ކާމިޔާބު ގިނަ އަހަރުތަކަކަށް ފަހު، މި ސީޒަނަކީ ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ ފަހު ސީޒަނަށް ވުން އެކަށީގެންވާ ކަމަށް ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިކަން ހާމަކޮށްފައިވަނީ އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާ އަންގާރަ ދުވަހު ކައިވެނި ކުރުމަށްފަހު، އާއިލާއަށް އިސްކަންދޭ މުސްތަގުބަލަކާ މެދު ވިސްނަމުންދާ ދަނޑިވަޅެއްގައެވެ.
ބެލޮންޑިއޯ ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވަނީ އިންގްލެންޑް، ސްޕެއިން، އިޓަލީ އަދި ސައޫދީ އަރަބިއްޔާގެ ލީގު ތަށި ހޯދައިފައެވެ. އަދި އޭނާއަކީ ބައިނަލްއަގުވާމީ ފިރިހެން ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ސައޫދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް ނަސްރުގައި ގާތްގަނޑަކަށް ހަތަރު އަހަރު ހޭދަކޮށްފައިވާ ޕޯޗުގަލްގެ ކެޕްޓަންގެ ކޮންޓްރެކްޓުގައި މިހާރު ބާކީ އޮތީ އެއް އަހަރެވެ. ރޮނާލްޑޯ ސީނިއާ ކެރިއަރުގައި 1،000 ލަނޑު ހަމަކުރުމަށް މިހާރު ބޭނުންވަނީ އެންމެ 24 ލަނޑެވެ.
ވޯގް މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ، "މިއީ ފުޓްބޯޅައިގައި އަހަރެންގެ ފަހު އަހަރަށް ވުން އެކަށީގެންވޭ، އަދި އަހަރެން ބޭނުންވަނީ ފުރިހަމަ ތާރީޚެއް ދޫކޮށްފައި ދާން،" ކަމަށެވެ. އަދި އޭނާގެ މުސްތަގުބަލު އޮތީ ރޭވިފައި ކަމަށާއި، ފުޓްބޯޅަ ހުއްޓާލުމުން އުފެދޭ ހުސްކަން ފުރުމަށްޓަކައި އެކި ކަންކަމުގައި މަސްއޫލުވާން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
"މާ ބޮޑަށް މަޖާކޮށް، ދަތުރުފަތުރުކޮށް، އަހަރެން ވަރަށް ގަޔާވާ ޕެޑެލް ކުޅެ އަދި ބަލައި، އަހަރެމެން ހޯދި ކާމިޔާބީތަކުގެ އުފާ ހާސިލުކުރަން ބޭނުން. ސަބަބަކީ 25 އަހަރު މި ހޭދަކުރެވުނީ ގިނަ ގުރުބާނީތަކަކާ އެކު،" އޭނާ ބުނެފަވެއެވެ.
ރޮނާލްޑޯގެ ވާދަވެރިޔާ، ރެކޯޑް އަށް ފަހަރު ބެލޮންޑިއޯ ހޯދި ލިއޮނެލް މެސީ ވެސް ދާދިފަހުން ވަނީ ފުޓްބޯޅަ ކުޅުން ކުރިއަށް ގެންދާނީ ކިހާ ދުވަހަކު ކަމެއް ޔަގީން ނުވާ ކަމަށް ބުނެފައެވެ. ވޯލްޑް ކަޕްގައި ދެ ކުޅުންތެރިންގެ ކާމިޔާބީ ތަފާތުވެފައިވާއިރު، މެސީ ވަނީ އަށް ލަނޑު ޖަހައި އާޖެންޓީނާ ފައިނަލަށް ގެންގޮސްދީފައެވެ. ނަމަވެސް ރޮނާލްޑޯގެ ޕޯޗުގަލް ކެޓީ ގަދަ 16 އިންނެވެ. ހަވަނަ ވޯލްޑް ކަޕަކީ އޭނާގެ ފަހު މުބާރާތްތޯ ޖުލައި މަހު ސުވާލުކުރުމުން ރޮނާލްޑޯ ބުނެފައިވަނީ، އެކަމާ މެދު ގޮތެއް ނިންމާނީ އާއިލާއާ މަޝްވަރާކޮށް "ހަމަޖެހޭ ސިކުނޑިއަކުން" ކަމަށެވެ.
ހޮނިހިރު ދުވަހު އަލް ފަތަހް އާ ދެކޮޅަށް އަލް ނަސްރުން ލީގު ދިފާއުކުރުމުގެ ދަތުރު ފެށި މެޗުގައި ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. ނަމަވެސް، ޗެމްޕިއަނުން މޮޅުވި އެ މެޗު އޭނާ ވަނީ އާއިލާއާ އެކު ސަޕޯޓަރުންގެ ގޮނޑިބަރީގައި އިނދެ ބަލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!