ތާރީޚީ ގޮތުން މިއަދަގެ ޖީލަށް ލިބެން ހުރި މަޢުލޫމާތަކީ އަޅުގަނޑުމެންގެ ކާބަފައިން ކޮށްފައިވާ ވަރަށް ބުރަ މަސައްކަތުން އެތަކެއް ބަޔެއްގެ މިންނަތް މަސައްކަތިން މިއަދުގެ ޖީލަށް ވާސިލްވެފައިވާ އަގު ހުރި ތަރިކައެކެވެ. މިއަދު މިކަމުގެ ޒިންމާ އެޅިފައިމިވަނީ މިއަދުގެ ޖީލުގެ ބޮލުގައެވެ. އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް މިއަދު ވަމުންދާ ކަންކަން އިބްރަތެއްގެ ގޮތުގައި ވާސިލްކޮށްދިނުމަކީ މުހިންމުކަމެކެވެ.

ބަވަނަ ވެފައިވާ މިޒަމާނުގައި ކަންކަން މިވަނީ ވަރަށް ފަސޭހަވެފައެވެ. މުވާސަލާތާއި ޓެކްނޮލޮޖީގެ ގޮތުން، ކުރި އަރާފައިވާ މިޒަމާނުގައި މިވަނީ ވަރަށް ނުރައްކާތެރިކަމަކާއި ކުރިމަތިލާން ޖެހިފައެވެ. ދޮގު ޚަބަރާއި މަޢުލޫމާތުގެ ވާހަކައަކީ މިހާރަކަށް އައިސް ވަރަށް ބޮޑަށް ދެކެވޭ ވާހަކައެކެވެ. ޚާއްޞަކޮށް، ތެދު މަޢުލޫމާތާއި ތެދުކަމަށް ބެލެވޭ މަޢުލޫމާތުގެ ފަރަޤު ދެނެގަންނަން ދަތި މި ދުވަސްވަރު ދުނިޔޭގައި ނުވަތަ ޤައުމުގައި ހިނގާ ބޮޑެތި ހާދިސާތަކާ ގުޅިގެންވެސް ތެދު ނޫން މަޢުލޫމާތު ފެތުރެމުންދަނީ މަދުންނެއް ނޫނެވެ.

Ad
rt

ތެދު ނޫން މަޢުލޫމާތެއް ފަތުރާ ކޮންމެ ފަހަރަކު މަޤްޞަދަކީ ދޮގު ޚަބަރުތަކެއް ޢާއްމުކުރުން ކަމުގައި ނުވުމަކީވެސް އެކަށީގެންވާކަމެކެވެ. އެގޮތުން މުނިފޫހިފިލުވުމުގެ މަޤްޞަދުގައިވެސް ރަސްމީ ޕްލެޓްފޯމްތަކުގައި ތެދު ނޫން މަޢުލޫމާތު ދައުރުކުރާ މަންޒަރު ފެނިފައިވެއެވެ. އެގޮތުން، ޙަޤީޤީ ކަމަކަށް ޖޯކު ޖެހުމުގެ މަޤްޞަދުގައި އުފައްދާ ކޮންޓެންޓް، ސެޓަޔަރ، ޕެރޮޑީ ފަދަ ކޮންޓެންޓަކީ، މީހުންނަށް އޮޅުވާލުމުގެ މަޤްޞަދެއް އޭގައި ހިމެނޭ އެއްޗެށް ނޫނެވެ. ހަމަ މި ފަދައިން، ސޯޝަލް މީޑިއާގައި ދައުރުކުރާ މީމްސް ފަދަ ކޮންޓެންޓަކީވެސް ކޮންމެހެން އޭގައި މީހުންނަށް އޮޅުވާލުމުގެ މަޤްޞަދެއް އެކުލެވޭ އެއްޗެއް ނޫނެވެ. އެހެންނަމަވެސް، މި މަޢުލޫމާތަށްވެސް އަހުލުވެރި ނުވެ ހުންނަ މީހަކަށް، ނުވަތަ ސެޓަޔަރ، ޕެރޮޑީ އަދި މީމްސްއަކީ ކޮން އެއްޗެއްކަން އޮޅުންނުފިލާ މީހަކަށް، މީގެ ޒަރިއްޔާއިން ދޮގު މަޢުލޫމާތުތަކެއް ލިބުން އެކަށީގެންވެއެވެ.

