ކެނެޑާގެ ވަލުތެރޭގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އެމެރިކާގެ އިރުއުތުރުގެ ސަރަހައްދުތަކުގެ ވައި ނުސާފުވެ، ސިއްހީ ނުރައްކަލެއް ކުރިމަތިވެފައިވަނިކޮށް، ވޯލްޑް ކަޕް ފައިނަލަށް ތައްޔާރުވުމަށް ސްޕެއިންގެ ގައުމީ ޓީމުން ބޭރުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފިއެވެ.
ނިއު ޖާޒީގެ އީސްޓް ހެނޯވާގައި ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ފެށި މި ފަރިތަކުރުންތައް ކުރިއަށް ދިޔައީ ދުމުގެ ސަބަބުން އިރުގެ އަލި ފުސްވެފައިވާ މާހައުލެއްގައެވެ. އެއް ގަޑިއިރަށް ރޭވިފައިވާ މި ސެޝަންގެ ފުރަތަމަ 15 މިނެޓަށް މީޑިއާއަށް ފުރުސަތު ދިން ނަމަވެސް، ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ ކިހާ ބާރުމިނެއްގައި ކަމެއް ސާފެއް ނުވެއެވެ.
ސްޕެއިންއާ ޚިލާފަށް، ފައިނަލްގައި ވާދަކުރާ އާޖެންޓީނާ ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ އެޓްލާންޓާގައެވެ. އެ ސަރަހައްދަށް ދުމުގެ އަސަރު ކޮށްފައިނުވާއިރު، އާޖެންޓީނާ ފައިނަލަށް ދަތުރުކުރީ އިނގިރޭސިވިލާތް ބަލިކުރުމަށްފަހުއެވެ.
ވައިގެ ފެންވަރު އިންތިހާއަށް ދަށްވެފައިވާތީ، އާންމުން ބޭރަށް ނުނިކުތުމަށާއި، ނިކުންނަނަމަ މާސްކް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، މިފަދަ ނުރައްކާތެރި މާހައުލެއްގައި އެތުލީޓުން ބޭރުގައި ކަސްރަތު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.
"މިއީ މަތީ ފެންވަރުގެ އެތުލީޓުން، އެމީހުން ފަރިތަކުރާއިރު ފުއްޕާމެއަށް ވަރަށް ގިނައިން ވައި އެތެރެވާނެ. އެހެންކަމުން މިފަދަ ހާލަތެއްގައި ބޭރުގައި ފަރިތަކުރުމުގެ ބަދަލުގައި، އެއަރކޮންޑިޝަން ކޮށްފައިވާ އެތެރޭގެ ހޯލެއްގައި ފަރިތަކުރުން މާ ރަނގަޅުވާނެ،" ގްލޯބަލް ކްލައިމެޓް އެންޑް ހެލްތު އެލަޔަންސްގެ އޮފިޝަލް ޑރ. ކޯޓްނީ ހޮވާޑް ވިދާޅުވިއެވެ.
ފަރިތަކުރުންތައް އިންޑޯ ފެސިލިޓީއަކަށް ބަދަލުކުރުމާ ގުޅޭގޮތުން ފީފާ އާއި ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނާ ސުވާލުކުރުމުން އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ.
ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި ވަލުތެރޭގެ އަލިފާނުގެ ދުމުގައި 1,000 އަށްވުރެ ގިނަ ވިހަ މާއްދާތައް ހިމެނެއެވެ. މީގެ ތެރޭގައި ސިނގިރޭޓް ދުމާއި ޑީސަލް އަންދައިގެން އުފެދޭ ފަދަ ނުރައްކާތެރި މާއްދާތައް ހިމެނެއެވެ. މި ދުމުގެ ސަބަބުން ނޭވާ ހިއްލުމާއި، ހަށިގަނޑުގެ އެކި ގުނަވަންތަކަށް އިންފްލެމޭޝަންގެ މައްސަލަތައް ކުރިމަތިވެއެވެ.
އަންނަ އާދީއްތަ ދުވަހުގެ އެމެރިކާ ގަޑިން މެންދުރުފަހު 3:00 ގައި (ރާއްޖެ ގަޑިން މެންދަމު 12:00) ނިއު ޖާޒީގެ އީސްޓް ރަދަފޯޑްގައި ފައިނަލް މެޗު ކުޅޭއިރު، އޭރު ފައިގެ ފެންވަރު ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެއެވެ. ބުރާސްފަތި ދުވަހު ނިއު ޖާޒީގެ ވައިގެ ނުސާފުމިން ހުރީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މިންގަނޑަށްވުރެ ހަތް ގުނަ މަތީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!