެތައް ހައްޤެއް ގެއްލޭތީ އެ ޤައުމުގެ މުސްލިމުންދަނީ އިހުތިޖާޖު ކުރަމުންނެވެ.
ދިވެހި މުސްލިމް އެންމެހާ އަހުންނާއި، އުޚުތުންގެ ހެޔޮ އެދުންތައް މިޔަންމާއާއި، އިންޑިޔާ، ފަލަސްތީނާއި، ސީރިޔާއާއި އަދި އެނޫންވެސް ޤައުމުތަކުގެ މުސްލިމުންނާއި އެކު ވާކަން ގައިމެވެ.
މުސްލިމް އެއްވެސް ލީޑަރަކަށް ނުވަތަ ޤައުމަކަށްވިޔަސް މިޔަންމާގެ މުސްލިމުންނާއި މެދު އަމަލު ކުރެވުނު ގޮތް ގޯސްކަން ޤަބޫލުކުރެއްވޭ ފަފައިން އިންޑިއާއާއި އެހެނިހެން މުސްލިމުންނަށް ލިބޭ އަނިޔާތައްވެސް ޤަބޫލު ކުރެވެންވާނެއެވެ. ސޫޗީއާއި، މޮޑީގެ އަމަލުތަކުގައި މާބޮޑު ތަފާތެއްނެތެވެ. މިވާހަކަ މިހިސާބުން ކުރުކޮށްލާނަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!