ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި މިސްރުން އަލަށް ވާދަކުރާ މެޗުގައި، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަރި މުހައްމަދު ސަލާހު ފެނިދާނެ ކަމުގެ އުންމީދު އެގައުމުން ފާޅުކޮށްފިއެވެ.
ހޭމްސްޓްރިންގް އަނިޔާއެއްގައި ހުރި ސަލާހު، އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ ގަދަ 32 ގެ މެޗުގައި ފެންނާނެ ކަމަށް މިސްރުން އުންމީދު ކުރި ނަމަވެސް، އޭނާ ފުރަތަމަ އެގާރައިގައި ހިމެނޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ކޯޗު ހުސާމް ހަސަން ވަނީ ބުނެފައެވެ.
މިސްރުގެ ކޯޗު ހުސާމް ހަސަން ބުނި ގޮތުގައި، ސަލާހު ވަނީ ޓީމާ އެކު މަދު ތަމްރީނުތަކެއްގައި ބައިވެރިވެފައެވެ. ސަލާހަށް އަނިޔާވީ ގްރޫޕް ސްޓޭޖުގައި އީރާނާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގެ 57 ވަނަ މިނެޓުގައެވެ. އެ މެޗުގެ ނަތީޖާއާ އެކު މިސްރު ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ނަމަވެސް މި މެޗުގެ ކުރިން ސަލާހު ނޫސްވެރިންނާ ވާހަކަދައްކާފައެއް ނުވެއެވެ.
މިސްރުން ވޯލްޑް ކަޕްގައި ވާދަކުރާ މިއީ ހަތަރުވަނަ ފަހަރެވެ. މި މެޗުގައި ސަލާހު ލަނޑެއް ޖަހައިފި ނަމަ، އޭނާ ވެގެންދާނީ މިސްރުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކޯޗު ހުސާމް ހަސަންގެ ރެކޯޑާ ހަމަކުރާ ކުޅުންތެރިޔަކަށެވެ. މިހާރު ލިވަޕޫލްގެ ކުރީގެ ތަރި ސަލާހުގެ ގައުމީ ލަނޑުގެ އަދަދަކީ 68 އެވެ. ހަސަންގެ ރެކޯޑަކީ 69 ލަނޑެވެ.
އަނެއްކޮޅުން އޮސްޓްރޭލިއާ ވަނީ މީގެ ކުރިން ދެ ފަހަރަކު ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. ނަމަވެސް އެ ދެ ފަހަރުވެސް އެޓީމު ވަނީ ބަލިވެފައެވެ. އޭގެ ތެރޭގައި އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 ގައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ އަތުން 2-1 އިން ބަލިވި މެޗު ހިމެނެއެވެ.
އޮސްޓްރޭލިއާ މި ބުރަށް ދަތުރުކުރީ ތުރުކީ އަތުން 2-0 އިން މޮޅުވެ، އަދި ޕެރަގުއޭއާ 0-0 އިން އެއްވަރުކޮށްގެންނެވެ. ތުރުކީ މެޗުގައި އޮސްޓްރޭލިއާގެ ލަނޑުތައް ޖަހައިދިނީ ނެސްޓޯރީ އިރަންކުންޑާ އާއި ކޮނާ މެޓްކާފް އެވެ. ނަމަވެސް އެމެރިކާ އަތުން އެޓީމު ވަނީ 2-0 އިން ބަލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!