ވޯލްޑް ކަޕްގެ ގަދަ 16 ގައި ކޮންގޯ ކުޅުނު މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޓީމުގެ ކޯޗު ސެބަސްޓިއަން ދެސާބްރޭގެ ބައްޕަ މަރުވެއްޖެކަމަށް ޚަބަރު ލިބުމުން އޭނާއަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ.

މި ޚަބަރު އާންމުކޮށްފައިވަނީ ބުދަ ދުވަހު އިންގްލެންޑް އަތުން 2-1 އިން ބަލިވެ، ކޮންގޯ މުބާރާތުން ކެޓި މެޗަށްފަހުގައެވެ.

Ad
rt

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދީ ނިމުނުތަނާހީ، ޓީމުގެ ތަރުޖަމާނު ފަރަންސޭސި ބަހުން ވަނީ ކޯޗުގެ ބައްޕަ މި ދުނިޔެއާއި ވަކިވެފައިވާކަމަށް ބުނެ، ކޯޗަށް ތައުޒިޔާ ކިޔާފައެވެ. އެއީ ބައްޕަ މަރުވިކަން ކޯޗަށް އެނގުނު ވަގުތެވެ. މެޗު އޮތުމުން ކޯޗަށް އޮތީ އެކަން ސިއްރުކޮށްފައެވެ.

"ކޯޗުގެ ބައްޕަ ވަނީ ނިޔާވެފައި. އިޚްލާޞްތެރި ތައުޒިޔާ ދަންނަވަން" ތަރުޖަމާނު ބުންޏެވެ.

މި ޚަބަރު އިވުމާއެކު ދެސާބްރޭ ހައިރާންކަމާއެކު ޕްރެސް އޮފިސަރު ޖެރީ ކަލޭމޯ ންގޯއީއާ ދިމާލަށް ބަލައިލި ނަމަވެސް، އޭނާ ވަނީ ވަރަށް އަވަހަށް އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް ޝުކުރު އަދާކޮށްފައެވެ.

ޕްރެސް އޮފިސަރު ޖެރީ ކަލޭމޯ ންގޯއީ ބުރާސްފަތި ދުވަހު ބުނި ގޮތުގައި، މެޗު ފެށުމުގެ ކުރިންވެސް ކޯޗުގެ ބައްޕަ މަރުވެއްޖެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެކަން އާންމުކުރީ މެޗަށްފަހުގައެވެ.

އުމުރުން 49 އަހަރުގެ ދެސާބްރޭ ކޮންގޯގެ ކޯޗުކަމާ ހަވާލުވިތާ ހަތަރު އަހަރު ވެފައިވާއިރު، އޭނާ ވަނީ 1974 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ ގައުމު ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފައެވެ. މިފަދަ ހިތާމަވެރި ހާދިސާއެއް މިދިޔަ ހަފްތާގައި ފަރަންސޭސި ކޯޗު ދިދިއޭ ދެޝޯމްޕްއަށްވެސް ވަނީ ކުރިމަތިވެފައެވެ. އޭނާގެ މަންމަ މަރުވުމާއި ގުޅިގެން ޖަނާޒާގައި ބައިވެރިވުމަށް ކުރު މުއްދަތަކަށް މުބާރާތް ދޫކޮށް ގައުމަށް ދިޔައެވެ.