ކުރިއަށް އޮތް ފިނި މޫސުމުގެ ފަތުރުވެރިކަމުގެ ސީޒަނަށް އަމާޒުކޮށް، ދުނިޔޭގެ މަޝްހޫރު ތިން އެއާލައިނަކުން ރާއްޖެއަށް އަލަށް ދަތުރުތައް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަން އޭސް ޓްރެވަލްސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާޤު (އިނަރ މޯލްޑިވްސް ފިރާގް) ވިދާޅުވެއްޖެއެވެ.

ފިރާޤު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް އަލަށް ދަތުރުތައް ފެށުމުގެ ފުރުސަތު ބޮޑު ތިން އެއާލައިނަކާއެކު ކުރަންޖެހޭ މަޝްވަރާތައް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި މި އެއާލައިންތަކުގެ އިދާރީ އަދި ރެގިއުލޭޓަރީ މަރުޙަލާތައް ފުރިހަމަވުމާއެކު، ރަސްމީކޮށް ދަތުރުތަކުގެ ތާވަލުތައް އިޢުލާން ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

ރާއްޖެއަށް އަލަށް ދަތުރުތައް ފެށުމަށް ތައްޔާރުވާ އެއާލައިންތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ފިރާޤު ވިދާޅުވީ، މީގެ ތެރޭގައި ހިމެނެނީ އޭޝިއާގެ ސިޓީތަކަށް ނިސްބަތްވާ ދެ އެއާލައިނަކާއި، މެދުއިރުމަތީގެ އެއާލައިނެއް ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން އެއާލައިންތަކެއްކަން ފަހުގެ ތާރީޚެއްގައި ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް އިނަރ މޯލްޑިވްސް ގްރޫޕަކީ ރާއްޖޭގައި ގިނަ އެއާލައިންތަކެއްގެ ޖީ.އެސް.އޭ އެވެ. އޭގެ ތެރޭގައި ސްްރީލަންކަން އެއާލައިންސް، ފްލައި ދުބާއީ، ޤަޠަރު އެއާވޭސް، ސެންޓްރަމް އެއާ އަދި ކެތޭ ޕެސިފިކް އެއާވޭސް ހިމެނެއެވެ. މީގެ އިތުރުން، އެ ގްރޫޕަކީ މޯލްޑިވިއަން، ސިންގަޕޯ އެއާލައިންސް، ބެންކޮކް އެއާވޭސް، އެއާ އޭޝިއާ، އިންޑިގޯ އަދި ޔޫ.އެސް ބަންގްލާ އެއާލައިންސްގެ ޕީ.އެސް.އޭ ވެސް މެއެވެ.

ފިރާޤު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ފުރުސަތުތަކަކީ ދުވަހަކުވެސް މަޑުޖެހުމެއް އަންނާނެ ކަންކަމެއް ނޫނެވެ. އަދި އައު އެއާލައިންތަކާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.