އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ ވަރަށް ކާމިޔާބު މުބާރާތެއް ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ މުބާރާތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
ހުކުރު ދުވަހު ނިއުޔޯކުގެ ޓްރަމްޕް ޓަވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، މި މުބާރާތުގެ ސަބަބުން މުޅި ދުނިޔެ އެއްބައިވަންތަ ކޮށްދީފައިވާ ކަމަށެވެ. އަދި މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ރައީސް ޓްރަމްޕް އަދާކުރެއްވި ދައުރަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"އެމެރިކާގެ ހުވަފެން ހަގީގަތަކަށް ވެއްޖެ. އަޅުގަނޑުމެން މުޅި ދުނިޔެ އެއްބައިވަންތަ ކޮށްފިން،" އާދީއްތަ ދުވަހު އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފައިނަލް މެޗުގެ ރަން ތަށި ކައިރީގައި ހުންނަވައި އިންފަންޓީނޯ ވިދާޅުވިއެވެ.
ރައީސް ޓްރަމްޕް މި މުބާރާތް ސިފަކުރެއްވީ ތާރީޚުގައި ބޭއްވުނު އެންމެ ވަރުގަދަ ކުޅިވަރު ހަރަކާތުގެ ގޮތުގައެވެ.
"ސްޕެއިން އަދި އާޖެންޓީނާއަށް ފައިނަލްގައި ކާމިޔާބަށް އެދެން. އެންމެ މޮޅު ޓީމު މޮޅުވާނެ ކަމަށް އުންމީދު ކުރަން،" ޓްރަމްޕް ވިދާޅުވިއެވެ.
މި މުބާރާތުގެ ކާމިޔާބީއަށް ބަލާއިރު، މިހާތަނަށް ކުޅުނު 102 މެޗުގައި ދަނޑުތައް ވަނީ ފުރިފައެވެ. އަދި މުބާރާތް ބަލަން ވަން މީހުންގެ އަދަދު 6.7 މިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚީ ރެކޯޑެކެވެ. މީގެ އިތުރުން، އިންފަންޓީނޯ ވަނީ އދ. ގައި ވާހަކަދައްކަވަމުން، ފުޓްބޯޅައަކީ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ވަސީލަތެއް ކަމަށް ވިދާޅުވެފައެވެ.
މުބާރާތް ކާމިޔާބުކަމަށް ދެ ވެރިން ވިދާޅުވި ނަމަވެސް ބައެއް ގައުމުތަކުގެ ޓީމުތަކަށާއި އޮފިޝަލުން އެތައް ތުރާލެއް ކުރިމަތިވެފައެވެ. އޭގެ ތެރޭގައި އެމެރިކާއާ ހަނގުރާމައެއްގައި އޮތް އީރާނުގެ ޓީމަށް ކުރިމަތިވި ދަތުރުފަތުރުގެ ދަތިތަކާއި، ފޯކްލޭންޑް އައިލެންޑްސްއާ ގުޅޭގޮތުން އާޖެންޓީނާގެ ކުޅުންތެރިން ދެއްކި ބެނާއެއްގެ މައްސަލަ ހިމެނެއެވެ. އަދި އެމެރިކާގެ ކުޅުންތެރިޔާ ފޮލަރިން ބަލޮގުންގެ ރެޑް ކާޑު ސަސްޕެންޝަން އުވާލުމަށް ޓްރަމްޕް ދެއްވި ލަފައަކަށް އިންފަންޓީނޯ އަމަލުކުރުމުން ދުނިޔޭގެ ފާޑުކިޔުން އަމާޒުވިއެވެ.
މީގެ ތެރެއިން ވެސް އީރާނަށް ކުރިމަތިކުރުވި ތުރާތައް ވަކިން ޚާއްސަކޮށް ފާހަގަކޮށްލެވެއެވެ. ޓީމުގެ ބައެއް އޮފިޝަލުންނަށް ވިސާ ނުދިންއިރު، އީރާނު ޓީމަށް މުބާރާތަށް ތައްޔާރުވުމަށް ވެސް އެހާ ދަތިކުރިއެވެ. އަދި މެޗު އޮންނަ ކޮންމެ ދުވަހަކު އެމެރިކާ އަށް ދަތުރުކޮށް މެޗު ނިމުމާއެކު ފުރައިގެންދިޔުމަށް މަޖުބޫރުކޮށްފައިވާއިރު، ޓީމުގެ ސެކިއުރިޓީ ޗެންކިން އަށް އެމެރިކާގައި އެތައް ގަޑިއިރެއް ބައިތިއްބާ ޖެއްސުންކޮށްފަވެއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚްގައި މުބާރާތް ބާއްވާ ގައުމަކުން މުބާރާތް ޓީމަކާމެދު މިހާ ނާއިންސާފުން އިހާނެތިކޮށް ހިތި ފަހަރުކަމަށް ބައެއް ދިރާސާވެރިން ބުނެއެވެ.
މީގެ އިތުރުން އީރާނުގެ ސަޕޯޓަރުންނަށް ވެސް މެޗު ބަލަން ދިޔުމަށް ދަތިކޮށްފައިވާއިރު، މުސްލިމް ބައެއް ގައުމުތަކުގެ ސަޕޯޓަރުންނަށް އެމެރިކާ އަށް އެތެރެވުމަށް އެތައް ތަކުލީފެއް އުފުލަން ޖެހުނެވެ. އަދި މުސްލިމަކަށް ވީތީ ޓެރެރިސްޓް ޓެގް އަޅުވައި، ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް ސޯމާލިއާގެ ރެފްރީ އުމަރު އަބްދުލްގާދިރު އަރުތާން އަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދިން މައްސަލައަކީ ވެސް ފާހަގަކޮށްލެވޭ ކެމެކެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ 48 ޓީމާއެކު ބޭއްވުނު އެންމެ ބޮޑު މުބާރާތެވެ. މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މިރޭ ފްލޮރިޑާގައި ބައްދަލުކުރާނީ ފްރާންސާއި އިންގްލެންޑެވެ. ފައިނަލް މެޗު އޮންނާނީ އާދީއްތަ ދުވަހު ނިއު ޖާޒީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!