ވޯލްޑް ކަޕްގެ ތާރީޚުގައި ލަނޑެއް ނުވަދެ އެންމެ ގިނަ ވަގުތު ގޯލް ބެލެހެއްޓުމުގެ 36 އަހަރުވީ ރެކޯޑު ސްޕެއިންގެ ކީޕަރު އުނާއި ސިމޯން މުގުރާލައިފިއެވެ. ސިމޯން މި ރެކޯޑު ގާއިމްކުރީ މި ފަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރިއާ އަތުން 3-0 އިން ސްޕެއިން މޮޅުވި މެޗުގައެވެ. މިއީ މި މުބާރާތުގައި އޭނާ ބައިކޮޅަށް ލަނޑެއް ނުވަދެ ނިންމާލި ޖެހިޖެހިގެން ހަތަރުވަނަ މެޗެވެ.

ވޭތުވެދިޔަ ދެ ވޯލްޑް ކަޕަށް ބަލާއިރު ސިމޯން ވަނީ ޖުމްލަ 519 މިނެޓު ވަންދެން ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 517 މިނެޓު ވަންދެން ލަނޑެއް ވަނަނުދީ ހިފެހެއްޓި އިޓަލީގެ މަޝްހޫރު ކީޕަރު ވޯލްޓާ ޒެންގާ އަތުގައެވެ. އޮސްޓްރިއާ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ސިމޯން ވަނީ ސްޕެއިންގެ ކުރީގެ ކީޕަރު އިކަރ ކަސިއަސް 2010 އަދި 2014 ގެ ވޯލްޑް ކަޕްގައި ގާއިމްކޮށްފައިވާ ރެކޯޑުވެސް އާކޮށްފައެވެ.

Ad
rt

އެތުލެޓިކް ބިލްބާއޯއަށް ކުޅެމުން އަންނަ އުމުރުން 29 އަހަރުގެ ސިމޯންއާ ބެހޭގޮތުން ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ބުނީ އޭނާއާ މެދު ފަޚުރުވެރިވާ ކަމަށެވެ. "އަހަރެން އިހުސާސް ކުރަނީ އޭނާއަކީ އަހަރެންގެ އާއިލާގެ މެންބަރެއްގެ ގޮތުގައި. އޭނާއަށްޓަކައި ވަރަށް އުފާކުރަން،" ކޯޗު ބުންޏެވެ. އަދި މިއީ ހަމައެކަނި ވަކިވަކި ކުޅުންތެރިންގެ ކާމިޔާބީއެއް ނޫން ކަމަށާއި، މުޅި ޓީމު ގުޅިގެން ކުރާ ދިފާއީ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

ސިމޯންއާއި ކޯޗު ޑި ލަ ފުއެންޓޭގެ ގުޅުން ފެށުނީ 2015 ވަނަ އަހަރު ޔޫރަޕްގެ 19 އަހަރުން ދަށުގެ މުބާރާތުންނެވެ. އޭގެ ފަހުން 2023 ވަނަ އަހަރު ސީނިއާ ޓީމާ ކޯޗު ހަވާލުވި ފަހުން ސްޕެއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި 2023 ގެ ނޭޝަންސް ލީގާއި 2024 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ހިމެނެއެވެ. ޑި ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅުނު 37 މެޗުގެ ތެރެއިން ސްޕެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

އާސެނަލްގެ ޑޭވިޑް ރާޔާ އާއި ބާސެލޯނާގެ ޖޮއާން ގާސިއާ ފަދަ މޮޅު ކީޕަރުން ސްޕެއިން ސްކޮޑުގައި ތިބި ނަމަވެސް، ކޯޗު އިތުބާރު ކުރަނީ ސިމޯންއަށެވެ. ރާޔާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ވިދިވިދާގެން ތިން ފަހަރު ގޯލްޑަން ގްލޯވް ހޯދާފައިވާ ކީޕަރެކެވެ. ނަމަވެސް ގައުމީ ޓީމުގައި އޭނާ އަދިވެސް ހުންނަން ޖެހެނީ ބެންޗުގައެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ސްޕެއިން ބައިކޮޅަށް ލަނޑެއް ވަދެފައި ނުވާއިރު، ސިމޯންއަށް ސޭވް ކުރަން ޖެހުނީ އެންމެ ހަތަރު ހަމަލާއެވެ. އޮސްޓްރިއާ މެޗުގައި އެ ޓީމުން ފޮނުވާލި ފަސް ހަމަލާގެ ތެރެއިން އެއްވެސް ހަމަލާއެއް ގޯލާ ސީދާވެފައެއް ނުވެއެވެ. މި ކާމިޔާބީއާއެކު ސްޕެއިން މިހާރު ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ.