ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުގައި މަތިއަސް ކުންހާ ކާމިޔާބުކުރި ދެ ލަނޑާއެކު 3-0 އިން ހެއިޓީ ބަލިކޮށް، ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލުން އެ ގައުމު މުބާރާތުން ބޭރުކޮށްލައިފިއެވެ.
މި ނަތީޖާއާއެކު 1974 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި ހެއިޓީ ވެފައިވަނީ މުބާރާތުގެ ނޮކްއައުޓް ބުރަށް ނުގޮސް ކެޓި ފުރަތަމަ ޓީމަށެވެ.
ބްރެޒިލްގެ ފުރަތަމަ މެޗުގައި މޮރޮކޯއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކުންހާ، ރޭގެ މެޗު ފެށީ ފުރަތަމަ އެގާރައިގައެވެ. ކޯޗު ކާލޯ އަންޗެލޮޓީގެ މި ނިންމުމާއެކު ކުންހާ ވަނީ މޮޅު ކުޅުމެއް ދައްކައި، ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާގެ ފުރަތަމަ ލަނޑަކީ ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާއެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ދެވަނަ ލަނޑު ކުންހާ ކާމިޔާބުކުރީ ވިނީޝިއަސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭނާ ވަނީ ވާތު ފައިން ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ސްކޯ 2-0 އަށް ބަދަލުކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިނީޝިއަސް ޖޫނިއާ ވަނީ ބްރެޒިލްގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މި މެޗުގައި ބްރެޒިލްގެ ރަފީނިއާ ޖެހި ލަނޑެއް އޮފްސައިޑްވުމުގެ ސަބަބުން ބަލައިނުގަތްއިރު، އޭނާ ވަނީ އަނިޔާގެ ސަބަބުން ފުރަތަމަ ހާފުގައި ބަދަލުކޮށްފައެވެ.
ފިލަޑެލްފިއާގެ ލިންކަން ފައިނޭންޝަލް ފީލްޑްގައި ކުޅުނު މި މެޗު ބަލަން 68,324 ސަޕޯޓަރުން ވަދެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ބްރެޒިލްގެ ސަޕޯޓަރުންނެވެ. ހެއިޓީގެ ސަޕޯޓަރުން އެމީހުންގެ ސަގާފީ ލަވަތަކުން ޓީމަށް ހިތްވަރު ދެމުންދިޔައިރު، ބްރެޒިލްގެ ސަޕޯޓަރުން ވަނީ ފުޓްބޯޅައިގެ ރަސްގެފާނު ޕެލޭގެ ނަމުން މުޚާތަބުކޮށް އަޑުގަދަކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބްރެޒިލްގެ ތަރި ނޭމާ މި މެޗުގައިވެސް ކުޅެފައެއް ނުވަނީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެންނެވެ.
2002 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމަށް އަމާޒު ހިފާފައިވާ ބްރެޒިލް، ގްރޫޕް ސީގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ފްލޮރިޑާގެ މިއާމީ ގާޑަންސްގައި ނުކުންނާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!