ވޯލްޑް ކަޕް 2026 ގައި އާޖެންޓީނާ އަތުން އަލްޖީރިއާ ބަލިވި މެޗުގައި ކުރިމަތިވި "އިންސާފުވެރި ނޫން ރެފްރީކަމާ" ގުޅިގެން، ހާއްސަކޮށް ލިއޮނަލް މެސީ ކުރި ޓެކްލަކާ ގުޅިގެން ރެފްރީ ނިންމި ނިންމުމާއި ގުޅިގެން ފީފާއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އަލްޖީރިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ (އެފްއޭއެފް) މަސްދަރަކުން ހުކުރު ދުވަހު ބައިނަލްއަގްވާމީ ބައެއް މީޑިއާތަކަށް ބުނެފިއެވެ.

މި ޝަކުވާ ބިނާވެފައިވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ޖޭގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އަތުން 3-0 އިން އަލްޖީރިއާ ބަލިވި މެޗުގެ މައްޗަށެވެ.

Ad
rt

އަންގާރަ ދުވަހުގެ މެޗުގެ 30 ވަނަ މިނެޓުގައި، ލިއޮނަލް މެސީ ވަނީ ފަހަތުން އައިސް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވަނީ އަލްޖީރިއާގެ ޑިފެންޑަރު އަދި ކެޕްޓަން އީސާ މަންޑީގެ ފައިގެފަލަމަސްގަނޑަށް މެސީގެ ބޫޓުގެ ދަށްފުށް ވަނީ އަރާފައެވެ. ނަމަވެސް މި ކަމަށް އޭނާއަށް އެއްވެސް ކާޑެއް ދައްކާފައެއް ނުވެއެވެ.

އަލްޖީރިއާ މެޗުގައި މެސީގެ ޓެކްލް، މިކަމާއި ގުޅިގެން ރެފްރީގެ ނިންމުމާމެދު ހިތްހަމަ ނުޖެހި އަލްޖީރިއާއިން ރަސްމީކޮށް މިހާރު ވަނީ ޝަކުވާ ހުށަހަޅާފައި

އަލްޖީރިއާ ފެޑެރޭޝަނުން ބުނާ ގޮތުގައި އެއީ ސީދާ ރަތް ކާޑެއް ހައްގުވާ ކަމެކެވެ. އެހެންވެ އަލްޖީރިއާ ފެޑެރޭޝަނުން އިހުތިޖާޖު ކުރަނީ ޕޮލެންޑުގެ ރެފްރީ ސައިމަން މާސިނިއަކް އަދި ވީއޭއާރު ޓީމުން މެޗުގެ މުހިންމު ވަގުތުތަކުގައި ކާޑު ނުދެއްކި މައްސަލައިގައެވެ.

"ޝަކުވާ މައިގަނޑު ގޮތެއްގައި އަމާޒުވަނީ މެސީ ކުރި ޓެކްލަކަށް. އެންމެންގެ ނަޒަރުގައިވެސް އެއީ ރަތް ކާޑެއް ހައްގުވާ ކަމެއް،" މަސްދަރުން ބުނެފައިވެއެވެ.

މީގެ އިތުރުން، ދެވަނަ ހާފުގައި އާޖެންޓީނާގެ އެލެކްސިސް މެކް އެލިސްޓާ، އިބްރާހިމް މާޒާގެ މޫނުމަތީގައި އުޅަނބޮށިން ޖެހި ކަމަށް ބުނާ މައްސަލަވެސް ޝަކުވާގައި ފާހަގަކޮށްފައިވެއެވެ. އަލްޖީރިއާއިން ބުނަނީ މިފަދަ ސާފު ތިން ހާދިސާއެއް ހިނގި އިރުވެސް ވީއޭއާރުން އެކަމަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ.

މި މެޗުގައި މެސީ ހެދި ހެޓްރިކާއެކު، އޭނާ ވަނީ ޖަރުމަނުގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސާ ވޯލްޑް ކަޕްގައި ޖަހާފައިވާ 16 ގޯލުގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އަލްޖީރިއާ ފެޑެރޭޝަނުން ބުނެފައިވަނީ އާޖެންޓީނާގެ ވަރުގަދަކަން ގަބޫލުކުރާ ހާލު، "އިންސާފެއް ނެތް ކަންކަމުގެ ކުރިމަތީގައި ހަނު ނުތިބެވޭނެ" ކަމަށެވެ. މި ޝަކުވާއަކީ މެޗުގެ ނަތީޖާ ބަދަލުކުރުމަށް ހުށަހެޅި ޝަކުވާއެއް ނޫން ނަމަވެސް، މުހިންމު މުބާރާތްތަކުގައި ރެފްރީންގެ ފެންވަރާއި ވީއޭއާރުގެ ނިންމުންތަކުގައި ޒިންމާދާރުކުރުވުމަށް އެދި ހުށަހެޅި ކަމެކެވެ.

އަލްޖީރިއާ ދެން ބައްދަލުކުރާނީ އަންނަ ހޯމަ ދުވަހު އުރުދުންއާއެވެ. އަދި ގްރޫޕް ޖޭގެ ފަހު މެޗުގައި ޖޫން 27 ވާ ހޮނިހިރު ދުވަހު އޮސްޓްރިއާއާ ދެކޮޅަށް ނުކުންނާނެއެވެ. އަލްޖީރިއާ އުންމީދު ކުރަނީ 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް މަރުހަލާއަށް ދިއުމަށެވެ.