ސައުދީ އަރަބިއްޔާއިން 47.2 މިލިއަން އެމެރިކާ ޑޮލަރު ޑްރޯން، ޓައިވާނުން ގަނެފިއެވެ.
ޓައިވާނުގެ މިނިސްޓްރީ އޮފް ފައިނޭންސްއިން އެންމެ ފަހުން އާންމުކުރި ވިޔަފާރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖޫން 2026 ގައި ސައުދީ އަރަބިއްޔާއިން ވަނީ 47.2 މިލިއަން އެމެރިކާ ޑޮލަރު (1.52 ބިލިއަން ނިއު ޓައިވާން ޑޮލަރު) ގެ ޑްރޯން ޓައިވާނުން ގަނެފައެވެ.
މިއީ ޓައިވާނުގެ ޑްރޯން އުފައްދާ ސިނާއަތުގައި މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ބޮޑު މުއާމަލާތެވެ.
މި މުއާމަލާތަކީ ޖޫން 2023 ގައި ޓައިވާނުން މިފަދަ ތަފާސްހިސާބުތައް ބަލަހައްޓަން ފެށި ފަހުން، އެއް މަސްދުވަހުގެ ތެރޭގައި އެއް ގައުމަކަށް އެންމެ ގިނަ އަދަދަކަށް ޑްރޯން އެކްސްޕޯޓް ކުރި ފަހަރެވެ. ބްލޫމްބާގް އިން ކަސްޓަމްސްގެ މައުލޫމާތު ދިރާސާކޮށް ހާމަކޮށްފައިވާ ގޮތުގައި، ސައުދީން ވަނީ ޖުމްލަ 3,260 ޑްރޯން ގަނެފައެވެ.
މި އެއްބަސްވުމުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ ޑްރޯންތަކުގެ އަގު ހުރި ގޮތެވެ. ސައުދީން ކޮންމެ ޑްރޯނަކަށް އެވްރެޖްކޮށް 14,472 ޑޮލަރު ހޭދަކޮށްފައިވާއިރު، މިއީ ހަމަ އެ ކެޓަގަރީގެ ޑްރޯން އެހެން ގައުމުތަކުން ގަންނަ އަގަށްވުރެ (1,464 ޑޮލަރު) ގާތްގަނޑަކަށް 10 ގުނަ ބޮޑު އަދަދެކެވެ.
މި ޑްރޯންތަކަކީ 7 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ބަރުދަން ހުންނަ އުޅަނދުތަކެކެވެ. މީގެ ސީދާ މޮޑެލްއާއި ބޭނުންކުރާނެ ގޮތް ސިއްރުކޮށްފައިވީ ނަމަވެސް، އަސްކަރީ މާހިރުން ލަފާކުރާ ގޮތުގައި މި ބަރުދަނުގެ ޑްރޯންތަކަކީ ޖާސޫސީ މައުލޫމާތު އެއްކުރުމަށާއި (tactical reconnaissance) ސިނާއީ ބޭނުންތަކަށް އެންމެ އެކަށީގެންވާ އުޅަނދުތަކެވެ.
މި މުއާމަލާތް ހިނގާފައިވަނީ މެދުއިރުމަތީގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް ސައުދީ އާއި ހޫތީންގެ މެދުގައި އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އުވިގެންދިއުމާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!