އިންޓަނެޓުގެ އަގު ހެޔޮ ކުރުމާ ގުޅޭގޮތުން ސަރުކާރާއެކު މަޝްވަރާ ކުރެވޭކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލެއްގެ ޖަވާބުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން އެ ކުންފުންޏާއެކު މަޝްވަރާ ކުރި ކަމަށާއި އަދިވެސް އެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި އިންޓަނެޓްގެ އަގު ކުޑަ ކުރެވޭނީ ކިހާވަރަކަށް ކަން އަދި ދަންނަވާލަން ދަތިކަމަށް ނަޖީބް ރޭ ވިދާޅުވި އެވެ.

Ad
rt

އިންޓަނެޓުގެ އަގު ހެޔޮ ކުރުމުން އެކުންފުނިން ސަރުކާރަށް ދައްކާ ޓެކްސް އާއި ލައިސަންސް ފީ އަށް އޭގެ އަސަރު ކުރާނެކަމަށާއި، ޑިވިޑެންޑަށްވެސް އޭގެ އަސަރު ކުރާނެ ކަމަށްވެސް ނަޖީބު ވިދާޅުވިއެވެ. އަދި މަސައްކަތްކުރައްވަނީ ރަނގަޅު ހުށަހެޅުންތަކެއް ސަރުކާރަށް ހުށަހަޅައިގެން އަގު ކުޑަކޮށް ކުންފުންޏަށް ކުރާނެ އަސަރު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށް ނަޖީބް ވިދާޅުވި އެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރުމުން އޭގެ އަސަރު ކުންފުނީގެ ފައިދާ އަށް ކުރާނެ ކަމަށާއި ހިއްސާދާރުންނަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޓެލެކޮމްގެ ހިދުމަތުގެ ތެރެއަށް އުރީދޫ އިން ވަނީ 2005 ވަނަ އަހަރު އެވެ. ވޭތުވި ފަނަރަ އަަހަރުގެ ތެރޭގައި އެކުންފުނިން ވަނީ ހިދުމަތްތައް ފުޅާކޮށް ފަހުގެ ޓެކްނޮލަޖީގެ ހިދުމަތްތައް ރާއްޖެއަށް ތައާރަފު ކޮށްފައެވެ.

އިންޓަނެޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ 2022 ވަނަ އަހަރު ކަމަށް، ރައީސް އޮފީހުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް ވަނީ 2019 އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އަންގާފައެވެ.

ރައީސް އޮފީހުން މިނިސްޓަރަށް އެގޮތަށް އަންގާފައި ވަނީ އިންޓަނެޓް އަގުހެޔޮ ކުރުމަށް މިނިސްޓްރީއިން ކުރަން ޖެހޭ މަސައްކަތް ނިންމައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެ މިނިސްޓްރީން ސަރުކާރުގެ ޕޮލިސީ އޮފީހަށް ފޮނުވާފައިވާ ޕްރޮޕޯސަލްއަށް ޖަވާބުދީ ފޮނުވި ސިޓީގައެވެ.

އިންޓަނެޓުގެ އަގުހެޔޮކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ކުރިން ރައީސް އޮފީހުން ބުނެފައި ވަނީ އިންޓަނެޓް އަގުހެޔޮކުރުން އަވަސް ނުވެގެން އުޅެނީ އެކަމުގައި އުނދަގުތަކެއް ހުރުމުން ކަމަށާއި އަވަސް އަރުވާލައިގެން އިންޓަނެޓުގެ އަގުހެޔޮކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.