ޤަޠަރުގައި ހިފަހައްޓާފައިވާ އީރާނުގެ 12 ބިލިއަން ޑޮލަރުގެ ތެރެއިން 6 ބިލިއަން ޑޮލަރު ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން މިއަދު ވިދާޅުވެއްޖެއެވެ.

މިއީ ސަރަޙައްދީ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ޖޫން 18 ވަނަ ދުވަހު އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ވަގުތީ ފަހުމުނާމާގެ ދަށުން ލިބުނު "ބޮޑު ކާމިޔާބީއެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

Ad
rt

ނަމަވެސް، އީރާނުގެ މި ދަޢުވާއާ ގުޅިގެން އެމެރިކާގެ އިސް އޮފިޝަލުން ވަނީ އެކަން ދޮގުކުރައްވާފައެވެ. އެމެރިކާއިން ބުނާ ގޮތުގައި މިހާތަނަށް އީރާނުގެ އެއްވެސް ފައިސާއެއް ދޫކޮށްފައެއް ނުވެއެވެ. މިއީ 60 ދުވަހުގެ މަޝްވަރާގެ މުއްދަތުގައި އީރާނަށް "ދިހަ ސެންޓުވެސް" ނުލިބޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ބަޔާނާ ސީދާ ފުށުއަރާ ކަމެކެވެ.

މި މުޢާމަލާތުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަޠަރުން މިހާތަނަށް މިކަމާ ގުޅޭގޮތުން ރަސްމީ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޕާކިސްތާނާއެކު މި މަޝްވަރާތަކުގައި އިސްކޮށް އުޅޭ ޤަޠަރުން ފައިސާ ބަދަލުކުރުމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އިރާނުގެ ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ސަރަޙައްދީ މަސްލަޙަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ހަފުތާ ބަންދުގައި އީރާނުން އުމާން ކައިރިން ދަތުރުކުރި އުޅަނދަކަށް ޑްރޯން ހަމަލާއެއް ދިނުމާއި، އޭގެ ބަދަލުގައި އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގެ އިތުރުން، ބަޙްރައިނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން މިސައިލް ހަމަލާތަކެއް ވަނީ ދީފައެވެ.

މިފަދަ ނުތަނަވަސްކަމެއްގެ ތެރޭގައިވެސް، ވަގުތީ އެއްބަސްވުން ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވޮޝިންޓަނާއި ތެހެރާންގެ ފަންނީ ޓީމުތައް ކުރިއަށް އޮތް ދުވަސްތަކުގައި ދޯހާގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.