ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް، ވޯލްޑް ކަޕް 2026 ގައި ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ނުކުމެ ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ލަނޑު ޖަހައި، ސައުދީ އަރަބިއްޔާ 4-0 އިން ބަލިކޮށް ސްޕޭނަށް އައު ދިރުމެއް ގެނެސްދީފިއެވެ.

އެޓްލާންޓާގައި ކުޅުނު މި މެޗުގައި އުމުރުން 18 އަހަރުގެ ފޯވާޑް ޔަމާލް ލަނޑު ޖެހީ މައިކަލް އޮޔާޒަބަލް ނަގައިދިން ހުރަހަކުންނެވެ. މިއާއެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ލަނޑު ޖެހި 8 ވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ. މިއީ ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ ދެކޮޅަށް 0-0 އިން އެއްވަރުވުމުން ސްޕެއިނަށް ކުރިމަތިވި ޕްރެޝަރު ކުޑަކޮށްދިން މުހިންމު ލަނޑެކެވެ.

Ad
rt

ބާސެލޯނާގެ ވިންގަރަކީ މިހާރުވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ އުމުރުން އެންމެ 16 އަހަރުގައި 2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރުމުގައި ސްޕެއިނަށް އެހީތެރިވެދީފައެވެ. އަނިޔާގެ ސަބަބުން ފިޓްނަސްއާ މެދު ސުވާލު އުފެދިފައި އޮތް ނަމަވެސް، މި މެޗުގައި އޭނާ ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ.

ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ބޭނުންވި ފަދަ ނަތީޖާއެއް މި މެޗުން ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި އިތުރު ދެ ލަނޑު އޮޔާޒަބަލް ވަނީ ކާމިޔާބުކޮށްފައެވެ. އޭނާ ލަނޑުތައް ޖެހީ މެޗުގެ 21 ވަނަ މިނެޓާއި 24 ވަނަ މިނެޓުގައެވެ. ސްޕެއިންގެ ހަތަރުވަނަ ލަނޑަކީ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ސައުދީގެ ހަސަން އަލްތަމްބަކްތީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން ސްޕެއިނަށް މުބާރާތުގައި އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާއިރު، ޔަމާލްގެ މި ފެށުމަކީ ސްޕެއިންގެ ސަޕޯޓަރުންނަށް ލިބުނު ބޮޑު އުންމީދެކެވެ. މެޗުގެ ހާފް ޓައިމްގައި ކޯޗު ވަނީ ޔަމާލް އާއި އޮޔާޒަބަލް ބަދަލުކޮށްފައެވެ.