ފްރާންސްގެ މަޝްހޫރު މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، އެގައުމުގެ މޮނާކޯއިން އޭނާއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފިއެވެ.

އަނިޔާތަކާއި ޑޯޕިން މައްސަލައެއްގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު، އަލުން ކެރިއަރު ފެށުމުގެ ގޮތުން ޕޮގްބާ މޮނާކޯއާއެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުއެވެ. ނަމަވެސް، އަނިޔާގެ މައްސަލަތައް ކުރިމަތިވެ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާއަށް ނިމިދިޔަ ސީޒަނުގައި ކުޅެވުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މަދު މެޗުތަކެއްގައެވެ. އަދި އާ ސީޒަނަށް ތައްޔާރުވުމުގެ ތެރޭގައި ފިޓްނަސް ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިވެ، ދާދި ފަހުން އޭނާއަށް އަނެއްކާވެސް ވަނީ އަނިޔާވެފައެވެ.

Ad
rt

''ފުރަތަމަ ކަނޑައެޅި ލަނޑުދަނޑިތައް ހާސިލްކުރެވިފައިވަނީ ވަރަށް ކުޑަކޮށް ކަމަށް ބަލައި، އާ ސީޒަންގެ ފުރަތަމަ މެޗުގެ ކުރިން، ޖޫން 2027 ގެ ނިޔަލަށް ޕައުލް ޕޮގްބާއާއެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލްކުރުމަށް މޮނާކޯއާއި ޕޮގްބާ ވަނީ ނިންމާފައި'' ފްރާންސް ލީގު އަށް ފަހަރު ކާމިޔާބުކޮށްފައިވާ މޮނާކޯއިން ނެރުނު ބަޔާނެއްގައި ބުނެފަވެއެވެ.

ނިމިދިޔަ ސީޒަނުގައި މޮނާކޯއިން ލީގު 1 ނިންމާލީ ހަތްވަނައިގައެވެ.

''މޮނާކޯއަކީ ވަރަށް ހާއްސަ ކްލަބެއް. އަހަރެން އުއްމީދުކުރި ވަރަށް މެޗުތަކުގައި ނުކުޅެވުނު ނަމަވެސް، ލިބުނު ފުރުސަތަށްޓަކައި އަބަދުވެސް ޝުކުރުވެރިވާނަން'' މޮނާކޯ ދޫކޮށްލުމާ ގުޅޭގޮތުން އުމުރުން 33 އަހަރުގެ ޕޮގްބާ ބުނެފަވެއެވެ.

ޕޮގްބާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ކްރޮއޭޝިއާ 4-2 އިން ބަލިކުރި މެޗުގައި އޭނާ ވަނީ ލަނޑު ޖަހާފައެވެ. އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 91 މެޗު ކުޅެދީ 11 ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ދެ އަހަރު ކުރިން، 2016 ގައި ޔުވެންޓަސްއިން މެންޗެސްޓާ ޔުނައިޓެޑަށް 105 މިލިއަން ޔޫރޯ (116 މިލިއަން ޑޮލަރު) ގެ އަގަކަށް ބަދަލުވެ، އެ ދުވަސްވަރު ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދިއެވެ.

ޕޮގްބާގެ ކެރިއަރަށް އެންމެ ބޮޑު ހީނަރުކަމެއް އައީ ފެބްރުއަރީ 2024 ގައެވެ. ޔުވެންޓަސްގައި ހުއްޓައި ޓެސްޓޮސްޓަރޯންއަށް ޕޮޒިޓިވްވުމާ ގުޅިގެން އިޓަލީގެ އެންޓި-ޑޯޕިން ކޯޓުން އޭނާ ހަތަރު އަހަރަށް ސަސްޕެންޑް ކުރިއެވެ. ނަމަވެސް އޮކްޓޯބަރު 2024 ގައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް) އިން ވަނީ އެ ސަސްޕެންޝަން 18 މަސްދުވަހަށް ކުޑަކޮށްދީފައެވެ.