ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ފްރާންސާއި ޕެރަގުއޭ ބައްދަލުކުރާ މެޗު ހޮނިހިރު ދުވަހު ފިލަޑެލްފިއާގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އެ ސިޓީއަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން ކުޅުންތެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މެޗު ފަށާ ވަގުތު ފިނިހޫނުމިން 100 ޑިގްރީ ފަރަންހައިޓް (38 ޑިގްރީ ސެލްސިއަސް) އަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭތީ، ފީފާއިން އިތުރު ހައިޑްރޭޝަން ބްރޭކްތަކެއް ދިނުމަށް ދަނީ ވިސްނަމުންނެވެ.

Ad
rt

މި ގަދަ ހޫނުގެ ސަބަބުން ފިލަޑެލްފިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައެއް މުހިންމު ހަރަކާތްތައް ވެސް ވަނީ ކެންސަލްކޮށްފައެވެ. އޭގެ ތެރޭގައި ކްއީން ލަތީފާގެ ކޮންސަރޓާއި ބައެއް ޕެރޭޑްތައް ހިމެނެއެވެ.

ނަމަވެސް، މި ހޫނުގަދަ ހާލަތާ މެދު ދެ ޓީމުގެ ކުޅުންތެރިންނާއި ކޯޗުން ބުނަނީ މިއީ ދެ ޓީމަށްވެސް އޮތް އެއްވަރުގެ ހާލަތެއް ކަމަށެވެ.

"އަހަރެމެން ދެ ޓީމަށްވެސް ކުރިމަތިލާން ޖެހޭނީ އެއް ހާލަތްތަކަކާ،" ފްރާންސްގެ މިޑްފީލްޑަރު ޑެސިރޭ ޑޫއޭ ބުންޏެވެ.

ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ މި މުބާރާތުގައި ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެންމެ ފަހުން ސްވިޑަންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައި، ވޯލްޑް ކަޕްގެ ތާރީޚުގައި އޭނާ ޖެހި ލަނޑުގެ އަދަދު 18 އަށް އިތުރުކޮށްފައެވެ. މިއާއެކު އޭނާ މިހާރު ވަނީ ލިއޮނަލް މެސީގެ 20 ލަނޑުގެ ރެކޯޑާ ގާތްކޮށްފައެވެ.

ޕެރަގުއޭއާ ބެހޭގޮތުން ސުވާލުކުރުމުން އެމްބާޕޭ މަޖާޒީ ގޮތަކަށް ބުނީ، އޭނާ މިހާރު އެންމެ އިންތިޒާރު ކުރަނީ ޗޭންޖިންގ ރޫމުގެ އޭސީއަށް ކަމަށެވެ.

ޕެރަގުއޭ މި މެޗަށް ނުކުންނަނީ އެއްވެސް ޕްރެޝަރެއް ނެތިއެވެ. އެ ޓީމުން ވަނީ މީގެ ކުރިން ޖަރުމަނު ބަލިކޮށް ބޮޑު ސިއްސުމެއް ގެނެސްފައެވެ. ޕެރަގުއޭގެ ކޯޗު ގުސްޓާވޯ އަލްފާރޯ ބުނި ގޮތުގައި، ފްރާންސް ފަދަ ވަރުގަދަ ޓީމެއް ބަލިކުރުމަކީ ކުޅިވަރުގެ ބޮޑު މުޢުޖިޒާތަކަށް ވާނެއެވެ. ފްރާންސް މިހާރު އޮތީ ފީފާ ރޭންކިންގެ އެއްވަނައިގައެވެ.

މެޗު ބަލަންދާ ސަޕޯޓަރުންނަށް ލުއި ދިނުމުގެ ގޮތުން، ކޮންމެ މީހަކަށްވެސް އެއް ފުޅި ފެން ދަނޑަށް ވެއްދުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި ދަނޑުގެ އެކި ސަރަހައްދުތަކުގައި ފެން ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީގައި ވަނީ މި ގަދަ ހޫނުގައި ގިނައިން ފެން ބުއިމަށެވެ.