އަންނަ އާދީއްތަ ދުވަހު ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗު ބެއްލެވުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަޑައިގަންނަވާނެ ކަމަށް އޭނާގެ އޮފީހުން ހުކުރު ދުވަހު ހާމަކޮށްފިއެވެ.
އެމެރިކާގެ ނިއު ޖާޒީގެ އީސްޓް ރަދަފޯޑްގައި ކުޅުމަށް ހަމަޖެހިފައިވާ މި ފޯރިގަދަ މެޗު ބެއްލެވުމަށް ސްޕެއިންގެ ރަސްގެފާނު ފެލިޕޭ 6 ވަނަ ވެސް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މި މެޗު ބެއްލެވުމަށް ދަނޑަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ބޮޑުވަޒީރު ސަންޗޭޒް އާއި ރައީސް ޓްރަމްޕަކީ ބައިނަލްއަގުވާމީ މައިދާނުގައި އެކި މައްސަލަތަކުގައި ތަކުރާރުކޮށް ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ދެ ބޭފުޅުންނެވެ. މީގެ ތެރޭގައި އީރާން ހަނގުރާމައިގެ މައްސަލައާއި، ނޭޓޯ (NATO) އަށް ސްޕެއިންއިން ކުރާ ހޭދައިގެ އިތުރުން، ގައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް އެމެރިކާއިން ކުރާ ތާއީދާ މެދު ސަންޗޭޒް ވަނީ ތަކުރާރުކޮށް ފާޑުވިދާޅުވެފައެވެ.
މި މެޗުގައި ވާދަކުރާ އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި، މެޗު ބެއްލެވުމަށް ދަނޑަށް ވަޑައިނުގަންނަވާނެކަން ވަނީ ހާމަކުރައްވާފައެވެ. ރައީސް ޓްރަމްޕާ ގާތް ގުޅުމެއް ބާއްވަވާ މިލެއި ވިދާޅުވީ، އޭނާ މެޗަށް ވަޑައިނުގަންނަވަނީ ބައެއް ކަހަލަ ގަބޫލުކުރުންތަކުގެ ސަބަބުން (ސުޕަސްޓިޝަން) މެޗުން ބަލިވެދާނެ ކަމުގެ ބިރަށް ކަމަށެވެ. އެހެންކަމުން އޭނާ މެޗު ބައްލަވާނީ ގޭގައި ހުންނަވައިގެންނެވެ.
މިއީ ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އަދި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ، އެ ގައުމުގެ ތަށި ދިފާއުކުރުމަށް ނުކުންނަ މެޗެކެވެ. ސްޕެއިން އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ގައުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!