އީރާންގެ ވޯލްޑް ކަޕް ޓީމަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ދަތުރުފަތުރުގެ ހަރުކަށި ފިޔަވަޅުތަކަށް ލުޔެއް ދީ، މެޗުގެ ދެ ދުވަސް ކުރިން އެމެރިކާއަށް ދަތުރުކުރުމުގެ ހުއްދަ ދީފި ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން އަންގާރަ ދުވަހު ބުނެފިއެވެ.
މި ލުޔާއެކު، މެކްސިކޯގެ ޓިޖުއާނާގައި ހުރި އީރާންގެ ބޭސް ކޭމްޕުން ބުދަ ދުވަހު ސިއެޓްލްއަށް ދަތުރުކުރާނެ ކަމަށް އީރާން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ހުކުރު ދުވަހު ސިއެޓްލްގައި ކުޅޭ މެޗަށްފަހު ޓީމު އެމެރިކާއިން ފުރަން ޖެހޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީގެ ތަރުޖަމާނު ވިދާޅުވިއެވެ.
ވައިޓް ހައުސް ފީފާ ޓާސްކް ފޯސްގެ އެގްޒެކެޓިވް ޑައިރެކްޓަރު އެންޑްރޫ ގިއުލިއާނީ ވިދާޅުވީ، މިއީ ކުރިންވެސް ރޭވިފައިވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ބަލަމުން ދިޔައީ ފުރަތަމަ ދެ ދަތުރު ދިޔަ ގޮތް. އެކަން އޮމާންކޮށް ދިއުމުން، ދަތުރުގެ ވަގުތު އިތުރުވުމާ ގުޅިގެން އިތުރު ދުވަހެއް ދޭން ނިންމީ،" ގިއުލިއާނީ ވިދާޅުވިއެވެ.
މި ބަދަލު އައިސްފައިވަނީ އީރާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ހަނގުރާމައިގެ ސަބަބުންނާއި ދަތުރުފަތުރުގެ ހުރަސްތަކުގެ ސަބަބުން އީރާން ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މިގޮތުން ޓީމުގެ ބައެއް އޮފިޝަލުންނަށް އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވާއިރު، ޓީމުގެ ބޭސް ކޭމްޕުވެސް ވަނީ އެރިޒޯނާގެ ޓޫސަން އިން މެކްސިކޯގެ ޓިޖުއާނާއަށް ބަދަލުކޮށްފައެވެ.
އީރާންގެ ކޯޗު އާމިރު ގަލެނޯއީ މީގެ ކުރިން ޝަކުވާކޮށްފައިވަނީ، ލޮސް އެންޖެލެސްގައި ކުޅުނު ފުރަތަމަ ދެ މެޗަށް ދަތުރުކުރުމުގެ ހުއްދަ ލިބުނީ މެޗުގެ އެންމެ ދުވަހެއް ކުރިން ކަމަށާއި، އޭގެ ސަބަބުން ޓީމަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ. ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޭނާ ބުނީ ޓީމަށް މިވަގުތު އެންމެ މުހިންމީ އަރާމުކުރުން ކަމަށެވެ.
ފީފާގެ ގަވާއިދު ބުނާގޮތުން ކޮންމެ ޓީމެއްވެސް މެޗު އޮންނަ ސިޓީއަށް ދަތުރުކުރަން ޖެހެނީ މެޗުގެ އެއް ދުވަސް ކުރިންނެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި ދެ ދުވަސް ކުރިން ދަތުރުކުރުމުގެ ފުރުސަތު އޮވެއެވެ. އީރާން ޓީމަށް މިހާރު މިވަނީ އެ ފުރުސަތު ފަހިކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!