ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، އެ ގައުމުގެ ރައީސް އޮފީހުގެ ޑެޕިއުޓީ ހެޑް އިރީނާ މުދްރާ މަގާމުން ވަކިކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުދަ ދުވަހު އިއުލާނުކޮށްފިއެވެ.
އިރީނާ މުދްރާ މަގާމުން ވަކިކުރައްވާފައި މިވަނީ، ސިޔާސީ އިސް ފަރާތްތަކާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭ ކުށްކުރާ ޖަމާއަތަކާ ދެކޮޅަށް އެ ގައުމުގެ އެންޓި-ކޮރަޕްޝަން އިންވެސްޓިގޭޓަރުން ބޮޑު އޮޕަރޭޝަނެއް ފެށި ދުވަހުއެވެ. އެގޮތުން، ނޭޝަނަލް އެންޓި-ކޮރަޕްޝަން ބިއުރޯ އޮފް ޔޫކްރެއިން (ނަބޫ) ގެ އޮފިސަރުން ވަނީ "ފޮރެސްޓް ގަމްޕް" ގެ ނަމުގައި ހިންގި ހާއްސަ އޮޕަރޭޝަނުގެ ދަށުން މުދްރާ ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފައެވެ.
ނަބޫ އަދި ސްޕެޝަލައިޒްޑް އެންޓި-ކޮރަޕްޝަން ޕްރޮސެކިއުޓާސް އޮފީސް (ސަޕޯ) އިން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި، ރައީސް އޮފީހުގެ އޮފިޝަލަކާއި، ކުރީގެ މަޖިލިސް މެންބަރަކާއި، ދައުލަތުގެ ބޭންކެއްގެ އިސްވެރިން އަދި އެހެނިހެން ފަރާތްތައް ހިމެނޭ ކަމަށް އެ އިދާރާތަކުން ބުނެއެވެ. ނަމަވެސް އެ އިދާރާތަކުން ނެރުނު ބަޔާނުގައި މުދްރާގެ ނަން ސީދާ ހާމަކޮށްފައެއް ނުވެއެވެ.
ޔޫކްރެއިންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތަހުގީގީ އިދާރާތަކުން ވަނީ މުދްރާ އާއި މަޖިލިސް މެންބަރު ވަދީމް ސްޓޯލަރއާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށްފައެވެ. ސްޓޯލަރ އަކީ 2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތުމާ ގުޅިގެން މަނާކުރި ޕްރޯ-ރަޝިއަން ޕާޓީއަކުން މަޖިލީހަށް އިންތިހާބުވި މެންބަރެކެވެ.
ރައީސް އޮފީހުގައި ގާނޫނީ ކަންކަމާއި ޝަރުއީ އިސްލާހުތަކާ ބެހޭ ޒިންމާ އަދާކުރައްވަމުން ގެންދެވި މުދްރާ މީގެ ކުރިން ވަނީ ޑެޕިއުޓީ ޖަސްޓިސް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ. މި އޮޕަރޭޝަންގެ ތެރެއިން ނަބޫ އިން ވަނީ އަޑުއެޅި ބައެއް ފޯނު ކޯލްތަކުގެ ރެކޯޑިންތައް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ދަރިންގެ ނަމުގައި މުދާ ރަޖިސްޓްރީ ކުރުމާއި ރައީސް އޮފީހާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!