އާދީއްތަ ދުވަހުގެ ރޭ ކުޅުނު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖް މެޗުގައި މުޙައްމަދު ޞަލާޙް ކާމިޔާބުކުރި މުހިންމު ލަނޑާއެކު، 3-1 ގެ ނަތީޖާއަކުން ނިއުޒީލެންޑް ބަލިކޮށް މިޞްރުން ވޯލްޑް ކަޕް ތާރީޚުގައި އެގައުމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ވެންކޫވަރގެ ބީސީ ޕްލޭސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 67 ވަނަ މިނެޓުގައި ޞަލާޙް އޭނާގެ ބައިނަލްއަގުވާމީ 68 ވަނަ ލަނޑު ޖެހުމާއެކު، ދަނޑަށް އެއްވެފައިތިބި މިޞްރުގެ ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.

Ad
rt

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ނިއުޒީލެންޑުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ޓިމް ޕޭން ނަގައިދިން ކޯނަރަކުން ބޮލުން ފޮނުވާލި ހަމަލާއެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ފިން ސާމަންއެވެ. ނަމަވެސް، ދެވަނަ ހާފުގައި މިޞްރުން ކުޅުން ވަރުގަދަކޮށް، 58 ވަނަ މިނެޓުގައި މުސްތަފާ ޒީކޯ ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ނަތީޖާ އެއްވަރުކޮށްދީފައެވެ.

މިޞްރު މޮޅުވި ލަނޑު ޞަލާޙް ކާމިޔާބުކުރީ ޒީކޯ ދިން ބެކް-ހީލް ޕާހަކުންނެވެ. މި ލަނޑާއެކު ޞަލާޙް ވަނީ މިޞްރުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ހުސާމް ހަސަންގެ ރެކޯޑާ އަރާ ހަމަކުރުމަށް އެންމެ ލަނޑަކަށް ގާތްވެފައެވެ. މެޗުގެ 82 ވަނަ މިނެޓުގައި މިޞްރުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޓްރެޒެގޭއެވެ.

މި މޮޅާއެކު މިޞްރު މިވަގުތު އޮތީ ގްރޫޕް ޖީގެ އެއްވަނައިގައެވެ. ނަމަވެސް، ދެވަނަ ބުރަށް ދިއުމަށްޓަކައި އަންނަ ހުކުރު ދުވަހު ސިއެޓްލްގައި އީރާނާ ދެކޮޅަށް ކުޅޭ މެޗުން މަދުވެގެން އެއްވަރުވާން ޖެހެއެވެ. މިއީ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިނުވެ އޮތުމަށްފަހު، މިޞްރުން ވޯލްޑް ކަޕްގައި ވާދަކުރާ ހަތަރުވަނަ ފަހަރެވެ.

މެޗުގެ ފުރަތަމަ ހާފުގައި މިޞްރުގެ ހަމްދީ ފަތީއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، އޭނާގެ ބަދަލުގައި ކުޅެން އެރީ ރާމީ ރާބިއާއެވެ. ޞަލާޙް މެޗުގެ 85 ވަނަ މިނެޓުގައި ބަދަލުކުރި ވަގުތު މުޅި ސްޓޭޑިއަމްގެ ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ އޭނާއަށް މަރުހަބާ ކިޔާފައެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި އީރާނާއި ބެލްޖިއަމް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ނިއުޒީލެންޑް ދެން ނުކުންނާނީ އަންނަ ހުކުރު ދުވަހު ބެލްޖިއަމާ ދެކޮޅަށެވެ.