މަސްވެރިކަމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކާއެކު، މަސްވެރިކަމުގެ ސިނާއަތް ވެއްޓިފައިވާ އަނދަވަޅުން ނަގައި ކޮޅަށްޖަހައި، މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތައް ތަސްދީގުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައްވެސް މިއަދު ރައީސް ތަސްދީގު ކުރައްވާފައިވާއިރު، މި ގާނޫނުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ގައުމުގެ އިގްތިސޯދީ ދާއިރާއިން އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތައް ގާއިމްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅވި ގޮތުގައި، ސްޕޯޓްސް ފިޝިންގ އަދި އެކަހަލަ އެކި ކަންކަމަށް ހާއްސަ ބަނދަރުތައް ހެދުމަށް މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން އަންނަނީ މެދުކެނޑުމެއްނެތި ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ މަސްވެރިކަން އޮތީ އަނދަވަޅެއްގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސްޕޯޓްސް ފިޝިން ދާއިރާއަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާވަމުން އަންނަ އެއް ދާއިރާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން ލިބޭ އެއް ރިކުއެސްޓަކީވެސް ސްޕޯޓްސް ފިޝިންއަށް ބޮއި އެޅުން ނުވަތަ ވަކި ސަރަހައްދުތަކެއްގައި ބަނދަރުތައް ހެދުން ކަމަށާއި، އަލަށް ގެނެވުނު ގާނޫނީ އިސްލާހުގެ ސަބަބުން މިކަންކަން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުނިފޫހިފިލުވުމަށާއި ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަމުގެ ހަރަކާތްތަކާއި އެކަމާ ގުޅޭ ފެސިލިޓީތައް ތަރައްގީކޮށް ހިންގުމަކީ ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ނުހަނު މުހިންމު ކަމެކެވެ. މިފަދަ ފެސިލިޓީތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ފަތުރުވެރިންނަށާއި އާންމު ރައްޔިތުންނަށް ރައްކާތެރި އަދި ފަސޭހަ މާހައުލެއްގައި މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެކެވެ.
މަސްވެރިކަމުގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ވަނީ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ ބޭނުމަށްޓަކައި ހާއްސަ ބަނދަރުތައް ތަރައްގީކޮށް ހިންގުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި އުޅަނދުފަހަރު ބަނދަރުކުރުމާއި ސާވިސްކުރުމުގެ ހިދުމަތުގެ އިތުރުން، މަސް ކިރުމާއި ޕްރޮސެސްކުރުމުގެ ހިދުމަތާއި، މަސްވެރިކަމުގެ އަދި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ބޭނުންވާ އާލާތްތަކާއި ސާމާނު ވިއްކުން ފަދަ ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!