މިއަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ރޭ ސްޕެއިން އަތުން 2-0 އިން ބަލިވެ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދިއުމަށް ފްރާންސްގެ ކީލިއަން އެމްބާޕޭ ކުރި އުންމީދުތަކަށް ހުރަސް އެޅިއްޖެއެވެ. މި ބައްޔާއެކު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށްދޭ 'ގޯލްޑަން ބޫޓް' ހޯދުމަށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއެކު އެމްބާޕޭ ކުރަމުންދާ ވާދަވެރިކަން މިހާރު އޮތީ އެއްވަރުގައެވެ.

ރޭގެ މެޗުގައި އެމްބާޕޭއަށް ސްޕެއިންގެ ގޯލަށް ނުރައްކާ ކުރާނެ މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި އޭނާއަށް ބޯޅަ ލިބިފައިވަނީ އެންމެ 15 ފަހަރު ކަމަށްވާއިރު، މިއީ އެ ހާފުގައި ފޯވާޑަކަށް ބޯޅަ ލިބުނު އެންމެ މަދު އަދަދެވެ. މެޗުގެ 67 ވަނަ މިނެޓުގައި އެމްބާޕޭއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ސްޕެއިންގެ ޑިފެންޑަރު މާކް ކުކުރެއްލާ ގައިގައި ޖެހިފައި ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. އޭރު ސްޕެއިން އޮތީ ދެ ލަނޑުގެ ލީޑެއްގައެވެ.

Ad
rt

މެޗުގެ 86 ވަނަ މިނެޓުގައި އެމްބާޕޭއަށް ވަނީ ރީނދޫ ކާޑެއްވެސް ދައްކާފައެވެ. އެއީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ބޯޅަ ނަގަން ގުދުވި ވަގުތު އޭނާގެ ގައިގައި ބާރަށް ޖެހުމާ ގުޅިގެންނެވެ. މީގެ އިތުރުން، ސްޕެއިނަށް ލިބުނު ޕެނަލްޓީއަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ރެފްރީ އިވާން ބާޓަންއާ އެމްބާޕޭ ބަހުގެ ހަމަލާތަކެއް ބަދަލުކުރި މަންޒަރުވެސް ފެނިގެންދިޔައެވެ.

މި މުބާރާތުގައި އެމްބާޕޭ އާއި މެސީއަށްވެސް މިހާތަނަށް ޖެހިފައިވަނީ 8 ލަނޑެވެ. މެސީ އާއި އާޖެންޓީނާ މިރޭ ނުކުންނާނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އިންގްލެންޑާ ދެކޮޅަށެވެ. އެހެންކަމުން، މެސީއަށް ލަނޑު ޖަހައިގެން އެމްބާޕޭއަށްވުރެ ކުރި ހޯދުމުގެ ފުރުސަތު އެބައޮތެވެ.
މި ނަތީޖާއާއެކު، ފްރާންސް ދެން ވާދަކުރަން ޖެހޭނީ އަންނަ ހޮނިހިރު ދުވަހު ފްލޮރިޑާގެ މިއާމީ ގާޑަންސްގައި ކުޅޭ ތިންވަނަ ހޮވާ މެޗުގައެވެ. އެ މެޗުގައި ފްރާންސް ބައްދަލުކުރާނީ އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުން ބަލިވާ ޓީމަކާއެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ނިއު ޖާޒީގެ އީސްޓް ރަދަފޯޑްގައެވެ.

އުމުރުން 27 އަހަރުގެ އެމްބާޕޭ ވަނީ މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައިވެސް 8 ލަނޑު ޖަހާފައެވެ. ނަމަވެސް އެ ފަހަރު ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިވީ މެސީގެ އާޖެންޓީނާ އަތުންނެވެ. އޭގެ ކުރިން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ފްރާންސްއިން ކާމިޔާބުކުރީ ފައިނަލްގައި ކްރޮއޭޝިއާ ބަލިކުރުމަށްފަހުއެވެ.