ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ބެލްޖިއަމް އަތުން ބަލިވެ ސެނެގާލް މުބާރާތުން ކެޓުމާ ގުޅިގެން، އެ ޓީމުގެ މިޑްފީލްޑަރު ޕާޕޭ ގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
އޭނާ ބުނީ މިހާރު ތިބި ކޯޗިން ސްޓާފުން މަގާމުގައި ތިބިހާ ހިނދަކު ދެން ގައުމީ ޓީމުން ނުފެންނާނެ ކަމަށެވެ.
ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގެ 85 ވަނަ މިނެޓާ ހަމައަށް ސެނެގާލް އޮތީ 2-0 އިން ކުރީގައެވެ. ނަމަވެސް، މެޗުގެ 90 މިނެޓު ހަމަވުމުގެ ކުރިން ބެލްޖިއަމުން ދެ ގޯލު ޖަހައި ނަތީޖާ އެއްވަރުކުރިއެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ސެނެގާލް ވަނީ 3-2 އިން ބަލިވެފައެވެ.
ވިޔަރެއާލްއަށް ކުޅޭ އުމުރުން 27 އަހަރުގެ ގޭ އޭނާގެ އިންސްޓަގްރާމްގައި ބުނީ، މިހާރު މިތިބި ޓެކްނިކަލް ސްޓާފުން ތިބިހާ ހިނދަކު، އަހަރެން ގައުމީ ޓީމުން ބްރޭކެއް ނަގާނެ ކަމަށެވެ. ގްރޫޕް ސްޓޭޖުގައި އިރާގު އަތުން 5-0 އިން ސެނެގާލް މޮޅުވި މެޗުގައި ދެ ގޯލު ޖެހި ނަމަވެސް، އޭނާގެ މެސެޖުގައި ކޯޗު ޕާޕޭ ތިއޯގެ ނަމެއް ސީދާ ފާހަގައެއް ނުކުރެއެވެ.
މިއީ ސެނެގާލްގެ ފުޓްބޯޅައަށް ވަރަށް އުނދަގޫ އަހަރެކެވެ. ޖެނުއަރީ މަހު މޮރޮކޯއާ ދެކޮޅަށް ގޭ ޖެހި ގޯލުން އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތަށި ސެނެގާލުން ކާމިޔާބު ކުރި ނަމަވެސް، ފަހުން ކުރި އިސްތިއުނާފަކާ ގުޅިގެން އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.
މީގެ އިތުރުން، މޮރޮކޯއާ ދެކޮޅަށް ކުޅުނު އެހެން މެޗެއްގައި މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމުން، ކޯޗު ތިއޯ ވަނީ ޓީމު ގޮވައިގެން ދަނޑުން ފައިބާފައެވެ. 15 މިނެޓުގެ މެދުކެނޑުމަކަށްފަހު ކުޅުން ކުރިއަށް ގެންގޮސް، އެ ޕެނަލްޓީ ސެނެގާލްގެ ކީޕަރު ދިފާއުކުރި ނަމަވެސް، ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ (ސީއޭއެފް) އިން ވަނީ އެ މެޗުން ސެނެގާލް ބަލިވި ކަމަށް ނިންމައި، ކޯޗު ތިއޯ ފަސް މެޗަށް ސަސްޕެންޑްކޮށްފައެވެ.
މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ކުރިއަށްދަނީ ސްވިޒަލޭންޑްގައި ހުންނަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!