އެހެންކަމަށްވާނަމަ، ދޮގު މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ނޫންކަމުގައިވިޔަސް ދޮގު މަޢުލޫމާތު ފެތުރުމުގެ ޒިންމާ ނުވަތަ މިސްއިންފޯމޭޝަންގެ ޒިންމާ ނަގާންވީ ކޮން ބައެއް ބާއެވެ؟ އެއީ އެފަދަ މީޑިއަމްތަކަށް އަހުލުވެރިނުވާ ޢާއްމު މީހާގެ މައްސަލައެއް ހެއްޔެވެ. ނުވަތަ، މަޢުލޫމާތު ފެތުރުމަށް އެ ފަދަ މީޑިއަމްތައް ބޭނުންކުރާ ފަރާތްތައް ހެއްޔެވެ؟ މިކަމުގެ އަސަރު މިއަދު ނުފެނުނަސް މާދަމާގެ ޖީލުތަކަށް މީގެން ވަރަށް ނުބައި އަސަރެއް ކުރާނެކަމީ ޔަގީން ކަމެކެވެ.

ޙަޤީޤަތަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެއްވެސް ހިފެހެއްޓުމެއް ނެތި ލިބޭ ރަން ޒަމާނުގައި އެ މިނިވަންކަމާ އެކުއެކީ ޒިންމާތަކެއް ވާކަން، ހަމަ ކޮންމެ ފަރުދަކުވެސް ދަންނަންޖެހޭކަމެވެ. މަޢުލޫމާތަށް ވާޞިލުވުމަށް އޮތް ލުއިފަސޭހަކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން މުޖުތަމަޢު ބައިބައިކޮށް، އެ ބައިބައިވުމުގެ ތެރެއިން ބައެއްގެ އަމިއްލަ އެޖެންޑާއެއް ތަންފީޒުކުރުމަށް ކާމިޔާބު ލިބިގެންމިދަނީ، މަޢުލޫމާތު ފެތުރުމަށް ފަހިވެފައިވާ މަގުތައް ބޭނުންކުރުމުގައި، ފަރުދީ އަދި މުވައްސަސީ ފެންވަރެއްގައި އަދާކުރަންޖެހޭ ޒިންމާ އަހަރެމެންނަށް ފަރުދީ ފެންވަރެއްގައި ދެނެ ނުގަނެވޭތީއެވެ. ފަހުން މިކަމުން ކުރާނެ އަސަރު ވިސްނާ ނުލެވުމުންނެވެ.

ތެދު މަޢުލޫމާތަށް ވުރެ، ތެދުކަމަށް ޤަބޫލުކުރެވޭ މަޢުލޫމާތުގެ އަޑު ހަރުވެ، ތެދު މަޢުލޫމާތު ކަރުދާހަށް ތިރިކޮށް އަރުޝީފުކުރުންވެސް މިވަނީ ގޮންޖެހުމަކަށް ވެފައެވެ.

އެކި މީޑިއަމްތައް ބޭނުންކޮށްގެން މިސްއިންފޯމޭޝަން ނުވަތަ ނޭނގި ދޫކުރެވޭ ދޮގު މަޢުލޫމާތު، ޑިސްއިންފޯމޭޝަން ނުވަތަ ގެއްލުމެއް ދިނުމުގައި ގަސްދުގައި މާނަ އޮޅޭގޮތަށް ދައުރުކުރާ ތެދު މަޢުލޫމާތު އަދި މެލްއިމްފޯމޭޝަން ނުވަތަ ގަސްދުގައި ގެއްލުމެއް ދިނުމަށް ފަތުރާ ދޮގު ނުވަތަ ބަދަލުކޮށްފައިވާ މަޢުލޫމާތުވެސް ފަތުރަމުންދާކަން އަހަރެމެން ބަލައިގަންނަ ހިނދު، އެއިން ތެދު ފުރާނާނޭ ގޮތްތަކެއްވެސް އެނގެން އެބަޖެހެއެވެ.

