ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި ނ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން، އެ ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ ސްކައުޓް، ކަބް ސްކައުޓް، ގާލް ގައިޑް އަދި ލިޓްލްމެއިޑް ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ހުސްވި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ވެލިދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ، ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެދުމުގެ މަތިން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމުގައި، ކިކްޖަހާނެ ގޮތާއި، ފްލޯޓް ކުރާނެ ގޮތާއި، ތަފާތު ސްޓްރޯކްތައް ޖަހާނެ ގޮތާއި، މޫދުގައި ކަމެއް ދިމާވެއްޖެނަމަ އަމަލު ކުރާނެ ގޮތުގެ އިތުރުން، މޫދަށް އެރިއުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭ ތަމްރީނާއި މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ހާސިލުކުރާ 61 ދަރިވަރުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދީފައިވަނީ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.