ދުނިޔޭގެ ތަފާތު ހަ ވޯލްޑް ކަޕް މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.
އޭނާ މި ތާރީޚީ ކާމިޔާބީ ހާސިލްކުރީ އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކުގައެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ މި ރެކޯޑް ގާއިމްކުރީ މެޗުގެ ހަވަނަ މިނެޓުގައި ޔާއޯ ކަންސެލޯ ނަގައިދިން ހުރަހަކުން ކަނާތު ފައިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މީގެ އިތުރުން މެޗުގެ 39 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ވަނީ ދެވަނަ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
ރޮނާލްޑޯ ގޯލެއް ޖަހައިދިނުމަށްފަހު، ފޮޓޯ: ރޮއިޓާސް
މި ލަނޑުތަކާއެކު ރޮނާލްޑޯ ވެފައިވަނީ ވޯލްޑް ކަޕް ތާރީޚުގައި ލަނޑު ޖެހި ދެވަނައަށް އެންމެ ދޮށީ ކުޅުންތެރިޔާއަށެވެ. މި ރެކޯޑް އޮތީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އުމުރުން 42 އަހަރުގައި ލަނޑު ޖެހި ކެމަރޫންގެ ރޮޖާ މިލާ އަތުގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ނުޖެހުމުން ރޮނާލްޑޯއަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، މި މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ރޮނާލްޑޯ ގޯލެއް ޖަހައިދިނުމަށްފަހު، ފޮޓޯ: ރޮއިޓާސް
މިއަހަރުގެ ވޯލްޑް ކަޕަކީ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ ކުޅޭ ހަވަނަ ވޯލްޑް ކަޕެވެ. ނަމަވެސް މެސީއާ ޚިލާފަށް ރޮނާލްޑޯ ވަނީ އޭނާ ކުޅުނު ކޮންމެ މުބާރާތެއްގައި ލަނޑު ޖަހާފައެވެ. ރޮނާލްޑޯގެ ލަނޑު ޖެހުމުގެ ސިލްސިލާ ފެށުނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުންނެވެ. އޭގެ ފަހުން 2010، 2014، 2018 އަދި 2022 ގެ މުބާރާތްތަކުގައިވެސް އޭނާ ވަނީ ލަނޑު ޖަހާފައެވެ.
މިހާތަނަށް ވޯލްޑް ކަޕްގައި ރޮނާލްޑޯ 10 ލަނޑު ހަމަކޮށްފައިވާއިރު، މިއީ އޭނާގެ ބައިނަލްއަގުވާމީ ކެރިއަރުގެ 230 ވަނަ މެޗެވެ. މިއީ ފުޓްބޯޅަ ތާރީޚުގައި ކުޅުންތެރިއަކު ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ރެކޯޑެވެ. ޕޯޗުގަލްއާއެކު 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯއަށް މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވުން ގާތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!