އާދީއްތަ ދުވަހު ކުޅުނު ފްރެންޗް ޗެމްޕިއަންސް ޓްރޮފީގެ މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅެ ލެންސް އިން 1-0 ގެ ނަތީޖާއަކުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފްލޯރިއަން ތޯވިން ކާމިޔާބުކުރި ހަމައެކަނި ލަނޑާއެކު، ފަސް ދުވަހުގެ ތެރޭގައި ދެވަނަ ތަށި ހޯދުމަށް ޕީއެސްޖީން ކުރި އުއްމީދު ވަނީ ގެއްލިފައެވެ.

Ad
rt

މިއީ އައު ކޯޗު ޑީނޯ ޓޮޕްމޯލާގެ އިރުޝާދުގެ ދަށުން ލެންސް ކުޅުނު ފުރަތަމަ މެޗެވެ. މި ކާމިޔާބީއާއެކު، ވޭތުވެދިޔަ މެއި މަހު ކުރީގެ ކޯޗު ޕިއޭ ސޭޖްގެ ދަށުން އެ ޓީމު ހޯދި ފްރެންޗް ކަޕަށްފަހު އިތުރު ތައްޓެއް އެ ޓީމަށް މިވަނީ ލިބިފައެވެ. ބުދަ ދުވަހު ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރި ޕީއެސްޖީއަށް ލެންސްގެ ސްޓޭޑް ބޮލާޓް-ޑެލެލިސް ދަނޑުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. ފުރަތަމަ ހާފުގައި ލެންސްގެ ކީލިއަން އެންޓޯނިއޯއަށް ރަތް ކާޑު ދެއްކި ނަމަވެސް ޕީއެސްޖީއަށް އޭގެ ފައިދާ ނެގިފައެއް ނުވެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ، "އަހަރެމެން މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހައްގު ކަމަށް އަހަރެން ދެކެން. އެކަމަކު އަހަރެން ލެންސްއަށް މަރުހަބާ ކިޔަން. އެމީހުން މޮޅުވެއްޖެ، އަދި ވަރަށް ރަނގަޅަށް އެމީހުންގެ އާންމު ޖޯޝާއެކު ކުޅުނު. އަހަރެމެން ވަރަށް ރަނގަޅު މެޗެއް ކުޅުނިން، ނަމަވެސް ބޭނުންވި ނަސީބެއް ނުލިބުނު" ކަމަށެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ލެންސްއިން ލީޑު ނެގީ މަޓިއު އުޑޯލް ނަގައިދިން ބޯޅައަކުން ތޯވިން ކާމިޔާބުކުރި ލަނޑުންނެވެ. ނަމަވެސް ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، މެގްނެސް އަކްލިއުޝްއަށް ކުރި ފައުލަކާ ގުޅިގެން އެންޓޯނިއޯއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ޕީއެސްޖީގެ ޑެސިރޭ ޑުއޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، ލެންސްގެ ކީޕަރު ރޮބިން ރިސާ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ލެންސްގެ ވިންގް-ބެކް މިކަލް ސްކޮރަސްގެ މޫނުގައި އުޅަނބޮށިން ޖެހުމުގެ ސަބަބުން ޕީއެސްޖީގެ ކަނާތު ބެކް ނޫނޯ މެންޑޭސްއަށް ވެސް ވަނީ ސީދާ ރަތް ކާޑު ދައްކައިފައެވެ. ލީގު 1 ގެ ޗެމްޕިއަންކަން ދިފާއުކުރުމަށް ރެންސްއާ ދެކޮޅަށް އަންނަ ހަފުތާގައި ކުޅޭ މެޗުގައި މެންޑޭސްއަށް ނުކުޅެވޭނެއެވެ.