2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފިލަޑެލްފިއާގައި ކުޅުނު ފަހު މެޗުގައި، ޕެރަގުއޭ އިން ފަރަންސޭސިވިލާތާ ދެކޮޅަށް ދެއްކި ކުޅުން ބޮޑަށް ވައްތަރުވީ އެމެރިކަން ފުޓްބޯޅަ މެޗަކާއެވެ.

ލިންކަން ފައިނޭންޝަލް ފީލްޑްގައި ކުޅުނު މި މެޗުން ފަރަންސޭސިވިލާތް 1-0 އިން މޮޅުވި ނަމަވެސް، ޕެރަގުއޭގެ ފިޒިކަލް ކުޅުމުގެ ސަބަބުން މެޗު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ.

Ad
rt

މެޗުގެ ތެރެއިން ޕެރަގުއޭގެ ކުޅުންތެރިން ބޮޑަށް އަމާޒުކުރީ ފަރަންސޭސި ތަރި ކީލިއަން އެމްބާޕޭ އަށެވެ. މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ލަނޑު ޖަހާފައިވާއިރު، އޭގެ ކުރިންނާއި ފަހުންވެސް އޭނާއަށް ވަނީ ގިނަ ހަމަލާތަކެއް އަމާޒުވެފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި އެންޑްރޭސް ކޫބާސް އެމްބާޕޭގެ ގައިގައި ހިފެހެއްޓުމުން ދެ ޓީމުގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގިއިރު، ފުރަތަމަ ހާފުގައި މަޓިއަސް ގަލާޒާ ވަނީ ބޯޅަ ނެތް ތަނެއްގައި އެމްބާޕޭ ވައްޓާލާފައެވެ. އަދި 77 ވަނަ މިނެޓުގައި ހުއާން ހޯސޭ ކަސެރެސް ވަނީ އެމްބާޕޭގެ ފައިގައި ކިކެއް ޖަހާފައެވެ.

ޕެރަގުއޭ ކުޅުންތެރިއެއްގެ ހަމަލާއެއް އަމާޒުވެ އެމްބާޕޭ ވެއްޓުމަށްފަހު ތެދުވެ ދަނޑުމަތީ އިށީނދެގެން، ފޮޓޯ: ގެޓީ

މެޗުގެ ތެރޭގައި ހިނގި މި ހުރިހާ ކަމަކަށް ބަލާއިރު، މެޗުގައި ދެއްކި ހަމައެކަނި ތިން ރީނދޫ ކާޑު ލިބުނީ ފަރަންސޭސިވިލާތަށެވެ. ޕެރަގުއޭއަށް ރީނދޫ ކާޑެއް ލިބުނީ މެޗު ނިމުމުން ރެފްރީއާ ދެބަސްވުމުގެ ސަބަބުންނެވެ.

"މިހާ ގިނަ ހަމަލާތަކެއް އަމާޒުވި މެޗެއް މީގެ ކުރިން ނުކުން، ފަހަތުން ކޮއްޕުމާއި ނޭދެވޭ އަމަލުތައް ގިނަވުމުން މެޗު ވަރަށް އުނދަގޫވި" ފަރަންސޭސި މިޑްފީލްޑަރު މަނޫ ކޯނޭ ބުނެފަވެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން އެމްބާޕޭ ބުނީ ޕެރަގުއޭގެ ކުޅުން ހުންނާނެ ގޮތް ކުރިންވެސް އެނގޭ ކަމަށެވެ.

ބޯޅަ ނެތިސް ޕެރަގުއޭ ކުޅުންތެރިއަކު އެމްބާޕޭ ކަރުގައި އަތުންޖަހައި ވައްޓާލާފައި، ފޮޓޯ: ގެޓީ

"އަހަރެމެންނަށްވެސް ހަޑިކޮށް ކުޅެން އެނގޭ. އެމީހުން ހީކުރީ އަހަރެމެން ކުޅެން އަންނާނީ ޓަކްސީޑޯ ލައިގެން ކަމަށް، އެކަމަކު އަހަރެމެން ތިބީ ތައްޔާރަށް. އެކަހަލަ ކުޅުމެއްގައިވެސް އަހަރެމެން މާ މޮޅު،" އެމްބާޕޭ ބުންޏެވެ.

މެޗު ނިމުމަށްފަހުވެސް ދެ ޓީމުގެ މެދުގައި ހަމަނުޖެހުން ހިނގިއެވެ. ޕެރަގުއޭގެ ގޯލްކީޕަރު އޮލަންޑޯ ގިލް ވަނީ އެމްބާޕޭގެ ބުރަކަށީގައި ބޯޅައިން ޖަހާފައެވެ. ގިލް ބުނީ އޭނާ އެމްބާޕޭއާ ސަލާމްކުރަން އުޅުމުން އަޅާނުލުމުން ރުޅިގަދަވީ ކަމަށެވެ. އަދި ޕެރަގުއޭގެ ސްޓްރެޓެޖީއަކީ ބޯޅަ ދިޔަޔަސް މީހާ ދިޔަނުދިނުން ކަމަށާއި، އެކަން ކާމިޔާބުވި ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ފަރަންސޭސިވިލާތުން މިކަމާ މެދު ދެކެނީ ތަފާތު ގޮތަކަށެވެ.