ފީފާ ވޯލްޑް 2026 ކަޕްގައި، 24 އަހަރުގެ މެދުކެނޑުމަކަށްފަހު މުބާރާތަށް އެނބުރި އައި ތުރުކީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ ކުރިހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުގައި އޮސްޓްރޭލިއާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނެސްޓޯރީ އިރަންކުންޑާ އާއި ކޮނާ މެޓްކާފްއެވެ.

Ad
rt

މެޗުގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުމުރުން އެންމެ 20 އަހަރުގެ އިރަންކުންޑާއެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕެއްގައި އޮސްޓްރޭލިއާއަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ލަނޑަށްފަހު އޭނާ ވަނީ އޮސްޓްރޭލިއާގެ ފުޓްބޯޅަ ލެޖެންޑް ޓިމް ކާހިލްއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކޯނަރު ދަނޑީގައި ތަޅައި އުފާފާޅުކޮށްފައެވެ.

ތުރުކީން މެޗުގެ 72 އިންސައްތަ ބޯޅަ ހިފަހައްޓައި، 30 ހަމަލާ އޮސްޓްރޭލިއާގެ ގޯލަށް އަމާޒުކުރި ނަމަވެސް، އޮސްޓްރޭލިއާގެ ކީޕަރު ޕެޓްރިކް ބީޗް ވަނީ އަށް ސޭވްކޮށް ތުރުކީގެ ހަމަލާތައް ހުއްޓުވާފައެވެ. އޮސްޓްރޭލިއާގެ ދެވަނަ ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކުރީ އިސްމާއިލް ޔޫކްސެކް އަތުން ބޯޅަ ހޯދައިގެން މެޓްކާފްއެވެ.

މެޗަށްފަހު ވާހަކަދައްކަމުން އިރަންކުންޑާ ބުނީ، މެޗުގެ ކުރިން ތުރުކީގެ ކެޕްޓަން ހަކާން ޗަނަނޮގްލޫ ދެއްކި ވާހަކަތަކުން އޮސްޓްރޭލިއާ ޓީމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށެވެ. ޗަނަނޮގްލޫ ބުނެފައިވަނީ ތުރުކީއަކީ މާ ހުނަރުވެރި ޓީމެއް ކަމަށެވެ.

"އަހަރެމެންނާ ބެހޭގޮތުން މީހުން ގޯސްކޮށް ވާހަކަދައްކާކަށް ބޭނުމެއް ނުވޭ. މީހުން އަހަރެމެންގެ ފެންވަރު ދަށްކޮށް ވަޒަންކުރަނީ،" އިރަންކުންޑާ ބުންޏެވެ.

ތުރުކީގެ ކޯޗު ވިންސެންޒޯ މޮންޓެލާ ބުނީ އޮސްޓްރޭލިއާ ކުޅޭނެ ގޮތް އޭނާއަށް އެނގޭ ކަމަށާއި، އެ ޓީމަށް ވަރަށް އިހުތިރާމް ކުރާ ކަމަށެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ތުރުކީއަށް މި މުބާރާތަށް ކޮލިފައިވެވުނީ ފަސް މުބާރާތް ނާކާމިޔާބުވުމަށްފަހުއެވެ.

ގްރޫޕް 'ޑީ' ގައި ހިމެނޭ މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ އެމެރިކާ އާއި ޕެރަގުއޭއެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި އެމެރިކާ ވަނީ 4-1 އިން ޕެރަގުއޭ ބަލިކޮށްފައެވެ.