19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭރު އޮތް އެމްޑީޕީގެ ސަރުކާރުގެ ނުފޫޒުން އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ވޯޓު އޮޅުވާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ތުހުމަތު ކުރައްވައިފިއެވެ.
އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި، އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ފަލާހް ވިދާޅުވީ، 2019 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ކަންވީގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ފަލާހް ވިދާޅުވީ އޭރު އިންތިޚާބުން ހޮވިފައި އޮއްވާ އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ވޯޓު އޮޅުވާލައިގެން މީހުން ކަޓުވާލާފައިވާ ކަމަށެވެ.
"ސިޓީ ވެސް އަޅުގަނޑު ލިން. ވޯޓު ގުނައިދޭށޭ ބުނިން. ކޯޓަށް ދިޔައިން. ހުރިހާ ވޯޓެއް އަންދާލީ ކޯޓުގައި މައްސަލަ އޮއްވާ. ކަރުދާސްތައް އަންދާލީ،" ފަލާހް ވިދާޅުވިއެވެ.
މީގެ އިތުރުން ފަލާހް ވިދާޅުވީ މިހާރުގެ ސަރުކާރުން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ބޭއްވި އެއްވެސް އިންތިޚާބެއްގެ ތެރެއަށް ''ސަރުކާރުން އަތްބާނާފައި'' ނުވާނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ 12 މެންބަރުން މަޖިލީހަށް ހޮވިފައިވަނީ ވެސް ސަރުކާރުން ނުފޫޒު ނުފޯރުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!