ވޯލްޑް ކަޕްގެ ގަދަ 16 ގައި މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، އިންގްލެންޑްގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ ނިދި ނަގާލުމަށްޓަކައި މެކްސިކޯގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ޓީމު ތިބޭ ހޮޓެލް ކައިރިއަށް އެއްވެ އަޑުގަދަކޮށްފިއެވެ.

ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައި އޮތް ނަމަވެސް، އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތުތަކާ ހަމައަށް ސަޕޯޓަރުން ވަނީ ހޮޓެލް ކައިރީގައި ހަރަކާތްތެރިވެފައެވެ.

Ad
rt

މެކްސިކޯ ސިޓީގެ ހުޅަނގު ސަރަހައްދެއް ކަމަށްވާ ސަންތާ ފޭގައި ހުންނަ ޖޭޑަބްލިއު މެރިއޮޓް ހޮޓެލް ކައިރިއަށް އެއްވި ސަޕޯޓަރުން ވަނީ ލައުޑްސްޕީކަރާއި، ތާޅަފިލި އަދި ގޮވާތަކެތި ބޭނުންކޮށްގެން ހޮޓެލްގައި ތިބި މީހުންނަށް އުނދަގޫވާނޭހެން ވަރަށް ބޮޑަށް އަޑުގަދަކޮށްފައެވެ.

މި ހަފުތާގެ ކުރީކޮޅު އިކުއެޑޯއާ ދެކޮޅަށް މެކްސިކޯ ކުޅުނު މުހިންމު މެޗުގެ ކުރިންވެސް ސަޕޯޓަރުން ވަނީ މި އުކުޅު ބޭނުންކޮށްފައެވެ. އެ މެޗުން މެކްސިކޯ 2-0 އިން މޮޅުވި ނަމަވެސް، އިކުއެޑޯގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މި މައްސަލަ ރަސްމީކޮށް އިންތިޒާމުކުރާ ފަރާތްތަކަށް ހުށަހަޅާފައެވެ.

މިކަމާ ގުޅޭގޮތުން އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މިފަދަ ކަމެއް ހިނގައިދާނެ ކަމަށް ކުރިންވެސް ބެލެވުނު ކަމަށާއި، ނަމަވެސް މީގެ ސަބަބުން މެޗަށް މާބޮޑު އަސަރެއް ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"އާދީއްތަ ދުވަހުގެ މެޗު އޮތީ އިރުއޮއްސި 6 ޖަހާއިރު. އެހެންވީމާ ރޭގަނޑު ނިދިން މަދުވި ވަގުތުތައް ހެނދުނުގެ ވަގުތުގައި ހަމަކުރެވޭނެ،" ޓުޗެލް ހޮނިހިރު ދުވަހު ބުންޏެވެ.

ލެޓިން އެމެރިކާގެ ފުޓްބޯޅައިގައި މިފަދަ "ސެރެނޭޑް" ތަކަކީ ވަރަށް ބޮޑަށް އަށަގަނެފައިވާ އާދަކާދައެކެވެ. ކުރިން މިއީ ހަމައެކަނި އަމިއްލަ ޓީމަށް ސަޕޯޓް ދިނުމުގެ ގޮތުން ކުރާ ކަމެއް ނަމަވެސް، މިހާރު މިއީ އިދިކޮޅު ޓީމުގެ ކުޅުންތެރިން ނިދިން މަހުރޫމްކޮށް، ނަފްސާނީ ގޮތުން ބަލިކޮށްލުމަށް ބޭނުންކުރާ ހަތިޔާރަކަށް ވަނީ ވެފައެވެ.