2026 ވަނަ އަހަރުގެ ޔޫއެފާ ސުޕަ ކަޕްގައި އެސްޓަން ވިލާ އާއި ޕީއެސްޖީ ބައްދަލުކުރާ ފައިނަލް މެޗުގެ ރެފްރީއަކަށް ސޯމާލިއާގެ އުމަރު އަރުތާން ހަމަޖައްސައިފިކަން ޔޫއެފާއިން އިޢުލާންކޮށްފިއެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ތާރީޚީ ނިންމުމެކެވެ.

އުމުރުން 34 އަހަރުގެ އުމަރު އަރުތާންއަކީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ހޮވުނު ފުރަތަމަ ސޯމާލިއާގެ ރެފްރީއެވެ. ނަމަވެސް، ވޯލްޑް ކަޕަށް އެމެރިކާގެ މިއާމީއަށް ދިއުމުން އެޤައުމުގެ އިމިގްރޭޝަނުން އޭނާ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމާ ގުޅިގެން އެފްރިކާގެ ފުޓްބޯޅަ އާއިލާގައި ވަނީ ބޮޑު މާޔޫސްކަމެއް އުފެދިފައެވެ. ޔޫއެފާއިން މި ނިންމުން ނިންމާފައިވަނީ އެ މާޔޫސްކަމުގެ ތެރޭގައި އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

Ad
rt

2026 ވަނަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު އޮސްޓްރިއާގެ ސަލްޒްބާގްގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން އެސްޓަން ވިލާއެވެ.

ޔޫއެފާއިން ހާމަކުރި ގޮތުގައި އަރުތާން މި މެޗަށް އައްޔަންކޮށްފައިވަނީ ޔޫއެފާ އާއި އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ސީއޭއެފް) އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މިއީ ދެ ބައްރުގެ ދެމެދުގައި ރެފްރީން ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. އަރުތާންއަކީ 2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ރެފްރީގެ މަޤާމު ހޯދާފައިވާ، އަދި އެންމެ ފަހުގެ ކެފް ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް އިންސާފުކޮށްފައިވާ ފުންނާބުއުސް ރެފްރީއެކެވެ.

ޔޫއެފާގެ ރައީސް އެލެކްސެންޑަރ ޗެފެރިން ވަނީ އަރުތާންއަށް ތައުރީފު ކުރައްވާފައެވެ.

"އަރުތާންއަކީ އެންމެ މަތީ ފަންތީގައި އޭނާގެ ހުނަރު ސާބިތުކޮށްދީފައިވާ މޮޅު ރެފްރީއެއް" އޭނާ ވިދާޅުވެފަވެއެވެ.

މި ނިންމުމަކީ ޔޫއެފާގެ އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ ސިޔާސަތު ރަމްޒުކޮށްދޭ ނިންމުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިއާއެކު އަރުތާން ވެގެންދާނީ ޔޫއެފާގެ ބޮޑު ފައިނަލެއްގައި އިންސާފުކުރާ ފުރަތަމަ ސޯމާލިއާގެ ރެފްރީއަށެވެ.