ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އަލްޖީރިއާ އަތުން 2-0 އިން މޮޅުވެ، ސްވިޒަލޭންޑުން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ސްވިޒަލޭންޑްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ބްރީލް އެމްބޯލޯ އާއި ޑެން އެންޑޯއީ އެވެ.
މިއީ 1938 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކުން ސްވިޒަލޭންޑް މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް އެ ޓީމު ގަދަ 16 އަށް ދަތުރުކުރި ނަމަވެސް، އެއަށްވުރެ ކުރިއަށް ދެވޭގޮތް ވަނީ ނުވެފައެވެ.
"މިއަދު އަހަރެމެން ތާރީޚުގެ އާ ސަފުހާއެއް ލިޔެފިން، ނަމަވެސް އަހަރެމެން ބޭނުންވަނީ މިއަށްވުރެ ކުރިއަށްދާން" މެޗަށްފަހު ވާހަކަދައްކަމުން އެންޑޯއީ ބުނެފަވެއެވެ.
އެމްބޯލޯ ގޯލް ޖެހުމަށްފަހު އުފާ ފާޅުކުރަނީ، ފޮޓޯ: ނިއުޔޯކް ޓައިމްސް/ގެޓީ އިމޭޖްސް
މެޗުގެ ފުރަތަމަ 10 މިނެޓުގައި އަލްޖީރިއާ އިން މޮޅަށް ކުޅުނު ނަމަވެސް، 12 ވަނަ މިނެޓުގައި ޖޯހަން މަންޒަމްބީ ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބޯލޯ ވަނީ ލަނޑު ޖަހައި ސްވިޒަލޭންޑަށް ކުރިހޯދައިދީފައެވެ. އަދި ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި އެންޑޯއީ ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ލީޑު ފުޅާކޮށްދީފައެވެ.
ސްވިޒަލޭންޑްގެ ކޯޗު މުރާތު ޔަކިން ބުނީ ރަނގަޅު ވަގުތުގައި ލަނޑު ޖެހުމަކީ މެޗުން މޮޅުވުމަށް ލިބުނު ބޮޑު އެހީއެއް ކަމަށާއި، ޓީމުގެ މުޅި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަލްޖީރިއާގެ ކޯޗު ވްލަޑިމިއަރ ޕެޓްކޮވިޗް ވެސް ވަނީ ސްވިޒަލޭންޑަށް މަރުހަބާ ކިޔައި، ދެވަނަ ލަނޑަކީ މެޗުގެ ނަތީޖާ ކަނޑައެޅި ލަނޑު ކަމަށް ބުނެފައެވެ.
އަލްޖީރިޔާގެ ކޯޗު ބައްޔަށްފަހު ކުޅުންތެރިންނާ ވާހަކަ ދައްކަނީ، ފޮޓޯ: ނއިޔޯކް ޓައިމްސް/ގެޓީ އިމޭޖްސް
މި މެޗުން ބަލިވުމާއެކު އަލްޖީރިއާ ވަނީ މުބާރާތުން ކަޓާފައެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން އެ ޓީމު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ފަހަރެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް މި މެޗު ބައްލަވާލެއްވުމަށް ދަނޑަށް ވަޑައިގެންނެވިއެވެ.
ގަދަ 16 ގައި ސްވިޒަލޭންޑް ބައްދަލުކުރާނީ ކޮލަމްބިއާ އާއި ގާނާ ކުޅެގެން މޮޅުވާ ޓީމަކާއެވެ. އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ވެންކޫވަރގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!