ލިއަންޑްރޯ ޓްރޮސާޑް ކާމިޔާބުކުރި ދެ ލަނޑާއެކު، ނިއުޒީލެންޑްގެ މައްޗަށް 5-1 ގެ ބޮޑު މޮޅެއް ހޯދައި ބެލްޖިއަމްއިން ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ދަތުރުކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗުން މޮޅުވެ ބެލްޖިއަމް ވަނީ ގްރޫޕް ޖީގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައެވެ.

Ad
rt

މި މުބާރާތުގެ ފުރަތަމަ ދެ މެޗުގައި މިސްރާއި އީރާނާ ދެކޮޅަށް ކުޅެ އެއްވަރުވުމުން ބެލްޖިއަމް އޮތީ ގްރޫޕްގެ ތިންވަނައިގައެވެ. ނަމަވެސް މި މޮޅާއެކު އެޓީމު ވަނީ ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ބެލްޖިއަމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޓްރޮސާޑްގެ އިތުރުން ކެވިން ޑި ބްރޭނާ، ރޮމެލޫ ލުކާކޫ އަދި އެލެކްސިސް ސައެލެމޭކާސް އެވެ. ނިއުޒީލެންޑްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެލައިޖާ ޖަސްޓް އެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ޓްރޮސާޑް ބެލްޖިއަމްއަށް ކުރިހޯދައިދިންއިރު، މިއީ މި މުބާރާތުގައި އެޓީމުގެ ކުޅުންތެރިއަކު ޖެހި ފުރަތަމަ ލަނޑެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޓްރޮސާޑް އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، 66 ވަނަ މިނެޓުގައި ޑި ބްރޭނާ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފަހުކޮޅު ނިއުޒީލެންޑުން ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ލުކާކޫ އާއި ސައެލެމޭކާސް ވަނީ އިތުރު ދެ ލަނޑު ޖަހައި ބެލްޖިއަމްގެ މޮޅު ފުރިހަމަކޮށްދީފައެވެ. މި މެޗުގައި ބެލްޖިއަމްގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ވަނީ އޭނާގެ 18 ވަނަ ވޯލްޑް ކަޕް މެޗު ކުޅެ، އެންޒޯ ސީފޯ ހަދާފައިވާ ރެކޯޑް މުގުރާލާފައެވެ.

ގްރޫޕްގެ އެއްވަނަ ހޯދުމުން ބެލްޖިއަމް ދެން ބައްދަލުކުރާނީ އަންނަ ބުދަ ދުވަހު ސިއެޓްލްގައި ކުޅޭ މެޗުގައި ގްރޫޕްތަކުން ތިންވަނަ ހޯދި ޓީމަކާއެވެ. އެ މެޗުން މޮޅުވެއްޖެނަމަ، ކުއާޓާ ފައިނަލުގައި ބެލްޖިއަމް ބައްދަލުކުރަން ޖެހޭނީ އެމެރިކާ އާއި ބޮސްނިއާ ހެރްޒެގޮވީނާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.