ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައިވާ ދަނޑިވަޅުގައި ރައްޔިތުންތިބީ ހާސްކަމުގައެވެ.
މިހާލަތުގައި ޤައުމާއި ރައްޔިތުންގެ ސަލާމަތްތަށްޓަކައި ސަރުކާރުން ގެންދަވަނީ ފިޔަވަޅުތައް އަޅުއްވައި، ގިނަ މަސައްކަތް ތަކެއް ކުރަށްވަމުންނެވެ. ރައްޔިތުން ހޭލުންތެރިކޮށް އެވައިރަސްއާއި ގުޅޭ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ގެންދަވަނީ ހާމަ ކުރަށްވަމުންނެވެ.
ކޮވިޑު-19 ގެ ވިލާގަނޑު މުޅިދުނިޔެ ބަނަ ކޮށްލާފައިވާއިރު، ދިވެހިންގެ ތެރޭގައިވެސް ރަނގަޅު މައުލޫމާތު ފެތުރުން ވަރަށް މުހިންމެވެ. ނުރަނގަޅު މައުލޫމާތާއި ވާހަކައިގެ ސަބަބުން ކިތަންމެ ރަނގަޅަށް ކަމާއި ބެހޭ އިދާރާތަކުން މަސައްކަތް ކުރިޔަސް، ކިތަންމެ ރޭވުންތެރި ފިޔަވަޅުތަކެއް އެޅިޔަސް ރައްޔިތުންނަށް ދަތި ހާލަތެއް ކުރިމަތި ކުރުވުމަކީ ވެދާނެކަމެކެވެ.
ދިވެހިންގެ މައިގަނޑު ކެއިން ބުއިމުގެ ވައްތަރުތައް ތައްޔާރު ކުރުމުގައި ބޭނުންކުރަނީ ކާޑުގެ ބާވަތްތަކެވެ. ހަނޑުލާއި، ހަކުރާއި، ފުއް ހުސްވާ ކަމަށް ވާހަކަ ދެކެވެން ފެށިއްޖެނަމަ އެންމެން ނުކުމެ އެބާވަތްތައް ގުދަން ކުރަން ދިމާކުރީމާ އެބާވަތްތައް އެތެރެކޮށް ވިއްކާ އެސްޓީއޯއަށް އެކަން އުފުލައިގަނެވޭނެ ކަމަކަށް ވެދާނެތޯއެވެ؟
ހާސްކަން މަތީގައި ގޮސް ކޮންމެ ގެއަކީ ކާޑު ގުދަނަކަށް ހަދައިފި ނަމަ އޭގެ ސަބަބުން އެކި ދަތިތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު އިއްޔެ ވިދާޅުވީ މިސަބަބާއި ހުރެއެވެ.
ކޮވިޑް-19 ވައިރަސްއާއި ގުޅިގެން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާނެކަމަށް ބެލެވޭތީ އެކަމަށް ދުރާލާ ތައްޔާރުވާން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ އަޑު އަހާފައިވިޔަސް އަމަލު ކުރަންވާނީ ވިސްނުންތެރި ކަމާއިއެކުއެވެ.
ކާޑު ކޮންޓްރޯލު ކުރަން ޖެހޭނަމަ ނުވަތަ ކައްކާގޭސް ސްޓޮކް ހުސްވެ، ޤައުމުން އެފަދަ އަސާސީ ބާވަތްތައް މަދުވެ، ގޮތް ހުސްވާނަމަ ސަރުކާރުން ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނެސް ދުރާލާ އަންގާނެކަމަށް ޤަބޫލުކުރަން ޖެހެއެވެ.
ރައްޔިތުންގެ މެދުގައި ކާޑުގެ ބާވަތްތަކާއި މެދު ކަންބޮޑުވުން އޮތްކަމަށް އެބަ ތުންތުންމަތިން އަޑުއިވެއެވެ. ނަމަވެސް ކާޑުގެ ބާވަތްތައް އެތެރެކޮށް ވިއްކާ ކުންފުނި އެސްޓީއޯގެ އެމްޑީ އަމްރު އިއްޔެ ވިދާޅުވީ ސްޓޮކްގައި ރައްޔިތުން ބޭނުންވާ ވަރަށް ކާޑުގެ ބާވަތް އެބަހުރި ކަމަށާއި މިހާރުވެސް ކާޑުގެ ބާވަތްތައް ބޭނުންކުރާ ގޮތަށް އެއްވެސް ދަތިކަމެއް ނެތި ކާޑުގެ ބާވަތްތައް ބޭނުންކުރެވޭނެ ކަމަށެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 ވައިރަސްގެ ސަބަބުން ރާއްޖެއިން ކާޑުގެ ބާވަތްތައް ހުސްވެދާނެ ކަމަށް ހީކޮށް އާންމުންގެ ބައެއް ފަރާތްތަކުން ކާޑުގެ ބާވަތްތައް ގަނޑުކޮށް ގަތްނަމަވެސް މިވަގުތަކީ ކޮންމެ ގެއެއް ކާޑު ގުދަނަކަށް ހަދަން ޖެހޭ ވަގުތު ނޫން ކަމަށްވެސް އެމްޑީ އަމުރު އިއްޔެ ވިދާޅުވިއެވެ.
"ރަށެއް ކަރަންޓީނު ކުރުމަކީ ރަށަކަށް މުދާ ގެންދިޔުމަށް އޮންނަ ހުރަހެއް ނޫން. އަދި މާލެއިން މިސާލަކަށް އެ ވައިރަސް ޖެހިފައި ހުރި މީހަކު ފެނުނު ކަމުގައިވިނަމަވެސް އެއަކީ އަދި އަޅުގަނޑުމެން ކާޑު ވިއްކުން ހުއްޓާލާނެ ކަމެއްވެސް ނޫން،" އޭނާ ވިދާޅުވިއެވެ.
މިހާރުވެސް ކާޑު ދޫކުރާ އުސޫލުން ދަތި ކަމެއް ނެތި ކާޑުގެ ބާވަތްތައް ދޫކުރެވޭނެ ކަމުގެ ޔަގީންކަންވެސް އެމްޑީ އަމްރު ވަނީ ދެއްވާފައެވެ.
އެހެން ކަމަށްވީއިރު ހާސްކަން މަތީގައި ގޮސް ކޮންމެ ގެއަކީ ކާޑު ގުދަނަކަށް ހަދަންޖެހޭ ސަބަބަކީ ކޮބައިތޯއެވެ؟
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!