އިނގިރޭސިވިލާތުގެ އެސްޓަން ވިލާއަށް ކުޅެމުންދިޔަ އިންގްލަންޑްގެ ފޯވާޑް އޯލީ ވޮޓްކިންސް، ސައޫދީ އަރަބިއްޔާގެ އަލް ހިލާލަށް ބަދަލުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 30 އަހަރުގެ ފޯވާޑް އަލް ހިލާލަށް ސައިން ކުރީ 51 މިލިއަން ޕައުންޑް (69 މިލިއަން ޑޮލަރު) ގެ ޓްރާންސްފާ ފީއަކަށެވެ. ވޮޓްކިންސްގެ މި ބަދަލު ފުރިހަމަވެފައިވަނީ އާދީއްތަ ދުވަހުއެވެ.

Ad
rt

ވޮޓްކިންސް އެސްޓަން ވިލާއާ ގުޅުނީ 2020 ވަނަ އަހަރު ބްރެންޓްފޯޑުންނެވެ. އެ ކްލަބުގައި ހޭދަކުރި ކޮންމެ ސީޒަނެއްގައިވެސް އޭނާ ވަނީ 10 އަށްވުރެ ގިނަ ލަނޑު ޖަހައި، ޓީމުގެ ކުރީސަފުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އަލް ހިލާލަށް ބަދަލުވުމާ ގުޅިގެން ވޮޓްކިންސް އާދީއްތަ ދުވަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ، އެސްޓަން ވިލާގައި ހޭދަކުރި އުފާވެރި 6 އަހަރަށްފަހު އެ ކްލަބާއެކު އޮތް ދަތުރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އެ ކްލަބުން ލިބުނު އުފާވެރި ހަނދާންތަކަށާއި، ކާމިޔާބީއާއި ނާކާމިޔާބީގެ ވަގުތުތަކުގައި ސަޕޯޓަރުންގެ ފަރާތުން އެކި ގޮތްގޮތުން ލިބުނު އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

"މި ކްލަބަށް އަލްވިދާޢު ކިޔުމަކީ ދުވަހަކުވެސް ފަސޭހަ ކަމެއް ނޫން. މިއީ ދަނޑުމަތީގައާއި ދަނޑުން ބޭރުގައިވެސް މަގޭ ހަޔާތުގެ ވަރަށް ބޮޑު ބައެއް،" ވޮޓްކިންސް އޭނާގެ މެސެޖުގައި ލިޔެފައިވެއެވެ.

ވޮޓްކިންސް އަލް ހިލާލަށް ބަދަލުވިއިރު، މި ޓްރާންސްފާ ބާޒާރުގައި އެސްޓަން ވިލާ ދޫކޮށް ދިޔަ މަޝްހޫރު ކުޅުންތެރިންގެ ލިސްޓަށް އޭނާގެ ނަންވެސް މިހާރު ވަނީ އިތުރުވެފައެވެ. މި ބާޒާރުގައި އެ ކްލަބުން ވަނީ މުހިންމު އެހެން ކުޅުންތެރިންތަކެއްވެސް ވިއްކާލާފައެވެ.

އެގޮތުން މި ޓްރާންސްފާ މުއްދަތުގެ ތެރޭގައި އެސްޓަން ވިލާއިން ވަނީ މޯގަން ރޮޖާސް، ޔޫރީ ޓީލެމަންސް، އަދި އެޒްރީ ކޮންސާވެސް ވިއްކާލާފައެވެ. މީގެ އިތުރުން އެ ކްލަބުގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒްވެސް ވަނީ އާދީއްތަ ދުވަހު ޗެލްސީއަށް ބަދަލުވެފައެވެ.