އަތް ނުދޮވެ ކައި ބޮއި އުޅުމަކީ ބަލިޖައްސާ ޖަރާސީމުތައް ވަރަށް ފަސޭހައިން އަޅުގަނޑުމެންގެ ހަށިގަނޑުގެ ތެރެއަށް ވަންނާނެ ކަމެކެވެ. އެހެނީ އަތަކީ ހަމަކަށަވަރުންވެސް ބަލިތައް ހަށިގަނޑު ތެރެއަށް ވަދެ ގަންނާނެ މަގެކެވެ. ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން އަތް ދޮންނަން އިސްލާމްދީނުގައި ކުރައްވާފައިވާ އަމުރުފުޅުތަކަށް އަޅުގަނޑުމެން ތަބާވާން ޖެހޭނެއެވެ. މިއީ ވަރަށް ގިނަ ބަލިތަކަކުން އަޅުގަނޑުމެން ސަލާމަތްކޮށްދޭނެ ކަމެކެވެ.

ކޮރޯނާ ވައިރަސް ޑެންގޫ އާއި ޗިކުންގުންޔާ އާއި އާރުރޯގާ އާއި ދޫނިރޯގާ ފަދަ ރޯގާތަކަކީ ވަރަށް ބާރަށް ފެތުރޭ ބަލިތަކެކެވެ. މިހެންވެ ޑަކްޓަރުންނާއި ޞިއްޙީ ދާއިރާތަކުން އަޅުގަނޑުމެންނަށް ޢާއްމު ޞިއްޙީ އިރުޝާދުތަކެއް ވަނީ ދެއްވައިފައެވެ.

Ad
rt

އޭގެ ތެރޭގައި ގިނަގިނައިން އަތް ދޮވުމާއި، ޢާއްމުތަންތަނަށް ކުޅުނުޖެހުމާއި ރޯގާ ޖެހިފައިވާ މީހުން ބޭރަށް ނުކުމެ އެއްތަނަކަށް ޖަމާވެ ނޫޅުން ފަދަ ކަންތައްތައް ހިމެނެއެވެ.

އެއީ އިސްލާމީ ޝަރުޢީ ޤާޢިދާ، "ގެއްލުން ލިބިގަތުމެއް އަދި ގެއްލުންދިނުމެއް ވެސް ނެތެވެ." ގެ ދަށުންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ބަލާއިރު އެކަލޭގެފާނު ވަނީ އުޒުރުވެރިން މިސްކިތަށް ދިޔުން މަނާކުރައްވައިފައެވެ. އަދި އެކަލޭގެފާނު އަންގަވާފައިވަނީ ފިޔާ އާއި ލޮނުމެދުފަދަ އެއްޗެހި ކައިގެން މިސްކިތަށް ނުދިޔުމަށެވެ.

އެކަމުގެ ސަބަބުން މީސްތަކުންނަށް އުދަނގޫ ވެދާނެތީއެވެ. އެހެންކަމުން ގައިންގަޔަށް އަރާފަދަ ބައްޔެއް ޖެހިފައިވާ މީހާ
ޢާއްމުން އެއްވެ އުޅޭ ތަންތަނަށް ގޮސްގެން ނުވާނެއެވެ.

ސާފު ތާހިރުކަމަކީ އިޖްތިމާޢީ އެހެން އަގުތައް ފަދަ އަގެކެވެ. ސުލޫކެކެވެ. ރިވެތި އަދަބެކެވެ. ފައިސާއާ ތަނަވަސްކަމެއް ނެތްކަމަށް ބުނެ ސާފުތާހިރުކަމާ ދުރަށް ދެވޭކަށް ނެތެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު އެމީހެއްގެ މަސްއޫލިއްޔަތު މި ކަމުގައި އަދާކޮށްފިނަމަ އަޅުގަނޑުމެންގެ ރަށްތައް ރީތި ސާފު ރަށްތަކަކަށް ވާނެއެވެ. އަޅުގަނޑުމެން ފެން ހުސްކުރާ ފުޅިތަކާއި ޖޫސް ހުސްކުރާ ޕެކެޓުތަކާއި ދަޅުތައް މަގުމައްޗަށް އުކައިނުލާނަމަ މަގުތައް ހަޑިވާނެތޯއެވެ؟

އަޅުގަނޑުމެންގެ ގޭގޭގެ ކުނި ކޮތަޅުތައް މަގުމައްޗަށް އުކައިނުލާނަމަ މަގުމަތި ގޮނޑުވާނެތޯއެވެ؟ އަޅުގަނޑުމެން އަރިދަފުސް ފޮޅާ ކަރުދާސް ރުމާތައް މަގުމައްޗަށް އެއްލައި ނުލާނަމަ ރޯގާ ފެތުރޭނެތޯއެވެ؟ މިއީ ތަނަވަސްކަމަކަށް ބޭނުންވާ ކަންކަމެއް ނޫނެވެ. މިއީ ނިޒާމުގެ މަސްއަލައެއް ވެސް ނޫނެވެ. އަޅުގަނޑުމެން އެންމެ އިޙުތިރާމުކުރާ ނިޒާމަކަށް ހަދަން ޖެހޭނީ އިސްލާމް ދީނެވެ. އިސްލާމް ދީން އަންގާ ގޮތުގައި މީހުންނަށް އުދަނގޫ ވާ ގޮތަށް މަގުމަތީގައި އޮންނަ އެއްޗެއް އެއްފަރާތްކޮށް ލުމަކީ ވެސް ޞަދަޤާތެކެވެ. މި ކަން އިޖުތިމާޢީ ޝިޢާރަކަށް ބަދަލުކޮށްލަން މިހާރު މި ވަނީ ޖެހިފައެވެ.

الله ތަޢާލާ އަޅުގަނޑުމެންގެ މި ޙަޔާތް އާރާސްތު ކުރައްވާފައިވަނީ ސާފުތާހިރުކަމުގެ ބިންގަލުގެ މަތީގައެވެ. އެކަލާނގެ ކައުނު ޚަލްޤު ކުރެއްވީ ރީތިކޮށް ތާހިރުކޮށް އެކަތި އަނެކަތި ސާފުކޮށްދޭ ފަދަ ޠަބީޢީ ޤާނޫނުތަކަކާއި ސަބަބުތަކަކާ އެކުގައެވެ. ވައިރޯޅިތައް ކުނިކަހައިދެއެވެ. ވާރޭ ދޮވެ ތާހިރުކޮށްދެއެވެ. ބިން ވަޅުލައި ފަސްއަޅައިދެއެވެ. އިންސާނާގެ ފިޠުރަތަށް ބަލާއިރުގައި ވެސް ފެންނަނީ ޠާހިރު ވިސްނުމަކާއި ހިތަކާއި ފުރާނައެކެވެ. އެއްވެސް ކުށެއް ފާފައެއް
ނެތް ސާފު ތާހިރު އިޙްސާސްތަކަކާއި ޝުޢޫރުތަކަކާއެކު އުފަންވާ ތަނެވެ. މިކަމުން އެނގެނީ އިސްލާމް ދީން ބިނާވެގެން ވަނީ ސާފުތާހިރުކަމުގެ މަތީގައިކަމެވެ.