ވޯލްޑް ކަޕް ގްރޫޕް ބީގައި ސުވިޒަލޭންޑުން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ގަތަރުގެ ބޫއަލަމް ކޫކީ ބޮލުން ޖެހި ލަނޑާއެކު 1-1 އިން ދެ ޓީމު އެއްވަރުވެއްޖެއެވެ. މި މުހިންމު ލަނޑާއެކު ގަތަރުގެ ކުޅުންތެރިން ވަނީ ދަނޑުމަތީގައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސުވިޒަލޭންޑަށް ލީޑު ނަގައިދިނީ ޕެނަލްޓީއަކުން ބްރީލް އެމްބޯލޯއެވެ. މިއީ ވިސާގެ މައްސަލަތަކެއް ކުރިމަތިވުމަށްފަހު އޭނާ އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ލިބުނުތާ ހަފުތާއެއްހާ ދުވަސް ފަހުން ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ 13 ވަނަ މިނެޓުގައި ގަތަރުގެ ކީޕަރު މަހްމޫދު އަބޫނަދާ އެމްބޯލޯއަށް ކުރި ފައުލަކާ ގުޅިގެން ރީނދޫ ކާޑެއް ދެއްކިއިރު، އަބޫނަދާއަށް އަނިޔާވެގެން ކުޑަވަގުތުކޮޅަކަށް ކުޅުން މެދުކަނޑާލަން ޖެހުނެވެ.

Ad
rt

ސުވިޒަލޭންޑުން މެޗުގެ ބޮޑުބައި ކޮންޓްރޯލްކުރި ނަމަވެސް، ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. ލެވީސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސުވިޒަލޭންޑުގެ ކީޕަރު ގްރެގޯ ކޮބެލް ވަނީ ގަތަރުން އުފެއްދި ނުރައްކާތެރި ދެ ހަމަލާއެއް ދިފާއުކޮށްފައެވެ. އޭގެ ތެރޭގައި މެޗުގެ 90 ވަނަ މިނެޓުގައި އަހުމަދު އަލާބުއްދީން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.

ކޯޗު މުރާތު ޔަކިންގެ އިރުޝާދުގެ ދަށުން ކުޅޭ ސުވިޒަލޭންޑަކީ ކޮލިފައިންގައި ބަލިނުވެ ވޯލްޑް ކަޕަށް ހޮވުނު ޓީމެކެވެ. އެ ޓީމުން އުންމީދު ކުރަނީ މީގެ ހަތަރު އަހަރު ކުރިން ޕޯޗުގަލް އަތުން 6-1 އިން ބަލިވި ބަލިވުން ހަނދާން ނައްތާލައި، މިފަހަރުގެ މުބާރާތުގައި ދުރަށް ދިއުމަށެވެ. ސުވިޒަލޭންޑް ވަނީ 2002 ވަނަ އަހަރުގެ ފަހުން ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ.

ސްޕެއިންގެ ކޯޗު ހޫލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ކުޅޭ ގަތަރު މި މުބާރާތަށް ކޮލިފައިވީ ޕްލޭއޮފްގައި ޔޫއޭއީ އާއި އޮމާން ބަލިކުރުމަށްފަހުއެވެ. މިއީ 2022 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން ބަލިވި ގަތަރަށް ލިބުނު މުހިންމު ނަތީޖާއެކެވެ.