ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މައިންބަފައިންނަށް ދޭ ވިހެއުމުގެ ޗުއްޓީ އަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްފި އެވެ.
ރާއްޖޭގެ ޤައުމީ ބޭންކުން ގެނައި މި ހެޔޮ ބަދަލާ އެކު، ވިހެެއުމުން އަންހެން މުވައްޒަފުންނަށް މުސާރައާ އެކު ހަ މަހުގެ ޗުއްޓީއެއް ލިބޭނެ އެވެ. އަދި މާބަނޑު ދުވަސްވަރު މުވައްޒަފުގެ ސިއްހީ ހާލަތަށް ބަލައި ދެ މަސްދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. މީގެ ތެރޭގައި، މުސާރައާ އެކު އެއް މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން، ދަރިފުޅު ލިބުމާ ގުޅިގެން ފިރިންހެން މުވައްޒަފުންނަށް ވެސް އެއް މަހުގެ ޗުއްޓީއެއް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. ދަރިފުޅު ލިބޭތާ ހަތް މަސްދުވަސް ތެރޭ މި ޗުއްޓީ ނެގޭ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ވިހެއުމާ ގުޅިގެން މިހާރު އަންހެން މުވައްޒަފުންނަށް ލިބެނީ ދެ މަހުގެ ޗުއްޓީ އެކެވެ. އަދި ފިރިހެން މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ދެމުން އައީ ތިން ދުވަހެވެ.
މި ގެނައި ބަދަލުގައި، މިހާރު ޗުއްޓީގައި ތިބި މުވައްޒަފުން ވެސް ހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ސަރުކާރު މުވައްޒަފުންނަށް ވިހެއުމުން ހަ މަސްދުވަހުގެ ޗުއްޓީއެއް ދޭން މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ބަދަލާ ގުޅިގެން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ވެސް ވަނީ އެ އުސޫލަށް ބަދަލު ގެނެސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!