މިއަހަރުގެ ބެލޮންޑޯ އެވޯޑު ފުރަތަމަ ފަހަރަށް ހޯދުމުގެ ފުރުސަތު ބޮޑު ކަމަށް ގަބޫލުކުރާ ކަމަށް، ރިއާލް މެޑްރިޑަށް ކުޅެމުންއަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފިއެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހު އިންޓަ މިލާނާ ދެކޮޅަށް މެޑްރިޑުގައި ކުޅޭ މެޗުގެ ކުރިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

އެމްބާޕޭ ބުނީ އޭނާއާ ބެލޮންޑޯ އެވޯޑާ ގުޅުވައިގެން ގިނަ ބަޔަކު ވާހަކަދައްކަމުން އަންނަ ކަމަށާއި، ދުނިޔޭގެ އެންމެ މުހިންމު މުބާރާތުގައި އޭނާ ވަނީ ތާރީޚީ ކާމިޔާބީތަކެއް ހޯދާފައި ކަމަށެވެ.

"ބެލޮންޑޯ ހޯދަން މިއީ އެންމެ ރަނގަޅު އަހަރަށް ވެދާނެ، އެކަމަކު މީހުން ވޯޓު ދޭނީ އެ މީހުންނަށް ފެންނަ ގޮތަކަށް،" އެމްބާޕޭ ބުންޏެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ކްލަބް ކަމަށްވާ ރިއާލް މެޑްރިޑަށް ކުޅޭނަމަ، މީހުން އޭނާ އެ އެވޯޑާ ގުޅުވާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ތާރީޚީ ކާމިޔާބީތަކާއި ރެކޯޑުތައް

ފާއިތުވި ސީޒަނުގައި ރިއާލް މެޑްރިޑަށް ކުޅުނު 44 މެޗުން އެމްބާޕޭ ވަނީ 42 ލަނޑު ޖަހާފައެވެ. ނަމަވެސް އެ ސީޒަން ނިމުނީ އެ ކްލަބަށް ބޮޑު ތައްޓެއް ނުލިބިއެވެ. މީގެ އިތުރުން ވޯލްޑް ކަޕްގައި 10 ލަނޑު ޖަހައިގެން ޖެހިޖެހިގެން ދެވަނަ ފަހަރަށް ރަންބޫޓު ހޯދިއިރު، މިއީ ފާއިތުވި 56 އަހަރު ތެރޭ ވޯލްޑް ކަޕެއްގައި ކުޅުންތެރިއަކު އެންމެ ގިނަ ލަނޑު ޖެހި ފަހަރެވެ. އަދި ވޯލްޑް ކަޕްގެ ތާރީޚުގައި ޖުމްލަ 22 ލަނޑު ހަމަކޮށް، ލިއޮނެލް މެސީ ފަހަތަށް ޖައްސާލުމަށްފަހު އޭނާ ވަނީ އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

އަމިއްލަ ނަފްސާމެދު ދެކޭގޮތާ ބެހޭގޮތުން ވާހަކަދައްކަމުން އެމްބާޕޭ ބުނީ އޭނާއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އަބަދުވެސް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް އަމިއްލަ ރައުޔެއް އޮތުމުގެ ހައްގު ލިބިގެންވާ ކަމަށް އޭނާ ބުންޏެވެ. އަދި އެހެން ކުޅުންތެރިންނާ އަޅާކިޔަން ބޭނުންނުވާ ކަމަށް ބުނަމުން އެމްބާޕޭ ބުނީ، އެހެން މީހުން ނުކުރާ ގިނަ ކަންތައްތަކެއް އޭނާ ކުރާ ކަމަށާއި، "އެކަމުގެ ތެރެއަށް ވަދެއްޖެނަމަ، އެއީ ނިމުމެއް ނެތް ބަހުސަކަށް ވެގެންދާނެ" ކަމަށެވެ.

މިއަހަރުގެ ބެލޮންޑޯ އެވޯޑު ދިނުމުގެ ހަފްލާ އޮންނާނީ އޮކްޓޯބަރު 26 ވަނަ ދުވަހު އިންގްލަންޑުގެ ލަންޑަންގައެވެ. މި އެވޯޑަށް ވާދަކުރާ އެހެން ކުޅުންތެރިންގެ ތެރޭގައި ބަޔާން މިއުނިކަށް 51 މެޗުން 61 ލަނޑު ޖަހައިދިން ހެރީ ކޭންއާއި، ސްޕެއިންއާއެކު ވޯލްޑް ކަޕް އަދި ބާސެލޯނާއާއެކު ލާ ލީގާ ކާމިޔާބުކުރި ލަމީން ޔަމާލް ހިމެނެއެވެ. ވޭތުވެދިޔަ އަހަރުގެ ފިރިހެނުންގެ ބެލޮންޑޯ އެވޯޑު ހޯދާފައިވަނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އުސްމާން ދެމްބެލޭއެވެ.

ބެލޮންޑޯ ވޯޓިންގައި އެމްބާޕޭއަށް އެންމެ ރަނގަޅު ނަތީޖާއެއް ލިބުނީ 2023 ވަނަ އަހަރު ތިންވަނަ ލިބުނު ފަހަރެވެ. އަންގާރަ ދުވަހުގެ ރޭ މެޑްރިޑުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރިއާލް މެޑްރިޑުން ކުޅޭ ފުރަތަމަ މެޗެވެ.