މުވައްސަސީ ފެންވަރެއްގައި މަޢުލޫމާތު ހާމަކުރުމުގެ ސިޔާސަތެއް ގެންގުޅުމަކީ، ދޮގު މަޢުލޫމާތު ހުއްޓުވޭނޭ އެންމެ މުހިއްމު އެއް ގޮތެވެ. ކަމެއްގެ މަޢުލޫމާތު ސިއްރުކުރުމުގެ ބަދަލުގައި، ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން މަޢުލޫމާތު ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރުމުން، އެ ކަންކަމާ ގުޅުންހުރި ކުށްހީތައް ދައުރުވާ މިންވަރު މަދުވެގެންދާނެކަން ޔަޤީނެވެ.

ރާއްޖޭގައި މި ވަގުތު ފެކްޓް ޗެކިންގް ޑޭޓާ ބޭސްތަކެއް ހުރީކީ ނޫނެވެ. އެހެންނަމަވެސް އޮންލައިން އަރުޝީފުތަކާއި މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްތައް ފަދަ ސައްޙަ ވަޞީލަތްތައް ބޭނުންކޮށްގެން ވެނިމިފައިވާ ކަންކަމުގެ ތެދުދޮގު ކަށަވަރުކުރެވިދާނެއެވެ. ޚަބަރު ފަތުރާ ވަޞީލަތެއްގެ ގޮތުގައި ސޯޝަލް މީޑިއާ ގުނާލެވޭ މި ޒަމާނުގައި، ކޮންޓެންޓް އުފައްދާ ދައުރުކުރާ ހެންޑްލް ތަކަކީ ސައްޙަ އެކައުންޓް ނުވަތަ ހެންޑްލްތޯ ބެލިދާނެއެވެ. ކްލިކްބެއިޓް ނުވަތަ ހިތައް އަސަރުކުރުވާފަދަ ސުރުޚީއެއް ފެނުމުން، އެ މަޒުމޫނެއް ނުވަތަ ލިޔުމެއް އެއްކޮށް ކިޔާލުމަށްފަހުގައި މެނުވީ އެ ލިންކެއް ޝެއަރ ނުކުރުން، އެއީ ތިމާގެ އުޞޫލުކަމުގައި ހެދިދާނެއެވެ. ސިޔާސީ ކެމްޕެއިންތަކުގައްޔާއި، ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތައް މިނުމުގައި އެ ހިއްސާކުރާ މަޢުލޫމާތެއްގެ ތެދު ދޮގު އޮޅުންފިލުވުމަކީ އާދައަކަށް ހެދިދާނެއެވެ.

މިގޮތައް އަސްލުނުބަލާ ޝެއަރ ކޮށްލެވޭ ޚަބަރެއް ނުވަތަ ޕޯސްޓަރެއް މީގެ ދިހައަހަރު ފަހުން ފޭސްބުކް މެމޮރީ އިން ފެނުމުން އެކަން އެއޮތީ ތާރީޚްގެ ތެރެއަށް ވަދެފައެވެ. އެދުވަހުން އެކަމުގެ ތެދުދޮގު ބެލުމަކީ އުނދަގޫކަމަށް ވާނެއެވެ. އެކަންކަން ހަނދާނުގައި ހަރުލާފައި ހުންނާނީ މަދުބަޔެކެވެ. އެދުވަހު ކުރެވުނު ކަމެއްގެ ހިތި 10 އަހަރު ފަހުން ފިލުވަން ނުތިބެ މިއަދު ދޮގު ހަބަރާއި މަޢުލޫމާތު ފަތުރާ ފަރާތްތަކަށް ނޫނެކޭ ބުނެ އަމިއްލައަށް ކަންކަމުގެ ދެކޮޅު ބަލަންޖެހޭ ހިސާބަށް މިއަދުގެ ހާލަތުމިވަނީ ގޮސްފައެވެ. ތާރީޚް އޮޅުން ބޮޅުންގަނޑެއްގެ ތެރެއަށް ދިއުމުގެ ކުރިން ރައްކާތެރިވާން ޖެހެއެވެ. މިއީ މިއަދު ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.