އެމެރިކާގެ ނިއުޔޯކް ސިޓީގެ މަޝްހޫރު ޓައިމްސް ސްކުއާ ސަރަހައްދުގައި ހޯމަ ދުވަހުގެ ހަވީރު ދިން ވަޅީގެ ނުރައްކާތެރި ހަމަލާއެއްގައި ބޭންކް އޮފް އެމެރިކާގެ ވައިސް ޕްރެޒިޑެންޓެއް ކަމަށްވާ އުމުރުން 32 އަހަރުގެ އެރިން ޕިއަސެންޓީ މަރުވެއްޖެއެވެ.
ނިއުޔޯކް ސިޓީގެ ފުލުހުނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ހަވީރު ގާތްގަނޑަކަށް 4:24 އާއި 4:30 އާ ދެމެދު، ވެސްޓް 42 ވަނަ މަގާއި ސެވަންތު އެވެނިއު ގުޅޭ ސަރަހައްދުގައެވެ. ކުއީންސްއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ޕަމެލާ ސިސްނެރޯސް ނަމަކަށް ކިޔާ އަންހެނަކު ވަނީ އޭނާގެ ޝޮޕިންގ ކޮތަޅަކުން ދެ ބޮޑު ވަޅި ނަގައި، 20 ސިކުންތުގެ ތެރޭގައި ދެ މީހަކަށް ހަމަލާދީފައެވެ. އޭނާ ފުރަތަމަ ހަމަލާދިނީ އުމުރުން 68 އަހަރުގެ ފިރިހެނެއްގެ ބަނޑަށެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ޕިއަސެންޓީގެ ބަނޑަށް ވެސް ވަނީ ވަޅި ހަރާފައެވެ. ފުލުހުން ބުނާ ގޮތުގައި މިއީ އެއްވެސް ސަބަބަކާ ނުލައި، ކުއްލިއަކަށް މަގުމަތިން ދިމާވި މީހުންނަށް ދިން ހަމަލާތަކެކެވެ.
ހަމަލާއަށްފަހު ޕިއަސެންޓީ ބެލެވިއު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. އަނިޔާވި 68 އަހަރުގެ ފިރިހެން މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ. ހަމަލާދިން ސިސްނެރޯސް އަކީ ނަފްސާނީ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެކެވެ. ފުލުހުން އޭނާއަށް ވަޅި ބެހެއްޓުމަށް ތަކުރާރުކޮށް އެންގުމުން ވެސް އޭނާ ވަނީ އެކަމަށް ދެކޮޅު ހަދައި، ފުލުހުން މަރާލާނެ ކަމަށް ބުނެ ވަޅި ހިފައިގެން ފުލުހުންނާ ދިމާއަށް ދުވެފައެވެ. ފުލުހުން ޓޭޒަރ ބޭނުންކޮށްގެން އޭނާ ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން، ފުލުހުން ބަޑިޖަހައި އޭނާ ވަނީ މަރާލާފައެވެ.
އެރިން ޕިއަސެންޓީއަކީ ވަން ބްރަޔަންޓް ޕާކް ކައިރީގައި ހުންނަ ބޭންކް އޮފް އެމެރިކާގެ ވައިސް ޕްރެޒިޑެންޓް އޮފް ބިޒްނަސް ސިލެކްޝަން އެންޑް ކޮންފްލިކްޓްސް އެވެ. ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާ އަދި ފޯޑަމް ލޯ ސްކޫލުން ތައުލީމު ހާސިލްކޮށްފައިވާ ޕިއަސެންޓީ އާއި އޭނާގެ ފިރިމީހާ ފްރޭންކް ދާދިފަހުން ވަނީ ކައިވެނީގެ ދެވަނަ އަހަރީ ދުވަސް ފާހަގަކޮށް، 2025 ވަނަ އަހަރު ނިއު ޖާޒީގެ ޗެސްޓާއިން ފުރަތަމަ ގެ ވެސް ގަނެފައެވެ.
ބޭންކް އޮފް އެމެރިކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އަޅުގަނޑުމެންގެ އެކުވެރިޔާ ކުއްލި ގޮތަކަށް ވަކިވެދިއުމުން ފުން ހިތާމައާއި ސިހުން ލިބިއްޖެ. އޭނާއަކީ އަޅުގަނޑުމެން ވަރަށް އަގުވަޒަންކުރާ ޓީމު މެންބަރެއް، އަދި އޭނާގެ ވަކިވުމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސްވާނެ. އަޅުގަނޑުމެންގެ ހިތާމައިގެ ޝުއޫރުތައް އޭނާގެ އާއިލާއަށާއި އެންމެހައި ލޯބިވާ ފަރާތްތަކަށް ރައްދުކުރަން،" ކަމަށެވެ.
ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ އަދި އެންވައިޕީޑީ ކޮމިޝަނަރު ޖެސިކާ ޓިޝް ވަނީ މަރުވި ފަރާތުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި ފުލުހުން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން މި ހާދިސާ މިއަށްވުރެ ގޯސްވިޔަނުދީ ހުއްޓުވުނުކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!