ސަރުކާރުގެ ފައިސާއިން ދެ މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގެ ބޭނުމުގައި، ރަހީނުކުރި ކަމަށް ދައްކައިގެން ފައިސާ ހޯދަން އުޅުނު ކަމުގެ ތުހުމަތު މެކްސިކޯގެ މޭޔަރެއްގެ މައްޗަށް ކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މެކްސިކޯ ސިޓީއާ ދުރުގައި އޮންނަ ޓެނަންސިންގޯގައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ ސިޓީގެ މުނިސިޕަލް މޭޔަރު ނޭންސީ ނަޕޯލްސް އަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި އޭނާ ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ނަޕޯލްސް ބުނި ގޮތުގައި މިއީ ސިޔާސީ މަގްސަދެއްގައި އޭނާއާ ދެކޮޅަށް ކުރާ ތުހުމަތުތަކެކެވެ. ނަޕޯލްސްއަކީ ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ރައީސް ކްލައުޑިއާ ޝީންބައުމްގެ މޮރޭނާ ޕާޓީގެ މެންބަރެކެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ހަތިޔާރު އެޅި ބަޔަކު ނަޕޯލްސް ކާރުން ބާލުވައިގެން ގެންދިޔައީ އޭނާގެ ފިރިމީހާއާއި ޅިޔަނު ރާވައިގެންނެވެ. މިކަމުގައި ބައިވެރިވި ކަމަށް ބުނާ ތިން މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ ބަޔާންތަކުން އެނގޭ ގޮތުގައި، ނަޕޯލްސް މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުން 40 މިލިއަން ޕެސޯ (ގާތްގަނޑަކަށް 2.3 މިލިއަން ޑޮލަރު) ދިނުމަށް ވަނީ ޑިމާންޑްކޮށްފައެވެ. އަދި އެ ފައިސާ ނެތްނަމަ ލޯކަލް ސަރުކާރުގެ ބަޖެޓުން އެ ފައިސާ ނެގުމަށް ވަނީ މަޖުބޫރުކޮށްފައެވެ.
މި ރޭވުން ފަޅާއެރީ ނަޕޯލްސް ގަދަކަމުން ކާރަށް އަރުވައިގެން ގެންދަނިކޮށް ފެނުނު މީހަކު ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ. ފުލުހުން އެ ސަރަހައްދު ހޯދަން ފެށުމުން، މި ރޭވުން ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުނީއެވެ. ތަހުގީގުން ހާމަވި ގޮތުގައި، މި ކިޑްނެޕިންގްއަކީ ކުރިން ޚިޔާނާތްތެރިވެފައިވާ ފައިސާ އޮޅުވާލުމަށްޓަކައި ދެއްކި ބަހަނާއެކެވެ.
މި މައްސަލައިގައި ނަޕޯލްސްގެ ފިރިމީހާއާއި ޅިޔަނު ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ނަޕޯލްސްއާ ދެކޮޅަށް އަދި ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެއް ނުވެއެވެ. އޭނާ ބުނެފައިވަނީ ހަގީގަތް ހާމަކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
މެކްސިކޯގެ އިސް އޮފިޝަލުންގެ މައްޗަށް ކޮރަޕްޝަނާއި ކުށްކުރާ ގްރޫޕްތަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތުތައް ދަނީ އިތުރުވަމުންނެވެ. މިދިޔަ އޭޕްރީލް މަހު ސިނަލޯއާގެ ގަވަރުނަރުގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތު އެމެރިކާއިން ކޮށްފައިވާއިރު، މިދިޔަ އަހަރުވެސް އެހެން ސިޓީއެއްގެ މޭޔަރަކު ވަނީ ޖިނާއީ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!