މުޅި ދުނިޔެ ހާސްވެ ތެޅި ފޮޅެމުންދަނީ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްގެ ބިރުވެރިކަމުގެ ސަބަބުންނެވެ. އެވައިރަސްގެ އަސްލާއި ފެތުރޭ ގޮތްތައް ދިރާސާކުރުމުގައި ސައިންސްވެރިން ހޭލާ ތިބެ ދަނީ މަސައްކަތް ކުރަމުންނެވެ. މިވައިރަސް ފެތުރޭ ގޮތާއި އަސްލު ވަޒަން ކުރެވުނަސް އެ ވައިރަސް ފެތުރޭ ގޮތުގެ އެންމެ ފުނަށް ފީނައި، އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް ދުނިޔެއަދި ވަނީ ނުކުޅެދިފައެވެ.
ދުނިޔެ ހާސްކަމުގައި
މިވެކްސިނަން ބޭހެއް، ވެކްސިނެއް ނުހޯދި ތިއްބާ އެތައް ބަޔަކު ވަނީ އެވައިރަސްގެ ސަބަބުން މިދުނިޔެ ދޫކޮށްފައެވެ. ދުނިޔޭގެ 81 ޤައުމަކަށް މިވައިރަސްގެ ބިރުވެެރިކަން ފޯރާފައިވާއިރު މިވައިރަސް ޖެހިފައިވާ 94170 މީހުން މިހާތަނަށް ތިބި ކަމަށް ރިޕޯޓުތައް ދައްކައެވެ. އެވައިރަސްގެ ސަބަބުން 3219 މީހުން މިހާތަނަށް މިދުނިޔެ ދޫކޮށްފިއެވެ.
ރާއްޖެވެސް ނުރައްކަލުގައި
މިވައިރަސްގެ ބިރު ބޮޑުވެ ދިވެހި ސަރުކާރުންވަނީ ރައްކާތެރި ކަމުގެ އެތައް ފިޔަވަޅެއް އަޅައި، ރައްޔިތުން ހޭލުން ތެރި ކުރުމަށް އެތައް މަސައްކަތެއް ކޮށްފައެވެ.
ޤައުމަށް ވަންނަ އާމްދަނީ ދަށްވުމާއި ދިމާއަށް މިސްރާބު ހިފާފައިވާއިރު، ފަތުރުވެރި ކަމުގެ ސިނާއަތުން ފެށިގެން ރާއްޖޭގައި ހިންގޭ އެންމެހާ ވިޔަފާރިއެއް އޮތީ ރަތް އެލާޓްގައެވެ.
މިވައިރަސްގެ އެންމެ މީހެއް ރާއްޖެއިން ފެނުނު ނަމަވެސް ވެދާނެ ގޮތަކާއިމެދު ފިކުރުނުރާ މީހަކުނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އިއްޒަތްތެރި މެމްބަރަކަށް މިވައިރަސްވީ ޖޯކަކަށް!
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ އިދިކޮޅު މެންބަރުން ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބައިގެން ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުއް މުޣުނީ، މިއަދު އޮތް މަޖިލިސް ޖަލްސާގައި ވިދާޅުވުމުން އެވާހަކަ ގިނަ ބަޔަކަށް މާމޮޅު ވާހަކައަށް ނުވިއެވެ.
ބާރާއި، އާރު ހުރިކަން ދައްކަން މަޖާޒީ ގޮތުންވެސް އެފަދަ ކިބުރުވެރި މިސާލެއް ނެގުމަކީ ބޮޑުވަރުކަމަށް އެތައް ބަޔަކު ބުނަމުންދެއެވެ.
"މިބޭފުޅުން ކަންބޮޑުވެގެން އުޅޭ ކަމަކީ، ކެމްޕެއިންގައި ކޮރޯނާ ވައިރަސް ޖައްސައިގެން ކުރިއަށްދެވޭތޯ. އަޅުގަނޑުމެން ހުވަދުއަތޮޅަށް ދަތުރު މިފަށަނީ ފަރުވާ ހިފައިގެން. މައުލޫމަތު ދީގެން، ވައިރަސްއަށް ބޭނުންވާ ފަރުވާ ހިފައިގެން. އިންތިހާބު ކާމިޔާބު ކުރާނީ، ތިބޭފުޅުން [އިދޮކޮޅުން] ކޮރޯނާ ވައިރަހުގައި ޖައްސާފައި ބައިތިއްބައިގެން،" މިއަދު އޮތް މަޖްލިސް ޖަލްސާގައި އިއްޒަތްތެރި މެމްބަރު ވިދާޅުވެފައިވެއެވެ.
މިއަދުގެ ޖަލްސާގައި މުޣުނީ އެހެން ވިދާޅުވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ކޮރޯނާއާ ގުޅިގެން ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
އެވާހަކައާއި މެދު ހިތާމަ ކުރައްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވަނީ މައާފަށް އެދިވަޑައިގެންފައެވެ.
ކޮންމެ ފިކުރެއްގެ، ކޮންމެ ކުލައެއްގެ މީހަކަށް ވިޔަސް މުޣުނީގެ އެވާހަކައާއި ގަޔަކާނުވާނެއެވެ. މީ ފިކުރުގެ، ކުލައިގެ މައްސަލައެއް ނޫނެވެ! ބަސް ބުނި ހާލަތާއި ގުޅިފައިވާ ބަސް ބުނި މީހާއާއި ގުޅިފައިވާ މައްސަލައެއްކަމަށް ދެކެމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!